ޔޫރޯ 2020 ގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާއި ކްރޮއޭޝިއާ ވާދަކުރާ މި މެޗަކީ މުބާރާތުގައި މިހާތަން ފެންނާނެ އެންމެ ވަރުގަދަ އެއް ކުރިމަތިލުމަށް ވާނެ. ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި. މުބާރާތުގެ ފައިނަލްވެސް ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއީ އެ ސްޓޭޑިއަމްގައި ކުޅޭނެ ފުރަތަމަ މެޗު.

  • ވެމްބްލީއާއި ލަންޑަންގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ލަންޑަން

ސްޓޭޑިއަމް : ވެމްބްލީ

ސަޕޯޓަރުންގެ ޖާގަ: 90،000 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 22،500 މީހުން (25 ޕަސެންޓް) ފައިނަލާއި ސެމީ ފައިނަލް މެޗުތަކަށް އިތުރު ކުރެވޭނެ

ލަންޑަން

- ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ސިޓީ، އަހަރަކު ގާތް ގަނޑަކަށް 31،2 މިލިއަން ފަތުރުވެރިން ލަންޑަނަށް ޒިޔާރަތް ކުރޭ

- 9 މިލިއަން މީހުން ދިރިއުޅޭ ލަންޑަނަކީ އިނގިރޭސި ރާނީގެ ހޯމް ސިޓީ

- ލަންޑަންގައި ތިން އަހަރު އޮލިމްޕިކްސް ބޭއްވި، އެއީ 1908، 1948 އަދި 2012

ވެމްބްލީ

- ޔޫކޭގެ އެންމެ ބޮޑު ސްޓޭޑިއަމް

- އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ހޯމް ސްޓޭޑިއަމް

- 2007 ވަނަ އަހަރު ރީބްރޭންޑްކޮށް ހުޅުވިފަހުންވެސް 21 މިލިއަން މީހުން ވަނީ ސްޓޭޑިއަމް ބެލުމަށް ޒިޔާރަތް ކޮށްފައި

- ޔޫރޯގެ ސެމީ ފައިނަލް ދެމެޗާއި ޝަރަފުވެރި ފައިނަލް ކުޅޭނެ ސްޓޭޑިއަމް

- ޔޫރޯގައި މެޗުތައް ކުޅޭނެ އެންމެ ބޮޑު ސްޓޭޑިއަމް

އިންގްލެންޑާއި ކްރޮއޭޝިއާއަކީ އެއް ފަންތިއެއްގެ ވާދަވެރި ދެޓީމު. މިހާތަނަށް 10 މެޗު އެ ދެޓީމު ކުޅެފައިވާ އިރު، އިންގްލެންޑުން ވަނީ ފަސް މެޗު ކާމިޔާބުކޮށްފައި. ކްރޮއޭޝިއާއަށް އިންގްލެންޑް އަތުން ތިން ފަހަރު މޮޅުވެވިފައިވޭ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗު. ކްރޮއޭޝިއާއިން އެ މެޗުގައި އިންގްލެންޑް ބަލިކުރީ އިތުރު ވަގުތުގައި ގޯލް ޖަހައިގެން. އޭގެ ފަހުން ނޭޝަންސް ލީގުގައި ކުޅުނު މެޗު ކާމިޔާބުކުރީ އިންގްލެންޑުން.