ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް، ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުން އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވުމަށް، ޗީފް އޮމްބުޑްސްޕާސަން، އަބްދުއްސަލާމް އާރިފް އިލްތިމާސް ކުރައްވައިފިއެވެ.

އިންތިގާލީ އިންސާފުގެ އޮންބަޑްސް ޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލައްވާފައިވާއިރު، "ވަން އޮންލައިން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްފައި ޗީފް އޮމްބުޑްސްޕާސަން، އަބްދުއްސަލާމް އާރިފް މިއަދު ވިދާޅުވީ، ގައުމުގައި އިންސާފު ގާއިމްކޮށް ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށް ޓަކައި އެ ފަރާތްތަކުގެ އެއްބާރުލުން އެ އޮފީހަށް ބޭނުންވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަަށްވެސް ޗީފް ވިދާޅުވިއެވެ.

ޗީފް ވިދާޅުވީ، އެ އޮފީހުގެ މަސައްކަތަކީ ވަކި ބަޔަކު ކުށްވެރި ކުރުން ނޫން ކަމަށެވެ. އަދި އެ އޮފީހުގެ މަސައްކަތަކީ ވަކި ބަޔަކަށް އިންސާފު ހޯދައި ދިނުން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޗީފް ވިދާޅުވީ، އިންތިގާލި އިންސާފުގެ ގާނޫނުވެސް ބާރު އަޅަނީ ވަކި ބަޔަކު ކުށްވެރި ކުރަން ނޫން ކަމަށާއި، ގާނޫނު ބާރު އަޅަނީ ސުލްހަވެެރިކަމާއެކު ކަންކަން ހައްލު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ޗީފް އޮމްބަޑްސް ޕާސަން ވިދާޅުވީ، އެ އޮފީހުން ފަށަނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އެކަމުގައި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަަކުގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަންކަމާބެހޭ މައުލޫމާތު ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް މީޑިއާގެ މުހިއްމު ކަން ވެސް ޗީފް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އިންތިގާލި އިންސާފުގެ އޮފީސް މާލޭގައި ގާއިމު ވެފައި ހުރި ނަމަވެސް އެ ބޭފުޅުންގެ މަސައްކަތް ބޮޑަށް ބައްޓަން ވެގެން ދާނީ ކައުންސިލްތަކާ ގުޅިގެން ކަމަށެވެ.

ޗީފް ވިދާޅުވީ ގާނޫނުން އެ އޮފީހަށް މަތިކޮށްފައިވާ ކަންތަކުގެ ތެރެއިން ރައްޔިތުންނަށް އިންސާފު ހޯދައިދީ، ގައުމު އަމާން ތަނަކަށް ހެދުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރައްވާނެ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮންބަޑްސް ޕާސަންގެ އޮފީހުން ބުނެފައި ވަނީ، އެ އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ހުށަހެޅިގެން އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާއިރު، އެންމެ ބޮޑަށް ބަލާނީ ސުލަހަވެރިކަމާއެކު އެކަން ކުރުމަށް ކަމަށެވެ. އެގޮތުން ކުށް ކޮށްފައިވާ ފަރާތުން މައާފަށް އެދި ސުލްހަވެރި ކުރުވުމަށް މަސައްކަތްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ އޮފީހުން ބަލާ މައްސަލަތަކުގެ ތެރެއިން ކޯޓަށް ހުށަހެޅުމަށް ފޮނުވާނީ ސުލްވެރިކޮށް އެކަން ކުރުމަށް އެއްވެސް ފުރުސަތެއް ނެތިއްޖެ ހާލަތުގައި ކަމަށްވެސް ބުނެފައިވެއެވެ.

އިންތިގާލީ އިންސާފުގެ އޮންބަޑްސް ޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން ދެމަސް ދުވަހުގެ ނިޔަލަށެވެ.