ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީއަށް އިއްޔެ އިސްލާހު ގެނައި ނަމަވެސް، އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް އެއާ ޓްރެފިކްގެ ކޮންޓްރޯލް ނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓު ކޮށް، އަމަލު ކުރަން ފަށާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ފްރައިޓް ސާވިސް ނުލައި، ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާ ވާ ކުންފުނިތަކަށް ދެވޭނެއެވެ. އަދި އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން އެއާޕޯޓުގެ ހިދުމަތް ދިނުމަށް ހަވާލު ކުރާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓްކޮށް މެނޭޖުކުރުމާއި އެއާ ޓްރެފިކް ކޮޮންޓްރޯލްގެ ހަރަކާތްތަކާއި ގްރައުންޑް ސާވިސް ހިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށް ޕޮލިސީއަށް ގެނައި އިސްލާހުގައިވެއެވެ.
މި އިސްލާހަކީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެފްޑީއައި ޕޮލިސީއަށް ގެނައި އިސްލާހުން އެއާޕޯޓަށް އިންވެސްޓްކުރާ ބޭރުގެ އަދި ދިވެހި އިންވެސްޓަރަކަށްވެސް އެއާ ޓްރެފިކުގެ ކޮންޓްރޯލް ނުލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައިވެސް އެއާ ޓްރެފިކު ކޮންޓްރޯލް ބަލަހައްޓާނީ ދިވެހި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ އިސްލާހުގައި ބުނެފައިވާ ބައިގެ މާނަ އޮޅޭތީ އެކަން އިތުރަށް ސާފުވާނެ ގޮތަށް އިސްލާހު ގެންނާނެ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް