އުމުރުން 18 އަހަރުވުމުގެ ކުރިން މީހަކު ކޮށްފައިވާ ކުށެއް، މީޑިއާގައި ރިޕޯޓު ނުކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އުސޫލެއް އެކުލަވާލައިިއެވެ.
އެމްއެމްސީން މިއަދު ވަނީ "ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު" ގެޒެޓްކޮށްފަ އެވެ. އަދި އެ އުސޫލަށް މިއަދު ވަނީ އަމަލު ކުރަން ފަށައިފައެވެ.
އުސޫލުގައި ވަނީ ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެންމެހައި މަރުހަލާއެއްގައި ވެސް އަދި އެއަށްފަހުގައި ވެސް ކުއްޖާގެ ޒާތީ މައުލޫމާތު ނުވަތަ ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިއުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ ކޭސްއާ ގުޅޭ މައުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައިވެސް ހާމަކޮށްގެން ނުވާނެ ކަމަށްވެސް އުސޫލުގައިވެއެވެ.
އުސޫލުގައި ވަނީ ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫންވެސް ސަބަބަކަށްޓަކައި އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދޭހަވާ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެ ކުދިންގެ ތަސްވީރެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިއުކޮށްގެން ނުވާނެ ކަމަށެވެ.
"ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައުލޫމާތު ރިޕޯޓުކުރާއިރު، އެއްވެސް މީހަކު އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ހާމަކޮށްގެން ނުވާނެ،" އުސޫލުގައިވެއެވެ.
ކުއްޖާއާމެދު ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެންމެހައި މަރުހަލާއެއް ކަޑައްތުކޮށް މުޖުތަމައަށް ހެޔޮގޮތުގައި ކުއްޖާ އެނބުރި ރުޖޫއަވުމާ ހަމައަށް ވެސް އަދި އެއަށްފަހުގައި ވެސް ކުއްޖާގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށާއި ކުއްޖާއާ ގުޅުންހުރި ކޭސްއާ ގުޅޭ މައުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް މީޑިއާގައި ހާމަކޮށްގެން ނުވާނެ ކަމަށްވެސް އުސޫލުގައިވެއެވެ.
އެ އުސޫލުގައިވާގޮތުން ޝަރީއަތުގެ މަރުހަލާގައި ކުއްޖާގެ ނަމާއި އެޑްރެހާއި ސްކޫލާއި ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާގެ ތަސްވީރެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ވެސް ޝާއިއުކޮށްގެން ނުވާނެއެވެ. ނަމަވެސް ކުއްޖާގެ މަސްލަހަތަށްޓަކައި ކަނޑައެޅިފައިވާ ހާލަތުތަކެއްގައި އަދި ލިޔުމުން ރެކޯޑު ކުރެވޭ ސަބަބުތަކަށްޓަކައި ކޯޓުން ހުއްދަކުރާ މިންވަރެއް މީޑިއާގައި އާންމު ކުރެވޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.
އެ އުސޫލާ ހިލާފުވާ މީޑިއާއާމެދު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އުސޫލުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު