10 ޖޫން ގެ އަދަދާ ގުޅޭ)

މުރާބިޠީންގެ ލަޝްކަރުގެ އޮފިސަރުންގެ އެތައްބަޔަކު ވަނީ ފޭލިގޭގެ ބޭރަށް އެއްވެވަޑައިގެންފައެވެ. أميـر يـوسف، سعد ގެ ނާއިބާ ސުވާލުކުރެއްވިއެވެ. "سعد ޒަޚަމުވެވަޑައިގެންނެވީ ކީއްވެގެންތަ؟"

سعد ގެ ނާއިބު زيـاد އާއި އޭނާގެ އެކުވެރީން ހައްޔަރުވެވަޑައިގެންނެވިގޮތުގެ ވާހަކައިން ފެށިގެން سعد ޒަޚަމުވެވަޑައިގެންނެވިގޮތުގެ ވާހަކައިގެ ނިޔަލަށް ވިދާޅުވެދެއްވުމަށްފަހު އަލްފާންސޫގެ ސިޓީފުޅު ނަންގަވައިފައި أميـر يـوسف ގެ އަތްޕުޅަށް އަރުއްވައިފިއެވެ. أميـر يـوسف އެސިޓީ ވިދާޅުވުމަށްފަހު ސުވާލު ކުރެއްވިއެވެ. "ކޮބައިތަ މިހާރު އެ ޤައިދީން؟"

"އަޅުގަނޑުމެން އައީ ޤައިދީން ކިއްލާގައި ބައިތިއްބައިފައި."

"ކިއްލާ ޙިމާޔަތްކުރާން ތިބީ ކިހައިބައެއްތަ؟"

"އަޅުގަނޑު އައީ ވިހި އަސްވާރުން ބައިތިއްބައިފައި އެކަމަކު އެހެނިހެން ޗެކްޕޯސްޓުތަކުން އަންނަ މީހުން މިކޮޅަށް ނުފޮނުވައި ކިއްލާގައި މަޑުކުރަން އެންގިން!"

أميـر يـوسف، سيـر بــن أبى بـكـر އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ފަސްސަތޭކަ އަސްވާރުން ހަމަމިހާރު ކިއްލާއަށް ފޮނުއްވާ! ލަޝްކަރުގެ ދެންތިބި އެންމެން މާދަމާ ހެނދުނު ދަތުރުފަށަން ތައްޔާރުކުރައްވާ!"

ميـمــونـة ކުއްލިޔަކަށް ވަޑައިގެން أميـر يـوسف ގެ ކުރިފުޅުމައްޗަށް ހުއްޓިވަޑައިގެންފިއެވެ. "ނޫން! ނޫން!" ميـمــونـة ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "މިހާރު މަނިކުފާނު އަންދަލުސު ދޫކޮށްލައްވައިފައި ވަޑައިގަންނަވައިގެން ނުވާނެ! މަނިކުފާނަކަށް މިހާރަކު ވަޑައެއް ނުގެންނެވޭނެ. ޤައުމުގެ މުޖުރިމުންގެ ހިސާބު ހަމަޖެއްސެވުން ލަހެއް ނުކުރެއްވޭނެ. އެފަތިހެއްގެ އުންމީދުގައި އަޅުގަނޑުގެ ފިރިކަލުންގެ އެންމެފަހުގެ ލޭތިކި އޮހޮރައިލެއްވި ފަތިސް އަދިޔެއް ނާދޭ. އަންދަލުސު އަދިވެސް އޮތީ އަޅުވެތިކަމުގައި. މަނިކުފާނަކަށް އަދިޔެއް އަނިޔާ ލިބިފައިވާ މީހުންނަކަށް އިންސާފު ހޯއްދަވައެއް ނުދެއްވޭ. އަދިޔެއް މަނިކުފާނަކަށް މަނިކުފާނުގެ އުޚުތުންނާއި، ދަރިދަރިކަނބަލުންގެ ކަރުނަ ފޮއްސަވައެއް ނުދެއްވޭ. މަނިކުފާނު އަންދަލުސަށް ވަޑައިގެންނެވީ މުލޫކުއްޠަވާއިފުންނަށްޓަކައި ކަމުގައިވާނަމަ ޒަލާޤާގެ ފަތަޙައަށްފަހު މަނިކުފާނުގެ މަސައްކަތްޕުޅު ނިމިއްޖެ. މަނިކުފާނު ވަޑައިގެންނެވީ އަންދަލުސުގައި އިސްލާމީ ދިދަ އުފުލައިލައްވަން ކަމުގައިވާނަމަ މަނިކުފާނުގެ މަޤުޞަދު އަދި ފުރިހަމައެއް ނުވޭ. މަނިކުފާނު އެނބުރިވަޑައިގެންފިނަމަ ޒަލާޤާއާއި ޙިޞްނުއްލައިޠުގެ ޝަހީދުންގެ ލެޔާއި އެބައިމީހުންގެ ފަހަތަށްތިބި އިރުތަވެރީންނާއި ވާރުތަވެރީންގެ އާހުތަކާއި ކަރުނަތަކާ ހުރިހައި އެއްޗެއްސެއް ބޭކާރުވެދާނެ." ميـمــونـة ގެ ލޯފުޅުން ހޯސްލައިފައި ކަރުނަފޮދު އޮހޮރިގެންފިއެވެ.

أميـر يـوسف ގެ ހިތްޕުޅަށް ވަރަށްބޮޑަށް އަސަރު ކުރިއެވެ. އެމަނިކުފާނު ކުރިޔަށް ވަޑައިގެން ميـمــونـة ގެ އިސްތަށިފުޅުމަތީގައި އަތްތިލަފުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "ދަރިފުޅާ! ކަނބުލޮގެ ކަރުނަޔާއި ކަނބުލޮގެ ފިރިކަލުންގެ ލޭފޮދު ގަންދީ ހުވާކޮށްފައި ދަންނަވަން. މާތް اللّـه ގެ އިރާދަފުޅާއެކު ކަނބުލޮގެ އަންދަލުސު މިނިވަންވާނެ. ޒަލާޤާއާއި ޙިޞްނުއްލައިޠުގެ ޝަހީދުންގެ ޤުރުބާނީ ބޭކާރުވެގެންނެއް ނުދާނެ! އަޅުގަނޑު ލަޝްކަރަށް މިއެންގީ މުރާކިޝަށް އެނބުރި ދާކަށެއް ނޫން. އަލްފާންސޫގެ ލަޝްކަރާ ކުރިމަތިލުމަށްޓަކައި މާދަމާ ހެނދުނު ދަތުރު ފަށަން މި މަޢުރިކާ ނިމުމަށްފަހު އެބައެއްގެ ޣަދަރުވެރިކަމާހުރެ މިއަދު ޙިޞްނުއްލައިޠުގެ ފާރުބުޑުގައި ޝަހީދުންގެ ހަށިކޮޅުތައް ފުނިފުނިޖެހުނު ޚާއިނުންގެ މައްޗަކުން އަޅުގަނޑު ފަހަރެއްގައިވެސް ހަނދާން ނައްތައެއް ނުލާނަން. އަޅުގަނޑު އަންދަލުސު ދޫކޮށްލުމުގެ ކުރީން މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ ބާޣީންގެ ކަނދުރާތައް ހަވާލުކުރާނީ އެބައެއްގެ އަތްތައް އެކަތަޔަށްވުރެވެސް ހަރުބަޔަކާ!"

أميـر يـوسف ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ. އަޑުއަހަންތިބި މީހުންނަށް ހީވީ އަލިފާން ފަރުބަދައެއްގެ ބަނޑުތެރެއިން ލާވާތަކެއް ކެކެމުންދާހެންނެވެ.

* * * * * * * * * * *

سعد بــن عبــدالمنـعـــم އެރޭގެ ގިނަވަގުތު ހޭދަކުރެއްވީ ދިރުމާއި މަރުވުމާ ދެމެދުގެ ހަނގުރާމައެއްގައެވެ. ބޭސްވެރީންގެ ހިތްޕުޅުގައި ބައެއްފަހަރު އޭނާއާމެދު އުންމީދު އާވެއެވެ. އަނެއްބައިފަހަރު މާޔޫސްކަން އުފެދެއެވެ. أميـر يـوسف ހުންނެވީ ހިތާމަފުޅާއި ކަންބޮޑުވެވަޑައިގެންނެވުމާއެކު އެމަނިކުފާނުގެ ފޭލިގެކޮޅުގެ ބޭރުގައި ދެކޮޅަށް ހިންގަވަ ހިންގަވައެވެ. أميـر يـوسف މިއަދާ ހަމަޔަށް އެހައިބޮޑަށް ފިކުރުފުޅު ބޮޑުވެފައި ހިތާމަފުޅުން ހުންނަވަނިކޮށެއް އެއްވެސްމީހަކު ދެކެފައެއް ނުވެއެވެ. ميـمــونـة ގެ ވާހަކަފުޅުގެ އަޑު އެމަނިކުފާނުގެ ކަންފަތްޕުޅުގައި ގުގުމަމުންދެއެވެ. އެމަނިކުފާނު ހިތްޕުޅުގެ އަޑީން އަންނަނިވި ދުޢާ ތަކުރާރު ކުރައްވަމުން ގެންދެވިއެވެ.

"އަޅާގެ ސާހިބުވަންތަ ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރަޙުމަތްފުޅުގެ ކަނޑަކީ އައްސޭރިއެއް ނުވާ ބިޔަ މާސިންގާ ކަނޑެކެވެ. އެކަނޑުގެ އެންމެ ކުޑަކުޑަ ވައިރިވިއްޔަކަށްވެސް (ވައިރިވިލި: ތެމާވެފައި އޮންނަ ކަނޑެއްގައި މަތީންވެއްޓޭ ވައިރޯޅިޔެއްގެ ސަބަބުން އުފެދިލާ ވަރަށް ކުދިކުދި ރާޅުބާނި) އެތަކެއް ލައްކަ އިންސާނުންގެ ހިތްތަކަށް އުފާވެރިކަން ވެރިކޮށްދީ ހިނިތުންވުން ގެނެސްދެވިދާނެއެވެ..... މިއަދު މިއަޅާގެ އަންހެން ދަރިފުޅެއްގެ ކަރުނަ ފޮހެދިނުމަށްޓަކައި سعد بــن عبــدالمنـعـــم އަށް އާޙަޔާތެއް ދެއްވުންއެދި އިބަރަސްކަލާނގެ ޙަޟުރަތުގައި އާދޭސް ދަންނަވަމެވެ. ސަލާންޖަހަމެވެ.

أميـر يـوسف މަޑުމަޑުން ހިންގަވަމުން ވަޑައިގެން އެމަނިކުފާނުގެ ފޭލިގެކޮޅާ ތަންކޮޅެއް ދުރުގައިއޮތް ހިލައެއްގެ މަތީގައި އިށީނދެވަޑައިގެންފިއެވެ. އޭރުވެސް ޙިޞްނުއްލައިޠު ވަރުގަދަޔަކަށް އަނދަމުންދެއެވެ. އެމަނިކުފާނުގެ ޚިޔާލީ ލޯފުޅުގެ ކުރިމަތީގައި ކުއްލިޔަކަށް ތަމްސީލުވާންފެށީ ހަނގުރާމައިގެ މަންޒަރުތަކެވެ. އެމަނިކުފާނަށް ހުންނެވުނީ ޝަހީދުންގެ ހަށިކޮޅުތަކުގެ މެދުގައެވެ. އެމަނިކުފާނު އެޝަހީދުންނަށް ވިދާޅުވަނީއެވެ. "ޤައުމުގެ ނަން ނޭނގޭ މުޖާހިދުންނޭވެ! މާތް اللّـه ގެ ހެޔޮތައުފީޤާއެކު ތިޔަބައިމީހުންގެ ޤުރުބާނީ ގެއްލިގެންނެއް ނުދާނެ! ތިޔަބައިމީހުންގެ ލެއިން އަންދަލުސުގެ ތާރީޚުގައި އައު ބާބެއް ލިޔެވޭނެ!"

أميـر ގެ އަރިހަށް އޮފިސަރެއް އައިސް ދަންނަވައިފިއެވެ. "يـا أميــر، سعد ގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް ބޭސްވެރީން އެބަދަންނަވާ. ފަހަރެއްގައި އިރުކޮޅަކުން ހޭފުޅު އަރައިފާނެ!"

أميـر يـوسف ވަރަށްބާރަށް ހިންގަވައިފައި سعد ގެ ފޭލިގެއަށް ވަޑައިގެންފިއެވެ. ފޭލިގޭގެތެރޭގައިހުރީ ދަންމަރެއް ދިއްލައިފައެވެ. سعد ގެ ޒަޚަމުތަކުގައިހުރީ ބޭސްއަޅައި ބެންޑޭޖުކޮށްފައެވެ.

ميـمــونـة އާއި أحمد އާއި المـــاس އާ ތިންބޭފުޅުން އޭނާގެ އެނދުކައިރީގައި ކޮޅަށް ތިއްބެވިއެވެ.

أميـر يـوسف ބޭސްވެރީންނާ ދިމާޔަށް ސަމާލުކަން ދެއްވުމުން އިޝްބީލިއްޔާގެ ކަނޑިފާރު ބޭސްވެރިޔާ ބުނުއްވިއެވެ. "މިހާރު މީނާ ހޭފުޅުއަރަނީ. ތީރު އުފުރައިލިއިރު އަޅުގަނޑުމެންގެ މާބޮޑު އުންމީދެއް ނެތް. އަޅުގަނޑުމެންގެ މަސައްކަތަށްވުރެ ބޮޑަށް މީނާގެ ހާލުކޮޅު ރަނގަޅުވުމާ ގުޅިފައިވަނީ އިލާހީ ތައުފީޤު."

ނިދީގައި އޮންނަ މީހަކު ހާނިދި ގޮވާގޮތަށް سعد އިރުކޮޅެއްގެފަހުން އެއްޗެހިތަކެއް ވިދާޅުވާން ފައްޓަވައިފިއެވެ. ކުއްލިޔަކަށް ބާރު އަޑުފުޅުން ވިދާޅުވިއެވެ. "ޙިޞްނުއްލައިޠު! ޙިޞްނުއްލައިޠު!" އެހެން ވިދާޅުވެފައި ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. ميـمــونـة އާއި أحمد އާއި المـــاس އާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު أميـر يـوسف ގެ މޫނުފުޅަށް ނަޒަރު ހުއްޓައިލައްވައިފިއެވެ.— "ޙިޞްނުއްލައިޠު!" އޭނާ މަޑުމަޑުން އެހެން ވިދާޅުވެފައި ލޯފުޅު މަރުއްވައިލައްވައިފިއެވެ.

"ޙިޞްނުއްލައިޠު ފަތަޙަވެއްޖެ!" أميـر يـوسف ލޯބިފުޅުން سعد ގެ ނިތްކުރިފުޅުގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ.

سعد ދެވަނަފަހަރަށް ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. أميـر يـوسف ކުރިޔަށް ޖެހިވަޑައިގެން ފޭލިގޭގެ ދޮރުގެ ފަރުދާ އުފުލައިލައްވައިފައި سعد އަށް ދައްކައިލައްވަމުން ވިދާޅުވިއެވެ. "ޙިޞްނުއްލައިޠު އެހެރަ އަނދަނީ! މާދަންހެނދުނުވާއިރު އެތާކު އަޅިނޫން އެހެން އެއްޗެއް ނުހުންނާނެ! މާތް اللّـه އަޅުގަނޑުމެންނަށް ފަތަޙަ ދެއްވައިފި."

سعد ފަރުބަދައިގެ މަތީގައި އަނދަމުންދާ ބޮޑު އަލިފާންގަނޑާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު أميـر يـوسف ގެ އަރިހުގައި ވިދާޅުވިއެވެ. "އަލްފާންސޫގެ އައު ލަޝްކަރެއް އަންނަކަމާއި މުލޫކުއްޠަވާއިފުންގެ ބޭވަފާތެރިކަން އެނގިވަޑައިގެންފިތޯ؟"

"އާދެ. އަޅުގަނޑަށް ހުރިހައިކަމެއްވެސް އެނގިއްޖެ. އަޅުގަނޑު މިރޭ ފަތިހު މިފުރަނީ އަލްފާންސޫ ކުރިޔަށް ވަޑައިގަތުން ހުއްޓުވަން. އެއަށްފަހު އަޅުގަނޑުގެ ތުރުކަހުގައި ބާކީހުރި ހުރިހައި ތީރުތަކެއް ވަޤުފުކުރާނީ މިއްލަތު ވިއްކާ މުނާފިޤުންގެ ކިބައިން އަންދަލުސު ސަލާމަތްކުރަން."

سعد ގެ ހިތްޕުޅަށް ލިބިވަޑައިގެންނެވި ފިނިކަމާއި އުފާފުޅުގެ ސަބަބުން އޭނާގެ ލޯފުޅު ވިދަމުން ދިޔައެވެ. ނަމަވެސް ވަރުފުޅު ދެރަކަމުގެ ސަބަބުން އަނެއްކާވެސް ހޭފުޅުނެތިއްޖެއެވެ. އިޝްބީލިއްޔާގެ ބޭސްވެރިޔާ سعد ގެ ވިންދު ބައްލަވައިލައްވައިފައި ބުނުއްވިއެވެ. سعد އަށް ބޭނުންފުޅުވަނީ އަރާމުކުރެއްވުން. އަޅުގަނޑަށް ޔަގީން މާތް اللّـه ގެ ހެޔޮ ތައުފީޤާއެކު މަނިކުފާނު މާދަމާ ހެނދުނު ފުރައިވަޑައިގަންނަވާއިރު سعد ފެނިވަޑައިގަންނަވާނީ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާފަދަ ހާލުކޮޅެއްގައި އޮންނަވަނިކޮށް."

أميـر يـوسف، أحمد އަށާއި ميـمــونـة އަށް ތަސައްލީ ދެއްވުމަށްފަހު ފޭލިގެއިން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

أميـر يـوسف ގެ ލަޝްކަރުގެ އެއްހާސް އަސްވާރުން ހެނދުނުފަތިހާ މުޢަސްކަރުން ނުކުމެގެން އުތުރަށް ދަތުރު ފަށައިފިއެވެ. أميـر يـوسف އާއި سيـر بــن أبى بـكـر އާ ދެބޭފުޅުން ފުރައިވަޑައިގެންނެވުމުގެ ކުރީން سعد ދެކެވަޑައިގަންނަވަން ވަޑައިގެންނެވިއެވެ. سعد އޭރު އޮންނެވީ އަވަހާރަފުޅު ލެއްޕެވިފައެވެ. ميـمــونـة އާއި المـــاس އާ ދެބޭފުޅުން އޭނާގެ އަރިހުގައި އިށީނދެވަޑައިގެން ތިއްބެވިއެވެ. أحمد ހުންނެވީ ދަގަނޑުދަހަނާ އަޅުއްވައި "ދަގަނޑު ކޯޓު" ލައްވައިގެންނެވެ. أميـر يـوسف ފޭލިގެތެރެޔަށް ވެދެވަޑައިގެންނެވުމާއެކު أحمد ފެނިވަޑައިގެންފައި ވިދާޅުވިއެވެ. "أحمد ކަލާ ހުންނަވާނީ މިތާނގައި." އެއަށްފަހު ميـمــونـة އާ ދިމާޔަށް ވިދާޅުވިއެވެ. "ކަނބުލޯ! ކަނބުލޮގެ ފިރިކަލުންގެ ހާލުކޮޅު މިހާރު ކިހިނަކުންތޯ؟"

"މިހާރު މިއޮންނެވީ އަވަހާރަފުޅު ލެއްޕެވިފައި."

"ބޭސްވެރިޔާ ކޮބައިތޯ؟"

"ބޭސްފޮދު ހިއްޕަވަން އަރުއްވައިފައި ދެންމެ އެ ދުރުވީ."

أحمد ވިދާޅުވިއެވެ. "ބޭބެ ވަނީ މަނިކުފާނުގެ އަރިހުގައިދާން އަޅުގަނޑަށް ހުއްދަ ދެއްވައިފައި."

أميـر يـوسف ވިދާޅުވިއެވެ. "ނޫން! މިވަގުތު ކަލާގެ ބޭނުންބޮޑީ މިތަނަށް."

* * * * * * * * * * *

ދިހަވަރަކަށް ދުވަހުގެ ފަހެވެ. أحمد އެއްދުވަހަކު ފަތިހު ހުންނެވީ ޙިޞްނުއްލައިޠުގެ ޝަހީދުންގެ ޤަބުރުސްތާނުގައި ހިންގަވަ ހިންގަވައެވެ. އޭނާ عبـدالمـنعــم އާއި حسن އާއި إدريـس ގެ މަހާނަފުޅަށް ފާތިޙާ ވިދާޅުވުމަށްފަހު ވަރަށްގިނައިރު ވަންދެން އެތާނގައި އިށީނދެވަޑައިގެން އިންނެވިއެވެ. ކުއްލިޔަކަށް ފަހަތްޕުޅުން ބަޔަކު އަންނަ އަޑު އިވިވަޑައިގެންނެވުމުން އޭނާ އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އޭނާއަށް ފެނިވަޑައިގެންނެވީ سعد އާއި ميـمــونـة އާއި المـــاس އާ ތިންބޭފުޅުން ވަޑައިގަންނަވާ ތަނެވެ. سعد ވަޑައިގަންނަވަނީ المـــاس ގެ މުލައްދަނޑީގައި ހިފަހައްޓަވައިގެން ވަރަށް މަޑުމަޑުންނެވެ. أحمد އަވަސްއަވަހަށް ތެދުވެވަޑައިގެން ބާރަށް ހިންގަވައިފައި سعد ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "ބޭބޭފުޅާ! އަދިޔެއް ބޭބޭފުޅު ތެދުވެވަޑައިގެން އުޅުއްވާކަށެއް ނުވޭ. ބޭބެގެ ޒަޚަމު އަދި ރަނގަޅެއް ނުވޭ!"

سعد ޖަވާބު ދެއްވިއެވެ. "ބޭބެ މިއައީ ބޭސްވެރިޔާގެ އަރިހުން ހުއްދަ ހޯދައިގެން."

سعد މަހާނަތަކުގެ ކައިރިޔަށް ވަޑައިގެން ދެއަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރެއްވިއެވެ. އެއަށްފަހު އެއްވެސް ހަރަކާތެއްނެތި އެތައްއިރަކު މަޑުމަޑުން ހުންނެވިއެވެ. ميـمــونـة ފަރުބަދައިގެ ތިރީން ޖަންގަލީގެ މާތަކެއް ބިންނަވައިގެން ވަޑައިގެން عبـدالمـنعــم އާއި حسن އާއި إدريـس ގެ މަހާނަފުޅު މައްޗަށް މާއެޅުއްވިއެވެ. އެއަށްފަހު އެހެނިހެން މަހާނަތަކާ ދިމާޔަށް ބައްލަވައިލެއްވުމާއެކު އޭނާގެ ލޯފުޅު ކަރުނަފޮދުން ފުރިއްޖެއެވެ. އޭނާ ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ޙިޞްނުއްލައިޠުގެ ޝަހީދުންނޭވެ! ތިޔައީ ހައްތާވެސް އަޅުގަނޑުގެ އަޚުން. އަޅުގަނޑަކީ ތިޔަ ހުރިހައި ޝަހީދުންގެ އުޚުތެއް!" ميـمــونـة އެހެން ވިދާޅުވެފައި މާބިންނަވައިގެން ވަޑައިގެން ހުރިހައި މަހާނަތަކަށް މާއަޅުއްވާން ފައްޓަވައިފިއެވެ.

ކުއްލިޔަކަށް އުތުރުން ހިރަފުހުގެ ވިލާތައް އުފުލޭން ފަށައިފިއެވެ. أحمد ތިރި ފަރުބަދަޔަކާ ދިމާޔަށް އިޝާރަތްކޮށްލައްވައިފައި ވިދާޅުވިއެވެ. "ބޭބެ! އަޅުގަނޑުމެންގެ ލަޝްކަރު އެނބުރި އަންނަނީ!"

އޭގެ ހަތަރު ދުވަސް ކުރީން މުޢަސްކަރަށްވަނީ އަލްފާންސޫގެ ލަޝްކަރު ހަނގުރާމަކުރާން ނުކެރި އެނބުރިދިޔަ ޚަބަރު ލިބިފައެވެ. أميـر يـوسف ވަޑައިގަންނަވާނީ އެމީހުން ފައްސަވަމުން ޤަޞްޠިލާއާ ހަމަޔަށް ވަޑައިގެންފައިކަން އެނގިފައެވެ.

ލަޝްކަރު މުޢަސްކަރާ ދިމާޔަށް އަންނަތަން ފެނިވަޑައިގެންނެވުމުން ميـمــونـة، المـــاس އާއެކު ފޭލިގެއަށް ވަޑައިގެންފިއެވެ. سعد، أحمد ގެ އެހީފުޅާއެކު މަޑުމަޑުން ހިންގަވައިފައި ވަޑައިގެން ލަޝްކަރު އަންނަ މަގުކައިރީގައި ހުއްޓިވަޑައިގެންފިއެވެ.

(ނުނިމޭ)