ޚަބަރު

ފޭދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުންދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 28 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށްވެސް ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހެދުމާއި މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ޑިސެމްބަރު 29، 2019 ގައި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 33.1 މިލިއަން ރުފިޔާއަށް، 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.