ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް އެއްކޮށް އުވާލާ ދުވަހުން ފެށިގެން، ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީއަށް ހަ މަސް ދުވަހުގެ މޮރެޓޯރިއަމެއް ދޭން ގޮވާލައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މަޖިލީހަށް ގަރާރު ހުށަހަޅުއްވައި ބަހުސް ފަށައިފިއެވެ.
މި ގަރާރުގައި ވަނީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ މުއްދަތު ހުސްވި މެއި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިތުރުކޮށް އެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އަނެއްބައި ވިޔަފާރިތަކުގެ އާމްދަނީ ބޮޑުތަނުން ދަށަށްގޮސް، މުވައްޒަފުންގެ މުސާރަ ދިނުމާއި، ވިޔަފާރި ހިންގާ ތަންތަނުގެ ކުލި ދެއްކުން ފަދަ ވިޔަފާރިތަކުގެ އެންމެ އަސާސީ ހަރަދުތައް ކުރުމަށް ނުކުޅެދި ވިޔަފާރިތައް ބަނގުރޫޓު ވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާ ކަމަށެވެ.
ކޮވިޑްގެ ފުރަތަމަ ރާޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ އާމްދަނީ ހީނަރުވެގެން ގޮސްދާނެ ކަމަށް ބަލައި، ވިޔަފާރިތަކަށް އެހީވުމަށްޓަކައި، ލޯނު ދެއްކުމުގައި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މޮރެޓޯރިއަމްގެ ފުރުސަތު ފަހިކޮށްދީފައިވާއިރު، ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅު ތަކަކީ ކޮވިޑްގެ ފުރަތަމަ ރާޅުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެއްފަދަ ނަތީޖާތަކެއް ވިޔަފާރިތަކަށް ކުރާނެ ފިޔަވަޅުކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ކޮވިޑް މިހާރު ފެތުރެމުންދާ މިންވަރަށާއި، އެކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅު ތަކުގެ މުއްދަތު އިތުރު ކުރަމުންދާ ދިއުމަށް ބަލައި، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުލިބި ދިގު މުއްދަތަކަށް ފިޔަވަޅުތައް ދަމަހައްޓަން ޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންކަމުން އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯނު ތަކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮރެޓޯރިއަމް ހަމަޖައްސައި ދިނުމަށާއި، މޮރެޓޯރިއަމް ދިނުމުގައި ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުމަކީ ޝަރުތެއް ކަމުގައި ނަޑަ ނޭޅުމަށާއި، މޮރެޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓްރެސްޓެއް، ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއަށް އިތުރު ނުވެ އެއްކޮށް މައާފު ވާ ގޮތަށް ހަމަޖައްސައިދިނުމަށް ހަމަޖެއްސުމަށް މި ގަރާރުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ ގޮތަށް ސަރުކާރަށް ވަނީ ގޮވާލައިފައެެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް