ޚަބަރު

ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތް ހަދައިފި

1

ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހު ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު ޕޮލިސީގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ފްރައިޓް ސާވިސްއާއެކު އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ދެވޭނީ ބޭރުގެ 75 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

އެ ކުންފުންޏަކުން ފަސް އަހަރުގެ ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރަން ޖެހޭނެ އެވެ. އެ ހިދުމަތް ދިނުމަށް އެ ކުންފުންޏާ ހަވާލު ކުރެވޭނީ އެންމެ ގިނަވެގެން 50 އަހަރު ދުވަހަށެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓު ކޮށް، އަމަލު ކުރަން ފަށާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ފްރައިޓް ސާވިސް ނުލައި، ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާ ވާ ކުންފުނިތަކަށް ދެވޭނެއެވެ.

ނަމަވެސް ކުރިންވެސް އޮތް ގޮތަށް އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެއެވެ. އަދި އެ ހުއްދަ ދޭނީ ސަރުކާރުންނެވެ.

އޭގެ އިތުރުން އެއާޕޯޓުގެ ހިދުމަތް ދިނުމަށް ހަވާލު ކުރާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓްކޮށް މެނޭޖުކުރުމާއި އެއާ ޓްރެފިކް ކޮޮންޓްރޯލްގެ ހަރަކާތްތަކާއި ގްރައުންޑް ސާވިސް ހިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށް ޕޮލިސީއަށް ގެނައި އިސްލާހުގައިވެއެވެ.