ހުސްވި މެއި މަހު މީރާ މެދުވެރިކޮށް ދައުލަތަށް 783.88 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ 16.7 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އެއީ މިދިޔަ އަހަރުގެ މެއި މަހު މީރާއަށް ބަލައިގަތް އާމްދަނީއަށް ވުރެ 283.6 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ދަށްވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރުމާއި ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތް ހުއްޓުމުންނެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން ވަނީ ވިޔަފާރިތަކުން ދައްކަން ޖެހޭ ބައެއް ޓެކްސްތައް ދެއްކުން ފަސްކޮށްދީފައެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 664.7 މިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 119.2 މިލިއަން ރުފިޔާއެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 496.19 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ގްރީން ޓެކްސްގެ ގޮތުގައި 52.68 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު