ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ "ވަން" އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމުގެ ބިލް ދިރާސާ ކުރުމަށް އެކުލަވާލި ސަބް ކޮމިޓީން މާބޮޑު އިސްލާހުތަކެއް ހުށަހަޅާފައިނުވާ ކަމަށެވެ.

ސަބް ކޮމިޓީން ހުށަހަޅާފައިވާ އިސްލާހުތަކުގައި ވަނީ ރަސްމީ ގެކޮޅުގައި އެބޭފުޅުންގެ ދަރީންގެ ތެރެއިން މީހުންނާ ނީންދެ ތިބޭ 18 އަހަރުން މަތީގެ ދަރިންނާއި ހާއްސައެހީއަށް ބޭނުންވާ ކުއްޖެއް ހުރިނަމަ އެކުއްޖާ އަދި މައިންބަފައިންނަށްވެސް އެގޭގައި ތިބެވޭނެ ގޮތަށް ހަމަޖެއްސުމަށެވެ.

ސަބް ކޮމިޓީގައި ހިމެނެނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ވިލިނގިލީ ދާއިރާގެ މެމްބަަރު ސައުދު ހުސައިނެވެ.

އަސްލަމް ވިދާޅުވީ ސަބް ކޮމިޓީން ފާސްކުރި ގޮތަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މިރޭ އެ ބިލް ފާސްކޮށްފައިވާ ކަމަށެވެ. އަދި ބިލް ފާސްކުރި ގޮތަށް، މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ކަމަށާއި އެންމެ އަވަހަށް އޮންނަ މަޖިލިސް ޖަލްސާއެއްގައި މި ބިލަށް ބަހުސް ކުރެވޭނެ ކަމަށެވެ. އެ ކޮމިޓީގެ ބައްދަލުވުން ބާއްވާފައިވަނީ މިރޭ 7:00ގައެވެ.

މަޖިލިސް ރައީސަށް ރަސްމީ ގެކޮޅު ހަމަޖައްސުމުގެ ބިލްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.

މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައި ވާން ވާނެ ކަމަށެވެ. އަދި މަޖިލީސް ރައީސަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ރަސްމީ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ވާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ކަމަށާއި އެ ގެކޮޅަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށް އެ ބިލްގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާ ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެކުގައި ދިރިއުޅޭ، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި، ދަރިންނާއި މަންމަ އާއި ބައްޕަ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖައްސުމުގެ ބިލްގައި ވަނީ އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދޭ ރަސްމީ ގެއަކީ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއަކަށް ވާންޖެހޭނެ ކަމަށާއި އެ ގޭގެ ސެކިއުރިޓީ ބަލަހައްޓާނީވެސް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކަމަށް ބުނެފައިވެ އެވެ. އަދި އެ ގެއަަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބުނެފައިވެ އެވެ.

ބިލުގައި އުއްތަމަ ފަނޑިޔާރުގެ އާއިލާ ކަމަށް ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާ އެކުގައި ދިރިއުޅޭ އޭނާގެ އަނބިމީހާ، ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންމަ އާއި ބައްޕަ އެވެ.