އިންތިޒާރު ކުރަމުންދިޔައީ އަލަތު ދަރިފުޅު އުރާލަން ލިބޭނެ ވަގުތަކަށެވެ. ދަރިޔަކު އުފަންވާ ވަގުތަކީ މަޔަކަށް ލިބޭނެ އެންމެ އުފާވެރި އެއް ވަގުތެވެ. ސްކޫލް ދައުރުއްސުރެ ލޯބި ވެ، ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނީގެ ގޮށް ޖަހާލީ މުޅި އުމުރު އެ މީހަކާ އެކީ އުޅުމަށް ވައުދުވެގެންނެވެ. ދެ މީހުންގެ ލޯބީގެ ނިޝާން އުފަން ވާނެ ވަގުތު ގުނަމުން ދިޔައީ ކެތް މަދުވެފައި ތިބެގެންނެވެ. ދަރިފުޅު ދުނިޔެއަށް އަންނަންވާއިރަށް ބޭނުންވާ ހުރިހާ އެއްޗެތި ހަމަކޮށް ދަރިފުޅަށްޓަކައި އެ ދެމަފިރިން ތިބީ ނުހަނު އިންތިޒާރުގަ އެވެ.

މިއީ އިއްޔެ ކޮވިޑު ބަލީގައި މަރުވި، ފ. ނިލަންދޫ، މޯނިންގްސަން، އުމުރުން އެންމެ 25 އަހަރުގެ ސަމީއާ އަހުމަދާއި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ނަބީލްގެ ދެމަފިރިންގެ ވާހަކަ އެވެ. އުފާވެރި ހަޔާތެއް ބިނާ ކުރަމުން އައީ ލިބެން އުޅޭ ދަރިފުޅަށްޓަކަ އެވެ. ނަމަވެސް ކައިވެންޏަށް އަހަރަކާއި ދުވަސްކޮޅެއް ވީތަނުން ކޮވިޑުގެ ބިޔަ ރާޅު އެ ދެމަފިރިންގެ ހަޔާތަށް ބިންދާލީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އަލަތު ދަރިފުޅު އުރާލުމަށް ކެތްމަދުވެފައި އިން ސަމީއާ މުޅި ގައުމު ރޮއްވާލުމަށްފަހު މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން އެ ދިޔައީ ލޯބިވާ ދަރިފުޅު ލޮލަށްވެސް ނުފެނި އެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ކޮވިޑުގައި އެންމެ ފަހު ނޭވާ ދޫކޮށްލުމާއި ހަމަޔަށްވެސް ސަމީއާގެ ހިތް ކެތްމެދުވެފައި އޮތީ އެ ތުއްތުތުއްތު މައުސޫމް ލޮލުން ދެކިލުމަށެވެ. އެކަމަކު ތަގުދީރުގެ ނިޔާ ތަފާތެވެ.

ކޮވިޑު ބައްޔަކީ ވަކި އުމުރަކަށް ވަކި ޖިންސަކަށް ޖެހޭ ބައްޔެއް ނޫނެވެ. ބަލީގެ ނުރައްކާތެރިކަން އިންތިހާ ދަރަޖަ އަށް ގޮސްފައިވާއިރު މިކަމަށް ސަމާލުކަންދީ ރައްކާތެރިވުން މުހިންމެވެ.

ސަމީއާގެ އާއިލީ ރައްޓެއްސަކު "ވަން" އަށް މައުލޫމާތު ދެމުން ބުނީ ސަމީއާ ބައްޔަށް ޕޮޒިޓިވް ކަން އެނގުނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޓެސްޓު ކުރުމުން ކަމަށެވެ. އޭނާ ބައްޔަށް ޓެސްޓު ކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ބައްޔަށް ޕޮޒިޓިވް ވީކަން އެނގުނީ އޭގެ އެއްދުވަސް ފަހުންނެވެ. އޭރުވެސް ނޭވާލާން އުދަނގުލެވެ. ނިލަންދޫ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު އޮކްސިޖަން ނުހިފަހައްޓާތީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކޮވިޑު މެޑިކަލް ފެސިލިޓި އަށް ބަދަލު ކުރި އެވެ. ކޮވިޑު ވެކްސިން ޖެހި ދުވަސްވަރު ސަމީއާ ބަލިވެ އިނުމުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއް ނުވެ އެވެ.

ސަމީއާގެ ހާލަތު ދަށްވުމުގެ ސަބަބުން ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ފުރާނައަށް ނުރައްކާވެ އަދި ސަމީއާ އަށް ދޭން ޖެހޭ އިތުރު ފަރުވާތައް ނުދެވިދާނެތީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިޒޭރިއަން، ހަދައިގެން ބަނޑުގައި އޮތް ދަރިފުޅު ނެގި އެވެ. ނަމަވެސް އެންމެ ފަހަރަކު ނަމަވެސް ދަރިފުޅު ބަލައިލަން ސަމީއާގެ ލޮލެއް ނުހުޅުވުނެވެ. ހާލަތު ދަށް ވެ ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

"ސަމީއާގެ ބަނޑަށް އަށް މަސް ގާތްގަނޑަކަށް. މިދިޔަ މަސް ތެރޭގަ މާލެ އައި. ދެން ދުވަސްކޮޅެއް ކޮށްފަ ރަށަށް ދިޔައީ ޑޮކްޓަރަށް ދައްކާ ނިންމާފަ. ދިޔަތާ މާ ގިނަ ދުވަހެއް ނުވެ ކެއްސައި ނޭވާއަށް އުދަނގޫވި. ދެން ބޮޑަށް ބެލެވެނީ މާލޭގަ އެ ހުރި ގެއިން ކޮންޓެކްޓް ވެގެން ޕޮޒިޓިވް ވި ކަމަށް. ރަށު ހޮސްޕިޓަލުން މާލެ ގެނައި އިރުވެސް އޮކްސިޖަން ނުހިފަހައްޓާ. ދަރިފުޅު ނެގީ ދަރިފުޅަށް ބޭނުންވާ އޮކްސިޖަން ސަމީއާގެ ހަށިގަނޑުން ފޯރުކޮށް ނުދެވޭނެތީ ދަރިފުޅުގެ ފުރާނައަށް ވެސް ނުރައްކާވެދާނެތީ. އަދި ސަމީއާ އަށް ދޭން ޖެހޭ ބައެއް ފަރުވާތައްވެސް ނުދެވިދާނެތީ. އޭރުއްސުރެވެސް ހަމަ ހާލު ދިޔައީ ދަށަށް. ވަކި ބަދަލެއް ނާދޭ." ސަމީއާ އަށް ކޮވިޑު ޖެހުނު ގޮތް ކިޔައި ދެމުން އޭނާ ބުންޏެވެ.

އަލަތު ދަރިފުޅު ވިހެއުމުން ފުރަތަމަ އުރާލުމަކީ ކޮންމެ ބައްޕައަކުވެސް އެންމެ ބޭނުންވާނެ އެއް ކަމެވެ. ނަމަވެސް ނަބީލަށްވެސް އެ ފުރުސަތެއް ނުލިބުނެވެ. ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގި އިރު އެކުއްޖާގެވެސް ހާލު ދެރަވެ އެންއައިސީޔޫގައި ފަރުވާ ދޭން ފެށުމުންނާއި ނަބީލް ޑައިރެކްޓް ކޮންޓެކްޓް ވެފައި ވުމުގެ ސަބަބުން ދަރިފުޅު ފެނުނީ ހަމަ އެކަނި ފޮޓޯއަކުންނެވެ. ނަމަވެސް މިހާރު ދަރިފުޅުގެ ހާލު ރަނގަޅެވެ. ސަމީއާ ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް ދަރިފުޅު އެ ބައްޔަށް ނެގެޓިވް އެވެ.

ސަމީއާ ރަށުން މާލެ ގެނައީއްސުރެ ނަބީލް އަށްވެސް އޭނާގެ ލޯބިވާ އަނބިމީހާ ފެނުނީ ވީޑިއޯ ކޯލަކުން އެންމެ ފަހަރަކު އެވެ. ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވިޔަސް ނަބީލަށް އެ ފުރުސަތެއް ނުލިބުނެވެ. ލޯބިވާ އަނބިމީހާ ވަަކިވެގެން ދިޔައީ ބަލި ޖެހުނުތާ 18 ވަނަ އަށް ވީ ދުވަހު އެވެ. އަލަތު ދަރިފުޅު ވިހެއިތާ 15 ވަނަ އަށް ވީ ދުވަހު އެވެ.

މުޅި ސޯޝަލް މީޑިއާ ފުރިފައިވަނީ ސަމީއާ އަށް ހެޔޮ ދުއާތަކުންނެވެ. ސަމީއާގެ ޖަނާޒާ އަށް ދިޔަ ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ފެނުނެވެ. ސަމީއާގެ ލޯބިވާ މަންމަ އާއި ބައްޕައަށް ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑަށް ބަލަން ތިބެވުނީ ކިހާ އިރަކު ކަމެއް ނޭނގުނެވެ. ބަޑި ފަޅައިގެން ދިޔައީ ބޭ އިހުތިޔާރުގަ އެވެ. ނުރޯން މަސައްކަތް ކުރިއަސް ކެތް ވާނީ ކިހިނަކުން ހެއްޔެވެ؟ ލިބުނު އަށް ދަރީންގެ ތެރެއިން ހަވަނަ ދަރިފުޅު ޒުވާން އުމުރުގައި މަންމައަކަށް ވުމުގެ އުފާ ލިބި އެ އުފަލުން މަހުރޫމުވުމުން ހިތަށް ކުރާނެ އަސަރު އިހުސާސް ވެ އެވެ. ސަމީއާގެ ލޯބިވާ ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އެ މައިންބަފައިންގެ ހަނދާނަށް ސަމީއާ އަންނާނެ ކަން ޔަގީނެވެ. އެއީ ސަމީއާގެ ދިރިހުރި ނިޝާނެވެ.

ނިލަންދޫ އިން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ސަމީއާ އަކީ ރަށުގެ އެންމެނާވެސް ގުޅޭ ހިތްހެޔޮ ރަނގަޅު އަހުލާގެއްގެ ވެރި މީހެއް ކަމަށެވެ. އަވަށްޓެރިންނާއެކު މަޖާކޮށް މޫދަށް ދާ ސަމީއާގެ ހަނދާން ނައްތާލުން އެއީ ދަތިކަމެއް ކަމަށްވެސް ބުންޏެވެ. ސަމީއާ ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފަ އެވެ.

ސަމީއާގެ ދަރިފުޅުގެ ހާލު ރަނގަޅު ވެ މިހާރު ވޯޑަށް ދޫކޮށްލާފައިވާއިރު އަލަތު ދަރިފުޅު ހަމަ ލޮލަށް ފެނުމުގެ ނަސީބު ނަބީލަށް ލިބުނީ އިއްޔެރޭގެ ވަގުތެއްގަ އެވެ.