ޚަބަރު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ހައިކޯޓުގެ ފަނޑިޔާރު ރައޫފް

އަލީ ޔާމިން

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ހައި ކޯޓުގެ ފަނޑިޔާރު، އަބްދުއްރައޫފް އިބްރާހިމް ހޮވިވަޑައިގެންފި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއަށް 11 މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު، ޖަމިއްޔާގެ ރައީސަކަށް ކުރިމަތިލެއްވީ ރައޫފް އެކަންޏެވެ.

ރައޫފަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުކަމާއި ސިވިލް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަން ހިމެނެއެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާޗު 26 ވަނަ ދުވަހުއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި އިންތިހާބުގައި ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް ވަނީ ނައިބު ރައީސާއި ހަތަރު މެންބަރަކުވެސް އިންތިހާބުކޮށްފައެވެ.

ޖަމިއްޔާގެ އާއްމު މެންބަރަކަށް ވެވޭނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ނިޔާ ކަނޑައެޅުމުގެ ވަޒީފާ އަދާކުރައްވާ ފަނޑިޔާރަކަށެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީ

  • އަލްއުސްތާޒު އަބްދުއްރައޫފް އިބްރާހިމް (ރައީސް)
  • އަލްއުސްތާޒު އަހުމަދު އާމިރު (ނައިބު ރައީސް)
  • އަލްއުސްތާޒު ހަސަން ޝިޔާމް
  • އަލްއުސްތާޒު އަބްދުﷲ ހުސައިން
  • އަލްއުސްތާޒު އަހްމަދު ސައީދު
  • އަލްއުސްތާޒު އިސްމާއިލް މާހިރު

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ މިހާރުގެ ރައީސްއަކީ ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ. ނައިބު ރައީސްއަކީ އަލީ ޝަރީފެވެ.

މި ޖަމިއްޔާގެ މަގުސަދަކީ އަދުލު އިންސާފު ގާއިމްކުރުމާއި ޝަރީއަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، ޝަރުއީ ދާއިރާއާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ ހިމާޔަތާއި މިނިވަންކަމާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމެވެ.