Close
ޔޫރޯ 2020

ސްކޮޓްލޭންޑްގެ ތާރީހީ ފެށުން ހިތްދަތި، ޗެކްގެ ތަރިއަކީ ޝިކް

ޔޫރޯ 2020 ގެ ގްރޫޕް ޑީގެ ދެވަނަ މެޗުގައި ސްކޮޓްލޭންޑު ބަލިކޮށް ޗެކު ރިޕަބްލިކްގެ ފެށުން ރަނގަޅުކޮށްފިއެވެ.

ލަސްގޯގެ ހެމްޕްޑެން ޕާކުގައި ސްކޮޓްލޭންޑްގެ ޖޯޝު ގަދަ ސަޕޯޓަރުން ކުރިމަތީގައި ޗެކް ރިޕަބްލިކުން ސްކޮޓްލޭންޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ސްކޮޓްލޭންޑްގެ ކެޕްޓަން އެންޑީ ރޮބާޓްސަންއާއެކު ޓީމު ދަނޑަށް ނުކުތް ހިސާބުން ފެށިގެން ގްލަސްގޯގެ ހެމްޕްޑެން ޕާކު ދިޔައީ ސަޕޯޓަރުން އަޑުން ގުގުމަމުންނެވެ. 25 އަހަރަށްފަހު ސްކޮޓްލޭންޑުން ޔޫރޯގެ ފުރަތަމަ މެޗަށް ނުކުތީ އަމިއްލަ ގައުމުގައެވެ. ޗެކް ރިޕަބްލިކަށް އެކަންވީ މެޗުގެ އެންމެ ބޮޑު ޗެލެންޖަށެވެ.

1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ރަނަރަޕް ޗެކު ރަބަޕްލިކުން މިއަދުގެ މެޗަށް ނުކުތީ ސްކޮޓްލޭންޑްގެ ފެންވަރަށް ވިސްނައިގެންނެވެ. އެންމެފަހުން ދެޓީމު ކުޅުނު ތިން މެޗުވެސް ސްކޮޓްލޭންޑުން ކާމިޔާބު ކޮށްފައި އޮތުމުންނެވެ. އެއީ ނޭޝަންސް ލީގުގެ ދެމެޗާއި އެކުވެރިކަމުގެ މެޗަކުންނެވެ. މިއީ ޗެކް ރިޕަބްލިކް ބޮޑު މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ސަޕޯޓަރުންގެ ބާރު އަޑާއެކު ސްކޮޓްލޭންޑުން މެޗު ފެށީ ރަނގަޅު ޓެމްޕޯއެއްގައެވެ. މެޗުގެ ކުރީކޮޅުގައި ޖޯން މެކްގިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ ބްލޮކްވެފައިވާ އިރު، ދެން ފެނިގެން ދިޔައީ ޗެކުގެ ނުރައްކާތެރި ހަމަލާއެކެވެ. މެޗުގެ 16 ވަނަ މިނެޓުގައި ބަޔާން ލެވަކޫސަންއަށް ކުޅެމުންދާ ވަރުގަދަ ފޯވަޑް ޕެޓްރިކް ޝިކް ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ މަތަކޮށް ބޭރުކޮށްލީ ސްކޮޓްލޭންޑްގެ ގޯލްކީޕަރު ޑޭވިޑް މާޝަލްއެވެ.

ފޯރިގަދަކޮށް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި އިތުރު ހަމަލާތައްވެސް ފެނުނެވެ. ސްކޮޓްލޭންޑްގެ ރޮބާޓްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލީޑޮން ޑައިކްސްގެ ހަމަލާއެއްގެ އިތުރުން ރޮބާޓްސަންގެ ނުރައްކާތެރި ހަމަލާއެއްވެސް ފާހަގަވިއެވެ. އަރިމަތިން ކުރިއަށް ޖެހި ރޮބާޓްސަން ފޮނުވާލި ބާރު ހަމަލާ ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު ތޯމަސް ވަސިލިކް ވަނީ ޕަންޗުކޮށް ބޭރުކޮށްލައިފައެވެ.

އެ ހަމަލާތަކަށް ޗެކް ރިޕަބްލިކުން ރައްދު ދިނީ ގޯލަކުންނެވެ. ފުރަތަމަ ހާފް ނިމިނިމި އޮއްވައި ޗެކަށް ލީޑު ނަގައިދިނީ ޝިކެވެ. ހާފް ނިމިގެން ދިޔައީ ޝައުގުވެރި ކުޅުމަކަށްފަހުއެވެ. ހާއްސަކޮށް ދެކޮޅަށްވެސް އެޓޭކްކޮށް އޯޕަން ކުޅުމެއް ދެޓީމުންވެސް ކުޅުން ވެގެންދިޔައީ ސަޕޯޓަރުންނަށް ލިބުނު ބޯނަހަކަށެވެ.

ދެވަނަ ހާފުވެސް ފެނުނީ ހަމަލާތައް ގިނަ ފޯރިގަދަ ހާފެއްގެ ގޮތުގައެވެ. ހާއްސަކޮށް އެންމެންގެ ލޯތައް އަމާޒުވީ ހާފްގެ ކުރީކޮޅުގައި ޗެކް ރިޕަބްލިކްގެ ވަރުގަދަ ފޯވަޑް ޝިކް ޖެހި ހިތްގައިމު ގޯލަށެވެ. ޝިކް އެ ގޯލް ޖެހީ ހާފްގެ މެދަށްވުރެވެސް މެދު ރޮނގާ ކައިރިން ސްކޮޓްލޭންޑް ގޯލްކީޕަރު ބޯމަތިން ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.

ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ސްކޮޓްލޭންޑް އަމިއްލަ ދަނޑުގައި ބަލިވުމާ ދިމާލަށް މިސްރާބު ޖެހިއެވެ. އެހެންނަމަވެސް އެޓީމުން ދޫނުކޮށް ކުރިއަށް ޖެހުނެވެ. ސްޓުއާޓް އާމްސްޓްރޯންގާއި ޑައިކްސްގެ ދެ ހަމަލާއެއްވެސް ފާހަގަވެފައިވާ އިރު، ފަހު ހާފުގައި ޗެކު ރިޕަބްލިކްގެ ގޯލްކީޕަރުގެ މޮޅު ދެ ސޭވް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ފަހުކޮޅުގައި ޝިކްގެ ހެޓްރިކް ފުރިހަމަ ކުރުމަށްވެސް އޭނާއަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއަށް ތިރިތިރީން ހުރަސްވެގެން އައި ބޯޅައަކަށް ހުސްކޮށް އެރި ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަޑުމަޑުން ގޯލްކީޕަރު އަތަށެވެ.

މިރޭ ކުރިއަށް ހުރި މެޗުތައް

21:00 ޕޮލެންޑް - ސްލޮވޭކިއާ
00:00 ސްޕެއިން - ސްވިޑެން