ޔޫރޯ 2020 ގެ ގްރޫޕް ސީގައި މިރޭ ނޯތު މެސަޑޯނިއާ އަތުން މޮޅުވެ، އޮސްޓްރިއާއިން އެގައުމުގެ ތާރީހުގައި ޔޫރޯގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައި ކުޅުނު މެޗު އޮސްޓްރީއާއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.
ނޯތު މެސަޑޯނިއާ މިރޭގެ މެޗަށް ނުކުތީ ތާރީހީ ފެށުމަކަށެވެ. މިއީ އެގައުމުގެ ފުރަތަމަ ޔޫރޯއެވެ. އޮސްޓްރިއާއާ ދެކޮޅަށް ނުކުތީ ޔޫރޯގެ ތާރީހުގައި އެ ކްލަބު ކުޅުނު ފުރަތަމަ މެޗަށެވެ. އޮސްޓްރިއާ ނުކުންނާނީ ޔޫރޯގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދުމުގެ ވިސްނުމުގައެވެ.
އޮސްޓްރިއާއަކީވެސް ޔޫރޯގައި މާ ކާމިޔާބު ޓީމެއް ނޫނެވެ. އޮސްޓްރިއާއިން 2008 ވަނަ އަހަރު އަދި އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި އޮސްޓްރިއާއިން ވާދަކުރި ނަމަވެސް އެޓީމަށް މިހާތަނަށް ޔޫރޯގައި މޮޅެއް ހޯދިފައެއް ނުވެއެވެ. މިރޭގެ މެޗު ފޯރިގަދަކޮށް ދިޔައީ ފުޓުބޯޅަ ތާރީހަށްޓަކައި ދެގައުމުންވެސް ކުރަމުންދިޔަ އުންމީދުންނެވެ. ޔޫރޯ މެޗެއްގައި ފުރަތަމަ މޮޅު ހޯދުމަށް ދެޓީމުންވެސް ފެން ބޮވައިގެންފައިވާކަން މެޗުގެ ފިޒިކަލް ލެވެލްއިން ދައްކައިދިނެވެ.
މެޗުގެ ކުރީކޮޅުގައި ވަރުގަދަކޮށް ފެށީ އޮސްޓްރިއާއިންނެވެ. މެޗުގެ ކުރީކޮޅުގައި އެޓީމުން ލީޑުވެސް ނެގިއެވެ. ހިތްގައިމު ގޯލަކާއެކުގައިވެސް މެއެވެ. މެދުތެރެއިން ސަބިޓްޒާ ނަގައިދިން ހިތްގައުމު ހުރަސް، ބޯޅަ ބިމުގައި ނުޖެހެނީސް ޔަގީން ކަމާއެކު ގޯލަށް ވައްދާލީ ސްޓެފަން ލައިނާއެވެ.
ގޯލާއެކު އޮސްޓްރިއާއިން ރަނގަޅަށް މެޗު ފެށި ނަމަވެސް ނޯތު މެސަޑޯނިއާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. ހާއްސަކޮށް އެގައުމުގެ ތަލިސްމާން، އުމުރުން 37 އަހަރުގެ ގޯރަން ޕަންޑޭވްގެ އަޒުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްދީ ނޯތު މެސަޑޯނިއާ ޔޫރޯއެއްގައި ޖެހި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނެވެ. ތާރީހީ ވަގުތުކޮޅު ފެނުނީ ޖޯޝުން ފުރިގެންވާ މޫނުތަކަކާ އެކުގައެވެ. މުޅި ޓީމު އުފާފާޅު ކުރިއެވެ.
ދެވަނަ ހާފް ފެށިގެން މެޗުގައި ފެނުނީ ފިޒިކަލް ކުޅުމެކެވެ. ފައުލްތައް ގިނަކޮށް ފާހަގަވެގެން ދިޔަ މެޗުގެ ބައެއް ދަނޑިވަޅުތަކުގައި ހޫނުވެގެން ދެޓީމު ކުޅުންތެރިން ބޮނޑިވެގަތް ތަންވެސް ފެނިފައިވެއެވެ.
އޮސްޓްރިއާއިން މެޗުގެ ފަހު ކޮޅުގައި ކުރިއަށް ޖެހިލިއެވެ. ހާއްސަކޮށް ސެންޓަ ބެކް މާގަމަށް ކެޕްޓަން ބޭންޑްގައި ކުޅެމުންދިޔަ، ބަޔާން މިއުނިކްގެ ޑޭވިޑް އަލާބާ ވަރަށް ބޮޑަށް ކުރިއަށް ޖެހި ގޯލަކަށް މަސައްކަތް ކޮށްފައިވެއެވެ. ހަމަލާތައް އުފައްދަން އޮސްޓްރިއާއިން ގިނަ ޕާސްތަކަކާއެކު މަސައްކަތް ކުރި ނަމަވެސް ނޯތު މެސަޑޯނިއާ ވަނީ ޓީމެއްގެ ގޮތުގައި ޑިފެންސް ކޮށްފައެވެ.
އެ ޑިފެންސް 78 ވަނަ މިނެޓުގައި ފޫއަޅުވާލީވެސް ކުރިއަށް ޖެހިގެން ކުޅުނު އަލާބާގެ ހިތްގައިމު ހުރަހަކުންނެވެ. އަލާބާގެ ހުރަސް ގޯލަށް ވައްދާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޝޭލް ގްރެގޮރިޗެވެ. އެ ގޯލާއެކު އޮސްޓްރިއާއިން ނިންމާލާނެ ކަމަށް ބެލެވުނު ނަމަވެސް އަނެއްކާވެސް ބަދަލަކަށް އެރި މާކޯ އަރްނޯޓޮވިޗް ވަނީ އޮސްޓްރިއާއަށް ތިންވަނަ ގޯލެއްވެސް ޖަހައިދީފައެވެ.
މިއީ އޮސްޓްރިއާގެ ތާރީހީ ރެއެކެވެ. ޔޫރޯއެއްގައި ހޯދި ފުރަތަމަ މޮޅާއެކު އެޓީމުން ވަނީ ގަދަ 16ގެ އުންމީދު އާކޮށްފައެވެ. ދެން މިރޭ ޔުރޯ 2020 ގައި އޮންނަ މެޗުގައި ނެދަލޭންޑްސް ނުކުންނާނީ ޔޫކްރެއިންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020