އުމުރުން 66 އަހަރުގެ ރިހަބު ކާސިމް އަކީ ޑެންމާކުގައި ދިރިއުޅެމުން އަންނަ ފަލަސްތީނު-ސީރިއާއަށް ނިސްބަތްވާ ރެފިއުޖީއެކެވެ.
ރެފިއުޖީއެއްގެ ގޮތުގައި އެގައުމުގައި އުޅޭތާ އަށް އަހަރު ވެފައިވާއިރު، ޑެންމާކު ސަރުކާރުން ވަނީ އޭނާ އަނބުރާ ސީރިއާ އަށް ދިޔުމަށް އަންގާފަ އެވެ. އޭނާ ދިރިއުޅެމުން އަންނަނީ ޑެންމާކުގެ ސްކެންޑިނޭވިއާގައެވެ. ސްކެންޑިނޭވިއާ ގައި ދިރިއުޅެމުން އަންނަ 100 އެއްހާ ރެފިއުޖީންނަށް ޑެންމާކުން ވަނީ އެނބުރި ސީރިއާއަށް ދިއުމަށް އަންގާފަ އެވެ.
މީގެ އަށް އަހަރު ކުރިން ޑެންމާކަށް ދިރިއުޅުން ބަދަލުކުރި ރިހަބް އަކީ ނަރުސްކަމުން ރިޓަޔާވެފައިވާ ސީރިޔާ އަދި ފަލަސްތީނަށް ނިސްބަތްވާ މާމައެކެވެ. ރިހަބު ދިރިއުޅެމުން ގެންދިޔައީ ޔަރުމޫކުގައެވެ. މިއީ ދިމިޝްގުގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅުމަށް ސީރިއާއިން ކަނޑައަޅާފައިވާ ރެފިއުޖީން ދިރިއުޅޭ ކޭމްޕެކެވެ.
1996 ވަނަ އަހަރުން ފެށިގެން ޑެންމާކުގައި ދިރިއުޅެމުން އަންނަ އަދި އެގައުމުގެ ރައްޔިތުކަން އޮންނަ ދަރިފުޅު ވާލިދުގެ ގާތަށް ޒިޔާރަތްކޮށްލުމަށް ބޭނުންވެގެން ރިހަބު ޑެންމާކަށް ދިޔައެވެ.
ނަމަވެސް ދަރިފުޅު ވާލިދު ގާތަށް ދިޔަފަހުން ސީރިއާގައި ފެށުނު ދާހިލީ ހަނގުރާމައިގެ ތެރެއިން ރިހަބު ދިރިއުޅުނު ކޭމްޕު ވަނީ ހަލާކުވެގެން ގޮސްފައެވެ. 2014ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ޑެންމާކުގެ ހިމާޔަތްހޯދުމަށް އެދި ހުށަހެޅުމުން, އެގައުމުގެ ސަރުކާރުންވަނީ ރިހަބް އަށް ފަސް އަހަރު ދުވަހުގެ ރެސިޑެންސް ހުއްދަ ދީފައެވެ. އަދި ފަހުން އެ ހުއްދަ އިތުރު ދެ އަހަރު ދުވަހަށް އިތުރުކޮށްދީ ފަހުން ވަނީ އެގައުމުގެ ސަރުކާރުން އޭނާއަށް ވަގުތީ ހިމާޔަތް ދީފައިވާކަން އަންގާފައެވެ.
ރިހަބު އައީ ޔޫރަޕުގައި ދިރިއުޅެމުން އަންނަ އޭނާގެ ދަރިންނާއި މާމަދަރިންނާއެކު އުފާވެރި ދުވަސްތަކެއް ވޭތުކުރަމުންނެވެ.
ނަމަވެސް މި އަހަރުގެ ކުރީކޮޅު އެގައުމުގެ ސަރުކާރުންވަނީ ސީރިއާއަކީ މީހުން ދިރިއުޅުން ރައްކާތެރި ގައުމެއްގެ ގޮތުގައި ކަނޑައަޅައި، ދާއިމީ ރަށްވެހިކަން ހޯދަން ހުށަހަޅާފައިއޮތް އޮތުން ބާތިލުކޮށް އެނބުރި ސީރިއާއަށް ދިއުމަށް އަންގާފައެވެ.
''އަހަރެން އެނބުރި ދާނީ ސީރިއާގެ ކޮންތާކަށް؟ ކޮން ބައެއް ކައިރިއަށް؟ އަހަރެންގެ އެއްވެސް އެއްޗެއް ސީރިއާއަކު ނެތް.'' އަލް ޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އޭނާގެ މުޅި އާއިލާ ޑެންމާކުގައި ދިރިއުޅެމުން އަންނައިރު އެނބުރި ދިއުމަށް އަންގާފައިވަނީ އޭނާއަށް އެކަންޏެވެ.
''އަހަރެމެންނަކީ މިތާނގައި ސަލާންޖަހާ ބައެއް ނޫން. އަހަރެމެން އެބަ މަސައްކަތްކުރަމު، ކިޔަވަން ދަން، ޓެކްސް އެބަ ދައްކަން. އެނބުރި ދާން އަންގަންވީ ސަބަބެއް ނޭނގޭ." އޭނާ ބުންޏެވެ.
މީގެ ކުރިން ސީރިއާގެ އަސްކަރިއްޔާއިން އަމާޒުކުރި ވިހަ ގޭހުގެ ހަމަލާއެއްގެ އަސަރުކޮށްފައިވުމުގެ ސަބަބުން ރިހަބުގެ ފުއްޕާމޭ މަސައްކަތްކުރަނީ އެންމެ %35 ގައެވެ. ރިހަބު ދިޔައީ އެކަމަށް ޑެންމާކުން ސިއްހީ ފަރުވާ ހޯދުމަށްވެސް ތައްޔާރުވަމުންނެވެ. ނަމަވެސް ސަރުކާރުގެ މިނިންމުމުގެ ސަބަބުން އޭނާއަށް މިވަނީ ސިއްހީ ހިދުމަތުން ވެސް މަހުރޫމުވެފައެވެ.
ރިހަބަކީ ސީރިއާގައި ނަރުސްކަން ކުރިއިރު ހޮސްޕިޓަލެއް ހުޅުވުމުގެ ވަރުގަދަ އަޒުމުގައި ފައިސާ ރައްކާކުރަމުން ދިޔަ މީހެކެވެ. އެގޮތުން ހޮސްޕިޓަލަކާއި ގެއެއް އެޅުމަށް އޭނާ ސީރިޔާގައި ބިމެއްވެސް ގަތެވެ. ނަމަވެސް ބޮމުގެ ހަމަލާގައި އެތަން ވަނީ ސުންނާފަތިވެފައެވެ.
ޑެންމާކުން އޭނާއަށް ދާއިމީ ރަށްވެހިކަން ދެވެން ނެތްކަން އަންގާފައިވާ ސަބަބުތަކުގެ ތެރޭގައި އޭނާއަށް ބަލަދުއަރާފައިވާ ކުއްޖަކު ނެތުން ހިމެނެއެވެ. ސީރިއާގެ ވެރިރަށް ދިމިޝްގަކީ މިހާރު ދިރިއުޅުން ރައްކާތެރި ތަނެއްގެ ގޮތުގައި ޑެންމާކުގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެއީ ރަށްވެހިކަން ދެވެން ނެތް ދެވަނަ ސަބަބު ކަމަށް ޑެންމާކު ސަރުކާރުން ބުނެއެވެ. އަދި އޭނާގެ ސިއްހީ ހާލަތަކީ ދަތުރުނުކުރެވެންވީ ސަބަބެއްގޮތުގައި ބަލައިނުގަންނަކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.
ރިހަބު އަންނަނީ އޭނާއެކޭ އެއްފަދައިން ޑެންމާކުގައި ދިރިއުޅެމުން އަންނަ ރެފިއުޖީން އަނބުރާ ފޮނުވާލުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި ޑެންމާކުގެ ޕާލަމަންޓު ކުރިމަތީ މުޒާހަރާކޮށް ތިން ދުވަހުގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް އޭނާ ވަނީ ކޮށްފައެވެ. ރިހަބު އަންނަނީ ސީރިއާއަކީ މީހުން އެނބުރި ދިރިއުޅެން ދާން ރައްކާތެރި ގައުމެއް ނޫން ކަމަށް ބުނަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ