ދިވެހިރާއްޖޭގެ ފަސްޓު ލޭޑީ ކަމަނާފާނުންގެ ތާރީޚު ފެށޭނީ ޖުމުހޫރީ ވެރިކަމުން ކަމަށް ބަލަން ޖެހެއެވެ. 1953 ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ޤައުމުގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ދޮށީ އަނބިކަނބަލުން މެޑަމް އަންނަބީލާ ފާޠިމަތު ސަޢީދު ނިޝާން އަމީނީ ޢިއްޒަތްތެރި ވެރިޔާއަކީ ދިވެހިރާއްޖޭގެ 1 ވަނަ ފަސްޓު ލޭޑީ ކަމަނާފާނެވެ. ފަސްޓު ލޭޑީ ކަމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ މުއްދަތު ކަމުގައިވި 1 ޖަނަވަރީ 1953 އިން 21 އޮގަސްޓު 1953 އަށެވެ.
ދިވެހިރާއްޖޭގެ 2 ވަނަ ފަސްޓު ލޭޑީ ކަމަނާފާނަކީ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ އަނބިކަނބަލުން މެޑަމް އަންނަބީލާ ނަސީމާ މުޙައްމަދު (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ) އެވެ. އެކަމަނާފާނުގެ ފަސްޓު ލޭޑީ ކަމުގެ މުއްދަތަކީ އެކަމަނާފާނުގެ ކައިވެނިފުޅު ކުރެވުނު ތާރީޚުން ފެށިގެން އެ ރިޔާސަތު ނިމުމާއި ހަމަޔަށެވެ. 29 މޭ 1969 އިން 11 ނޮވެންބަރު 1978 އަށެވެ.
ދިވެހިރާއްޖޭގެ 3 ވަނަ ފަސްޓު ލޭޑީ ކަމަނާފާނަކީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ)ގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމެވެ. ފަސްޓު ލޭޑީ ކަމުގެ މުއްދަތަކީ އެކަމަނާފާނުގެ ފިރިކަލުންގެ ރިޔާސަތުގެ 30 އަހަރުގެ މުއްދަތެވެ. 11 ނޮވެންބަރު 1978 އިން 11 ނޮވެންބަރު 2008 އަށެވެ.
ދިވެހިރާއްޖޭގެ 4 ވަނަ ފަސްޓު ލޭޑީ ކަމަނާފާނަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ ޢަލީ އެވެ. ފަސްޓު ލޭޑީ ކަމުގެ މުއްދަތަކީ އެކަމަނާފާނުގެ ފިރިކަލުންގެ ވެރިކަން ފެށި ވެރިކަން ނިމުމާާއި ހަމަޔަށެވެ. 11 ނޮވެންބަރު 2008 އިން 7 ފެބުރުވަރީ 2012 އަށެވެ.
ދިވެހިރާއްޖޭގެ 5 ވަނަ ފަސްޓު ލޭޑީ ކަމަނާފާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަޙީދުޙަސަންގެ އަނބިކަނބަލުން މެޑަމް އިލްހާމް ޙުސައިން އެވެ. ފަސްޓު ލޭޑީ ކަމުގެ މުއްދަތަކީ އެކަމަނާފާނުގެ ފިރިކަލުންގެ ވެރިކަންފެށި ވެރިކަން ނިމުމާާއި ހަމަޔަށެވެ. 7 ފެބުރުވަރީ 2012 އިން 17 ނޮވެންބަރު 2013 އަށެވެ.
ދިވެހިރާއްޖޭގެ 6 ވަނަ ފަސްޓު ލޭޑީ ކަމަނާފާނަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމްއެވެ. ފަސްޓު ލޭޑީ ކަމުގެ މުއްދަތަކީ އެކަމަނާފާނުގެ ފިރިކަލުންގެ ރިޔާސީ ދައުރުގެ މުއްދަތެވެ. 17 ނޮވެންބަރު 2013 އިން 17 ނޮވެންބަރު 2018 އަށެވެ.
ދިވެހިރާއްޖޭގެ 7 ވަނަ ފަސްޓު ލޭޑީ ކަމަނާފާނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން މެޑަމް ފަޒުނާ އަޙުމަދުއެވެ. ފަސްޓު ލޭޑީ ކަމުގެ މުއްދަތަކީ އެކަމަނާފާނުގެ ފިރިކަލުންގެ ރިޔާސީ ދައުރުގެ މުއްދަތެވެ. 17 ނޮވެންބަރު 2018 އިން 17 ނޮވެންބަރު 2023 އަށެވެ.
ދިވެހިރާއްޖޭގެ 8 ވަނަ ފަސްޓު ލޭޑީ ކަމަނާފާނަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. ފަސްޓު ލޭޑީ ކަމުގެ ދައުރު ފެށުނީ އެކަމަނާފާނުގެ ފިރިކަލުންގެ ރިޔާސީ މިދައުރުގެ ފެށުމުންނެވެ. 17 ނޮވެންބަރު 2023 އިން ފެށިގެން ފުރިހަމަ 3 އަހަރު މިވީއެވެ.
ދިވެހިރާއްޖޭގެ އެންމެމަތީ ވެރިކަން 3 އަންހެން ބޭފުޅުން ކުރެއްވެވިއެވެ. އެއީ އައްސުލްތާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ މަހާރެހެންދި 3 ފަހަރުގެ ރަނިކަން އަދި އައްސުލްތާނާ ފާޠިމަތު ރާދަފަތި ކަނބައިދިކިލެގެ މަހާރެހެންދި މީގެ އިތުރުން އައްސުލްތާނާ ދާއިން ކަނބައިދިކިލެގެ މަހާރެހެންދި މި 3 ރަނިކަމަނާފާނުންނެވެ. އެއީ މީގެ 700 ވަރަކަށް އަހަރު ކުރިންނެވެ. އަދި ރަސްރަސްކަލުންގެ އަނބިއަނބިކަނބަލުންނަކީ ރަނިކިލެގެއިންނެވެ.
އެޑިޓަރުގެ ނޯޓު؛
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު
ކޮމެންޓް