(12 ޖޫންގެ އަދަދާ ގުޅޭ)
އަންދަލުސުގެ އާއްމުން ތިބީ ޙިޞްނުއްލައިޠު ފަތަޙަވުމުން އެކަމާ ވަރަށް އުފަލުންނެވެ. އެކަމަކު އެމީހުން ތިބީ މުލޫކުއްޠަވާއިފުންގެ ޣަދަރުވެރިކަމާއި ބޭވަފާތެރިކަމާމެދު އެއަށްވުރެ މާބޮޑަށް ރުޅިއައިސްފައެވެ. އަންދަލުސުގެ ހުރިހައި ކަންކޮޅުތަކަކުން ދިޔައީ މުލޫކުއްޠަވާއިފުންގެ ކިބައިން ބަދަލުހިފުމުގެ ޖޯޝާއި ފޯރި ކެކިއުތުރި އަރަމުންނެވެ. މުލޫކުއްޠަވާއިފުންވަނީ އެއްޤަރުނު ވަންދެން ޤައުމުގެ ލެޔާއި ކަރުނައިން އެބޭފުޅުންގެ ޢައްޔާޝީ ގަނޑުވަރުތައް ބިނާކުރައްވައިފައެވެ. އަންދަލުސުގެ ހުރިހައި މިސްކިތްތަކަކާއި މަދަރުސާތަކަކުން ޢިލްމުވެރީން ގެންދެވީ މުލޫކުއްޠަވާއިފުންނާ ދެކޮޅަށް ފަތުވާތައް ނެރުއްވަމުންނެވެ. އެފަތުވާތަކުގައި ވަނީ ޤަޞްޠިލާގެ ނަސްރާނީ ރަސްގެފާނާ ގުޅުން އުފައްދަވައި މުސްލިމު އަޚުންނާމެދު ޣަދަރުވެރިވެވަޑައިގެންނެވީއްސުރެ ޢަމަލީގޮތުން އެބޭފުޅުން އިސްލާމްދީނުން ބޭރުވެވަޑައިގެންފައިވާ ކަމުގައެވެ. އެބޭފުޅުންނަކީ އިސްލާމްދީނުގެ އެންމެ ނުބައި ދުޝްމިނުންކަމުގައެވެ. أميـر يـوسف އެބޭފުޅުންނާއެކު ކުރީން ވަޑައިގެންފައި ހުރިހާ ޢަހުދުތަކަކާއި ވަޢުދުތަކަކުން މިނިވަންވެވަޑައިގެންފައިވާ ކަމުގައެވެ. މިހާރު އެބޭފުޅުން ވެރިކަމުން ދުރުކުރެއްވުމަކީ أميـر يـوسف އަށް ލިބިވަޑައިގެންފައިވާ ހަމައެކަނި ޙައްޤެއް ނޫންކަމަށާއި އެއީ أميـر يـوسف ގެ އިސްތަށިފުޅުގައި އެޅިފައިވާ ވާޖިބެއްކަމުގައެވެ. ފަޤީހުން ލިޔުއްވައިފައިވެއެވެ. "އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ މިފަތުވާއާމެދު މާތް اللّـه ގެ ޙަޟުރަތުގައި ޖަވާބުދާރީވުމުގެ ޒިންމާ ބޮލަރުވައިގެންނެވެ. އަޅުގަނޑުމެން މިހިނގަނީ ކުށްމަގަކުން ކަމުގައިވާނަމަ އަޅުގަނޑުމެންގެ ޢާޤިބަތުގައި އަޅުގަނޑުމެންނަށް އެކަމުގެ ސަޒާ ލިބޭނެއެވެ. އަޅުގަނޑުމެން ޔަގީންކަމާއެކު ދަންނަވަމުއެވެ. މަނިކުފާނު މިޤައުމު އެކާފަރުންނާ ހަވާލުކުރައްވައިފައި އެނބުރި ވަޑައިގެންފިނަމަ މާތް اللّـه ގެ ޙަޟުރަތުގައި މަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ."
މިދެންނެވި ފަތުވާގެ އިތުރަށް އެހެން ފަތުވާއެއްގައި ޢިލްމުވެރީންވަނީ މުލޫކުއްޠަވާއިފުންގެ ހުރިހައި ބޭބޭފުޅުންގެ އިސްތަށިފުޅުގައި އެކިއެކި ޞަރީޙަ އިލްޒާމުތައް އަޅުއްވައިފައެވެ. އެފަތުވާގައި أميـر معـتـمـد އާއެކު ވަނީ ރަމީކިއްޔާގެ ވާހަކަވެސް ބަޔާންކުރައްވައިފައެވެ. އެކަމަނާއާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ. އިސްލާމްދީން ހުއްދަ ނުކުރާ ޢައްޔާޝީ ދިރިއުޅުއްވުމަކަށާއި ރާފޮދު ހިއްޕެވުމަށް އެކަމަނާގެ ފިރިކަލުން އާދަކުރުއްވީ އެކަމަނާއެވެ. އިޝްބީލިއްޔާގައި ފާޙިޝްކަމާއި ފާސިޤުކަމުގެ ކޯރެއް އުތުރި އެރުމުގެ ސަބަބަކަށްވީ މަލަކާ ރަމީކިއްޔާއެވެ. (މިދެންނެވި ފަތުވާތަކާ ބެހޭގޮތުން ޔޫރަޕުގެ ބައެއް މުއައްރިޚުން ވާހަކަ ދައްކަވާއިރު ބާރުއަޅުއްވައިފައިވަނީ أميـر يـوسف بــن تـاشـفـيـن ކުރީއްސުރެ ހުންނެވީ އަންދަލުސަށް ވެރިވެވަޑައިގަންނަވާން ގަސްދުކުރައްވައިގެން ކަމުގައެވެ. ދަންނަބޭކަލުން އިސްވެދިޔަ ފަތުވާތައް ދެއްވީ އެމަނިކުފާނުގެ އިޝާރަތަކަށް ކަމުގައެވެ. ކްރިސްޓިޔަން މުއައްރިޚުންގެ މިފަދަ ވާހަކަތަކަކީ އަޅުގަނޑުމެން ހައިރާންވާންޖެހޭ ބަޔާންތަކެއް ނޫނެވެ. އެދުވަސްވަރުގެ މުސްލިމުންގެ ގިނަ ޢާލިމުންގެ ކެރިވަޑައިގެންނެވުމާއި أميـر يـوسف ގެ ޝަޚުޞިއްޔަތުގެ މައްޗަށް ނުހަނު މަތިމަތީގެ ނަޒަރަކުން ބަލައިލިކަމުގައިވިޔަސް ކްރިސްޓިޔަން މުއައްރިޚުންގެ އެބަޔާންތަކަކީ ބުހުތާން ދޮގު ބަޔާންތަކެއްކަން ރަނގަޅަށް ސާބިތުވެއެވެ. ކްރިސްޓިޔަން މުއައްރިޚުންވަނީ ޒަލާޤާގެ ހަނގުރާމަޔާއި ޙިޞްނުއްލައިޠުގެ ފަތަޙައާ ގުޅިގެން ޙަޤީޤަތާ ޚިލާފު އެތައް ވާހަކަތަކެއް ލިޔުއްވައިފައެވެ. ޒަލާޤާގެ ހަނގުރާމައިގައި ކްރިސްޓިޔަނުންގެ ލަޝްކަރުގެ އަދަދުވެސް އެބޭފުޅުން ބަޔާންކުރައްވައިފައިވަނީ އިންތިހާޔަށް މަދުކުރައްވައިގެންނެވެ. މުސްލިމުންނާމެދު ސަލީބީންގެ ޢަދާވަތްތެރިކަމާއި ދުޝްމިނުކަމުގެ ތާރީޚަށް ނަޒަރު ހިންގާއިރު ޢީސާއީން މިފަދަ ސަރީޙަގޮތަކަށް ގިއްގަޅުވައިލައްވައި ވަތަކުތޯ ޖައްސަވައިލެއްވި މުސްލިމު މުޖާހިދަކާ ބެހޭގޮތުން ތަޢައްޞަބުގެ އައިނު ނާޅުއްވައި ލިޔުއްވުމަކީ ކްރިސްޓިޔަން މުއައްރިޚުންނަށް ކުރެއްވޭނެކަމެއް ނޫންކަން އަޅުގަނޑުމެންނަށް އެނގެއެވެ. أميـر يـوسف بــن تـاشـفـيـن ގެ މަސައްކަތްޕުޅާމެދު އަޅުގަނޑުމެން ވިސްނައިލާއިރު ހަމައެކަނި ޒަލާޤާގެ ފަތަޙައަށްފަހު އެމަނިކުފާނު ޢަމަލުކުރެއްވި ގޮތުންވެސް އެމަނިކުފާނުގެ އަމިއްލަ އެދުންފުޅެއް ނެތްކަމާއި ހެޔޮނިޔަތްޕުޅާއި ތެދުވެރިކަން އަޅުގަނޑުމެންނަށް ސާބިތުވެއެވެ. ޒަލާޤާގެ ފަތަޙައަށްފަހު އަންދަލުސް ޢަމަލީގޮތުން އޮތީ އެމަނިކުފާނުގެ މުށްޕުޅުގެ ތެރޭގައެވެ. ރައްޔިތުންގެ ހިތްތަކުގެ މައްޗަށް އާއްމުވެފައި އޮތީ އެމަނިކުފާނުގެ ވެރިކަމެވެ. އެހެންކަމާއެކުވެސް އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވަޢުދަށް ވަފާތެރިވެވަޑައިގެންފައެވެ. އަންދަލުސުން ސިފައިން ބާލުއްވައިފައެވެ. އެމަނިކުފާނު އަންދަލުސަށް ވަޑައިގެންނެވި ދެފަހަރުންކުރެ ކޮންމެފަހަރަކުވެސް އަންދަލުސަށް ވަޑައިގެންނެވީ ރައްޔިތުންނާއި ވެރީންނާއި ޢިލްމުވެރީން އާދޭސް ދަންނަވައިގެންނެވެ. އަންދަލުސުގެ ދަންނަބޭކަލުން ފަށްފަށްކުރައްވައި ފަތުވާ ނެރުއްވަން ޖެހިވަޑައިގެންނެވީ أميـر يـوسف ތަކުރާރުކުރައްވައި އަންދަލުސުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން އިންކާރު ކުރައްވާތީއެވެ. أميـر يـوسف އެކަމާ ފަސްޖެހިވަޑައިގަންނަވާތީއެވެ. އަންދަލުސުގެ ޢާލިމުންވަނީ އެބޭކަލުންގެ ފަތުވާ އިތުރަށް ބާރުގަދަ ކުރެއްވުމަށްޓަކައި އިސްލާމީ އުންމަތުގެ ދަރަޖަމަތިވެރި ޢާލިމުންގެ ތާއީދުވެސް ހޯއްދަވައިފައެވެ. މިސުރާއި ޝާމާއި ޙިޖާޒުގެ ޢިލްމުވެރީންގެ އަރިހުން އިތުރު ފަތުވާތައް ގެންނަވައިފައެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ އެކިއެކި ބޭކަލުންނަކީ ޝަހެންޝާހުންގެ ގުބާކޮޅުތައް ވީއްދަވަންވެސް ފަސްޖެހިވަޑައިނުގަންނަވާ ބޭކަލުންނެވެ.)
އަނެއްކާވެސް ތަންކޮޅަކަށް ކުރިޔަށް ޖެހިލަމާ ހިންގަވާށެވެ. އަންދަލުސުގެ އެދުވަސްވަރުގެ އާއްމު މުސްލިމުންނާމެދު ވިސްނާއިރު މުލޫކުއްޠަވާއިފުންނާމެދު އެބައިމީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށްޓަކައި އެއްވެސް ފަތުވާއަކަށް ބޭނުމެއް ނުވެއެވެ. ޙިޞްނުއްލައިޠުގެ މުޖާހިދުންގެ ލެޔާއި މުލޫކުއްޠަވާއިފުން ފާޅުގައި ރޯމާދުވާލު ހިންގެވި ޣަދަރުވެރި ޢަމަލަކީ އަންދަލުސުގެ އާއްމުންގެ ލޭ ބޮކިޖަހާވަރަށް ކައްކައިލަން ފުދިފައި އިތުރުވާ ކަމެކެވެ. އެހެންކަމުން أميـر يـوسف بــن تـاشـفـيـن އަލްފާންސޫ ފައްސަވަމުން ވަޑައިގެން އޭނާ ޤަޞްޠިލާގެ ސަރަޙައްދަށް ލައްވައިފައި އެނބުރިވަޑައިގެން ހަމަޖެހިވަޑައިނުގެންނެވި އުޅުއްވަނިކޮށް އަންދަލުސުގެ ކަންކޮޅުތަކުންވަނީ މުލޫކުއްޠަވާއިފުންނާ ދެކޮޅަށް ބަޣާވަތުގެ ހުޅުއަރާން ފަށައިފައެވެ. އެންމެފުރަތަމަ އިސްނެގީ ޣަރުނާޠާގެ މިނިވަން ހަރަކާތުގެ މެމްބަރުންނެވެ. އެބައިމީހުން أميـر عبـد اللّـه އާ ދެކޮޅަށް ބަޣާވަތުގެ ދިދަ އުފުލައިލީ أميـر عبـد اللّـه ގެ ނުފޫޒުހުރި ވަޒީރެއްކަމުގައިވާ معمــل ގެ ވެރިކަމުގެ ދަށުގައެވެ. قـاضى أبـو جـعـفـر ގެންދެވީ އެބައިމީހުންނަށް އިރުޝާދު ދެއްވަމުންނެވެ. أميـر عبـد اللّـه މިނިވަން ހަރަކާތް އޮއްބަވަން މަސައްކަތްކުރައްވާން ފެއްޓެވީ ނުހަނު ހިތްޕުޅު ހަރުކަމާއެކުގައެވެ. އަލްފާންސޫގެ އެހީ ލިބިވަޑައިގަންނަވާނެ ކަމުގައި ބައްލަވައިގެންނެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުން ރޭގަނޑަކު ފިލައިގެންގޮސް ލައުޝާ ހިފައިފިއެވެ. އެރަށުގައި أميـر يـوسف ގެ ވެރިކަން އިޢުލާނު ކޮށްފިއެވެ. أميـر عبـد اللّـه ލަޝްކަރު ފޮނުއްވައިގެން معمــل އާއި ދެންވެސް ތިއްބެވި އިސްބޭފުޅުން ހައްޔަރުކުރެއްވިއެވެ. އޭގެތެރޭގައި ޣަރުނާޠާގެ ވަރަށް ނުފޫޒުހުރި ޢިލްމުވެރީންވެސް ތިއްބެވިއެވެ. أميـر عبـد اللّـه އެބޭފުޅުންގެ އަތްޕުޅުގައި ބިޑި އަޅުއްވައިގެން ބާޒާރުމަތީގައި ގަންހިންގެވިއެވެ.
أميـر يـوسف އަލްފާންސޫ ފައްސަވަމުން ވަޑައިގެން އޭނާ ޤަޞްޠިލާއަށް ލައްވައިފައި އެނބުރި ވަޑައިގެންނެވީ ޙިޞްނުއްލައިޠުގެ ކައިރީގައިހުރި އެމަނިކުފާނުގެ މުޢަސްކަރަށެވެ. އެމަނިކުފާނު ވަޑައިގެންނެވިއިރު ޣަރުނާޠާގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. ޣަރުނާޠާގެ ކަންތައް ހުރިގޮތުގެ ޚަބަރު ލިބިވަޑައިގެންނެވުމާއެކު އެމަނިކުފާނުގެ ލަޝްކަރުގެ ބައެއް ގެމަތައް ގޮވައިގެން ޣަރުނާޠާއަށް ދަތުރު ފައްޓަވައިފިއެވެ. އެއާއެކު أميـر عبـد اللّـه އަށް ޚަބަރު ފޮނުއްވިއެވެ.
"މަނިކުފާނަށް އެހީވެވަޑައިގަންނަވާކަށެއް އަލްފާންސޫއަކަށް ދެނެއް ވަޑައެއް ނުގެންނެވޭނެއެވެ. އަޅުގަނޑު އެނބުރި މިއައީ އޭނާ ފައްސަމުން ގެންގޮސް ޤަޞްޠިލާއަށް ލައިފައެވެ. އެހެންކަމުން މަނިކުފާނުގެ ހިސާބު ބެލެވޭނެ ދުވަސް މިހާރު އޮތީ މާކަދުރަކު ނޫނެވެ. ރަނގަޅު ގޮތަކީ މަނިކުފާނުގެ ފާފައިގެ ތިލަފަތް އިތުރަށް ބަރުނުކުރެއްވުމެވެ. معمــل އާއި އޭނާގެ އެކުވެރީން ވަގުތުން ދޫކޮށްލައްވާށެވެ!"
أميـر عبـد اللّـه ޤައިދީން ދޫކޮށްލެއްވިއެވެ. އޭނާގެ މަންމާފުޅުގެ ވިސްނައިދެއްވުމާއި އަލްފާންސޫއާމެދު މާޔޫސުވެވަޑައިގެންނެވުމުގެ ސަބަބުންނެވެ. އެއަށްފަހު އޭނާ أميـر يـوسف ގެ އަރިހަށް މަންދޫބަކު ފޮނުއްވިއެވެ. "އަޅުގަނޑާމެދު މަނިކުފާނަށް ކުށްހީފުޅެއް ކުރެއްވުނީއެވެ. އެހެންކަމުން އަޅުގަނޑު ބޭނުމީ މަނިކުފާނުގެ އަރިހަށް އަމިއްލައަށް ހާޒިރުވެ އަޅުގަނޑުގެ ކުށެއްނެތްކަން ސާބިތުކޮށްދޭށެވެ!" އޭނާ ވިދާޅުވިއެވެ.
أميـر يـوسف ޣަރުނާޠާއާ އަށްމޭލު ކައިރިޔަށް ވަޑައިގެން ލަޝްކަރު މަޑުކުރެއްވުމާއެކު أميـر عبـد اللّـه، أميـر يـوسف ގެ އަރިހަށް ވަޑައިގެންފިއެވެ. އޭނާ ވަޑައިގެންނެވީ އަގުހުރި ވަރަށްގިނަ ހަދިޔާތައް ހިއްޕަވައިގެންނެވެ. أميـر عبـد اللّـه އޭނާގެ ކުށެއްނެތްކަން ސާބިތުކޮށްދެއްވަން މަސައްކަތްޕުޅު ފެއްޓެވިއެވެ.
أميـر يـوسف ގެ އަމުރުފުޅަށް އޭނާގެ ކުރިފުޅުމައްޗަށް ޤައިދީންގެ ދެމީހަކު ހާޒިރު ކުރެވިއްޖެއެވެ. އެދެމީހުންކުރެ އެކަކީ زيـاد އެވެ. އަނެކަކީ أميـر عبـد اللّـه އަލްފާންސޫގެ އަރިހަށް ފޮނުއްވި މަންދޫބެވެ.
أميـر يـوسف، عبـد اللّـه އާ ސުވާލު ކުރެއްވިއެވެ. "މަނިކުފާނު މީނާ ދެނެވަޑައިގަންނަވަމުތޯ؟"
عبـد اللّـه އޭނާގެ ހިތްޕުޅަށްވެރިވި ބިރުފުޅުގެ މައްޗަށް ބާރު ފޯރުއްވެވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "ނޫން. އަޅުގަނޑު ދަންނަ މީހެއް ނޫން. މިއީ ކާކުތޯ؟"
أميـر يـوسف ޣަރުނާޠާގެ ޤައިދީއާ ސުވާލު ކުރެއްވިއެވެ. "ކަލޭ أميـر عبـد اللّـه ދަންނަމުތަ؟"
ޤައިދީ ޖަވާބު އެރުވިއެވެ. "އާދެ! އަޅުގަނޑަށް އޭނާ ހަނދާން ނައްތައިލެވޭނީ ކިހިނަކުންތޯ؟ އަޅުގަނޑު އޭނާގެ ޚިދުމަތުގައި އުޅޭތާ އަށް އަހަރުވެއްޖެ. އެންމެ ނުލަފާ ކަންތައްކުރުވަން އޭނާ އަބަދުވެސް ޢައްޔަން ކުރައްވާނީ އަޅުގަނޑު. އަޅުގަނޑު ހައްޔަރުވީ އޭނާގެ މަންދޫބެއްގެ ގޮތުން އަލްފާންސޫގެ އަރިހަށްގޮސްފައި އެނބުރި އަންނަނިކޮށް. އޭނާގެ ފަރާތްޕުޅުން އަގުހުރި ޖަވާހިރުގެ ކީސާއެއްވެސް އަޅުގަނޑު އަލްފާންސޫއަށް ވެދުމަށް އެރުވިން. ޣަރުނާޠާގެ ޝާހީ ގަނޑުވަރުގެ އެންމެން ހެކިވާނެ އަޅުގަނޑަކީ އޭނާގެ ބަތާ ކައިގެން ހުންނަ މީހެއްކަމަށް."
عبـد اللّـه ސިހިވަޑައިގެންފައިވާ ނަޒަރަކުން أميـر يـوسف އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް أميـر يـوسف ގުގުރައިވަޑައިގެންފައި ވިދާޅުވިއެވެ. "ހިމޭނުން ހުންނަވާ! ތިޔައަށްވުރެ ބޮޑަށް އިންސާނިއްޔަތު ނިކަމެތިކޮށްލެވޭތަން ދެކޭކަށެއް އަޅުގަނޑަކަށް ކުޅަދާނައެއް ނޫން! މީނާ ގެންދޭ—!"
ސިފައިންގެ ދެމީހަކު އޭނާގެ ދެމުލައްދަނޑިފުޅުގައި ހިފައިގެން އެހެން ފޭލިގެޔަކަށް ގެންގޮސްފިއެވެ. އެތާނގައި އޭނާގެ އަތްޕުޅުގައި ބިޑިއަޅުވައި ފައިންޕުޅުގައި ހިލިހިލާ ޖަހައިފިއެވެ.
أميـر عبـد اللّـه ހައްޔަރުކުރެއްވުމަށްފަހު أميـر يـوسف ވަޑައިގެންނެވީ ޣަރުނާޠާއަށެވެ. ޣަރުނާޠާގެ މީހުން އަންދަލުސު ސަލާމަތްކޮށްދެއްވި މުޙުސިނަށް މަރުޙަބާ ދެންނެވީ ޝުކުރުވެރިކަމުގެ ކަރުނަޔާ އެކުގައެވެ. ރަސްކަމުގެ ގަނޑުވަރުގެ ފާރަވެރީން އެއްވެސް ދެކޮޅުހެދުމެއްނެތި ގަނޑުވަރުގެ ދޮރުކޮޅުތައް ހުޅުވައިލިއެވެ. ވިދިގެންއައި ދުވަހު ޣަރުނާޠާގެ އެތަކެއްހާސް މުސްލިމުން މާމިސްކިތަށް ހާޒިރުވިއެވެ. އެބައިމީހުން އުފަލުން ފުރިފައިތިބެ އަޑުއެހީ ޝަރީޢަތާ ޚިލާފު ހުރިހާ ވާރު ޚަރާޖެއް އުވައިލެވުނު ވާހަކައެވެ. ޣަރުނާޠާގެ އައު ސަރުކާރުން އިސްލާމީ ހުރިހައި ޤާނޫނުތަކަކަށާއި އުސޫލުތަކަކަށް ފުރިހަމަޔަށް ތަބާވާނެ ވާހަކައެވެ.
أميـر يـوسف ގެ ލަޝްކަރު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޣަރުނާޠާއަށް އަތުވެއްޖެއެވެ. سعد އާއި أحمد އާއި ميـمــونـة އާއި المـــاس އާ ހަތަރު ބޭފުޅުން ޣަރުނާޠާއަށް ވަޑައިގެންނެވީ ފައުޖުގެ އެންމެފަހުންއައި ގެމަތަކާ އެކުގައެވެ. سعد ގެ ޒަޚަމުތަކުގެ ފާރުވަނީ ހިކިފައެވެ. އެކަމަކު އަދިވެސް އޭނާގެ މޫނުފުޅުމަތީގައި އާލާސްކަންފުޅުގެ އަސަރު ވަރަށްބޮޑަށް ހުއްޓެވެ. سـكيـنـة، سعد ފެނިވަޑައިގެންނެވުމާއެކު ތެދުވެވަޑައިގެން ކުރިޔަށް ވަޑައިގެންނެވިއެވެ. سعد ފެންކަޅިފުޅުވެފައިވާ ލޯފުޅަކުން އޭނާގެ މަންމަޔާ ދިމާޔަށް ބައްލަވައިލެއްވިއެވެ.
سعد ވިދާޅުވިއެވެ. "މަންމާފުޅާ! ބައްޕާފުޅުމެންގެ ލޭފޮދު ބޭކާރެއްނުވޭ. އެ މަޤުޞަދެއްގައި އެބޭފުޅުން ޤުރުބާންވެވަޑައިގެންނެވި މަޤުޞަދު ހާސިލުވެއްޖެ. ބައްޕާފުޅުގެ އެދިވަޑައިގެންނެވުމަކީ ޤުރުޠުބާ މިނިވަންވުން. އެރަށުގައިހުރި އަޅުގަނޑުމެންގެ ވީރާނާވެފައިހުރި ގެ އަލުން އާބާދުކުރެއްވުން."
سـكيـنـة ކަރުނަ ފޮއްސަވަމުން ވިދާޅުވިއެވެ. "ނޫން. ދަރިފުޅާ! ބައްޕާފުޅު ފުރާނަފުޅުން އަގުދެއްވައިފައި ބައްލަވައިގެންނެވީ މުޅި ޤައުމުގެ ޢިއްޒަތާއި މިނިވަންކަން. ވީރާނާވެފައިވާ އެތައް ރަށަކާއި އެތަކެއްހާސް އަވަށްތަކެއް މިއަދަށްފަހު މިނިވަންވާނެ. އަލުން އާބާދުވާނެ!"
طـاهـــرة އާއި ميـمــونـة އާ ދެބޭފުޅުން އޮވުލައިވަޑައިގެން ގިސްލައްވަނީއެވެ.
* * * * * * * * * *
މުލޫކުއްޠަވާއިފުންނާ ދެކޮޅަށް މާވަރުގަދަ ހަނގުރާމަތަކެއްކުރާން ޖެހޭނެކަމަކަށް މުރާބިޠީނުން ލަފައެއް ނުކުރެއެވެ. އާއްމު ރައްޔިތުންގެ ލަޢުނަތް ލިބިވަޑައިގެންނެވުމާ ވިދިގެން މުލޫކުއްޠަވާއިފުންގެ ބާރު ހިނގަނީ ހަމައެކަނި އެބޭފުޅުންގެ ކިއްލާއަށެވެ. ނުވަތަ ގަނޑުވަރުގެ ހަތަރުފާރުގެ ތެރެޔަށެވެ. ޤައުމުގެ މުސްތަޤުބަލާމެދު ވިސްނާ ފަރާތްތަކުން ކުރީއްސުރެ އެބޭފުޅުންނާމެދު ބަލަމުންއައީ ޤައުމުގެ ދުޝްމިނުން ކަމުގައެވެ. ހުސްއެކަނި ތިމާމެންގެ މަޞްލަޙަތަށް ވިސްނާ މީހުންވެސް ވައިޖެހޭ މިސްރާބު އެނގުމުން މިހާރު އެތިބީ އެބޭފުޅުންނާ ތިމައުރެންގެ މުސްތަޤުބަލު ގުޅުވަން ޖެހިލުންވެފައެވެ.
އަންދަލުސުގެ އެތަންމިތަނުން أميـر يـوسف އަށް ބައިޢަތުހިފަން މީހުންތައް ބައިބަޔަށް ޣަރުނާޠާއަށް އަންނަމުން ދެއެވެ. ޣަރުނާޠާގެ أميـر ހައްޔަރުވެވަޑައިގެންނެވުމަށްފަހު މުލޫކުއްޠަވާއިފުންގެ އެއްވެސް ބޭފުޅަކަށް އެބޭފުޅުންގެ ނިމިވަޑައިގަތުން އަންނާނެ ގޮތާމެދު ކުށްހީފުޅެއް ކުރެއްވިފައެއް ނެތެވެ. އެބޭފުޅުން ގެންދެވީ އެއްކޮޅުން އަލްފާންސޫގެ އަރިހަށް އެހީފުޅަށްއެދި ޚަބަރު ފޮނުއްވަމުންނެވެ. އަނެއްކޮޅުން أميـر يـوسف ގެ އަރިހަށް މަންދޫބުން ފޮނުއްވައިގެން އާދޭސްކުރައްވަމުންނެވެ.
أميـر يـوسف ގެ އަތްޕުޅުގައި މުލޫކުއްޠަވާއިފުންގެ އާދޭހަށް ދެއްވަން އޮންނަނީ ތައްގަނޑުޖެހި ރަސްމީ އެންމެ ޖަވާބެކެވެ. "އަޅުގަނޑު ތިޔަބޭފުޅުންނާ އެހީވާން އައީ ތިޔަބޭފުޅުންނަކީ މުސްލިމުން ކަމުގައި ހީކޮށްގެން. އެކަމަކު ތިޔަބޭފުޅުންވަނީ ތިޔަބޭފުޅުންނަކީ އިސްލާމްދީނުގެ އެންމެ ނުބައި ދުޝްމިނުންކަން ސާބިތުކޮށްދެއްވައިފައި. ތިޔަބޭފުޅުންނަށް އޮތީ އެންމެ ގޮތެއް. އެގޮތަކީ ތިންހަފްތާ ތެރޭގައި ތިޔަބޭފުޅުންގެ އަމިއްލަފުޅު ނަފުސު އަޅުގަނޑާ ހަވާލުކުރައްވާ!"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު