ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ އަންހެނަކު މަރު ވެ، ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 198 އަކަށް އަރައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑު ބަލީގައި މިއަދު މަރުވެފައިވަނީ އުމުރުން 53 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަނިކޮށް މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފަ އެވެ. އެއީ 183 ދިވެހީންނާއި 15 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު 200 އާ ގާތް ކުރާއިރު މިއީ ރާއްޖެ ފަދަ ކުޑަ މުޖުތަމައުއަކާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ. މި ބަލީގައި ޒުވާނުންނާއި ކުޑަ ކުދީންވެސް ވަނީ މަރުވެފަ އެވެ. އެހެން ކަމުން ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ފަރުދީ ޒިންމާ އަދާކުރުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ މެދުނުކެނޑި އިލްތިމާސް ކުރަމުންނެވެ.