ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސައުދީގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނީ، ހައްޖުގެ އަޅުކަން އަދާ ކުރެވޭނީ އެގައުމުގައި ދިރިއުޅޭ ރައްޔިތުންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން 60،000 މީހުންނަށް ކަމަށެވެ.

އެގޮތުން ހައްޖުގެ އަޅުކަމަށް ރަޖިސްޓަރީ ކުރާ މީހުންނަކީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ކޮވިޑު ވެކްސިން ފުރިހަމަ ކޮށްފައިވާ ނުވަތަ ވެކްސިންގެ އެއް ޑޯޒު ޖެހުމަށްފަހު 14 ދުވަސް ފުރިހަމަކޮށްފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ކޮވިޑުން ރަނގަޅުވެފައިވާ މީހުންނަށްވެސް ހައްޖުގެ އަޅުކަމަށް ރަޖިސްޓަރީ ކުރެވޭނެ ކަމަށް ހައްޖު މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ 10،000 މީހުން ބައިވެރި ކޮށްގެނެވެ. އެފަހަރުވެސް ފުރުސަތު ދިނީ މުޅީންވެސް ސައުދީގައި ތިބި މީހުންނަށެވެ.