Close
ޚަބަރު

މޭޔަރު އާތިފުގެ އާދޭހަކީ ކުޅުދުއްފުށީގައި ކޮވިޑު ފެސިލިޓީއެއް ގާއިމުކޮށްދިނުން!

އިބްރާހިމް ޒަކީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްްޔިތުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ. ބޮޑު ތިލަދުއްމައްޗަށް ނިސްބަވާ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގެ އިތުރުންވެސް އެ ސަރަހައްދުގެ ރަށްރަށުން އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލަކީ އެއީ އެވެ.

މުޅި ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސް ވެފައިވާ މި ދަނޑިވަޅުގައި، ކޮވިޑު ބަލީގައިވެސް ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮވިޑު ފެސިލިޓީއެއް ނެތް މައްސަލައެވެ.

އެކަމާ ގުޅޭ ގޮތުން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވަނީ، އެ ސިޓީގައި ކޮވިޑު ފެސިލިޓީއެއް ނެތުމުން ދިމާވެދާނެ ނުރައްކާ ސިފަ ކޮށްދެއްވައިފަ އެވެ.

މޭޔަރު ވިދާޅުވީ، ކުޅުފުއްޓާ އެންމެ ކައިރިން ކޮވިޑް ފެސިލިޓީއެއް ހުންނަނީ ށ. ފުނަދޫގައި ކަމަށާއި ނަމަވެސް ގަދަ ކަނޑުގައި ދިގު ދަތުރެއްކޮށް، އެތަނަށް ދިއުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ދަތިތަކެއް އެބަ ހުރި. ކަނޑުގަދަ ދިގު ދަތުރެއް ކޮށްފައި މިހާރުވެސް ފެސިލިޓީއަށް ގެންދަން ޖެހެނީ އެންމެ ކައިރިން ށ. ފުނަދޫގައި. ޕޮޒިޓިވް ވެއްޖެއްޔާ އެކަނި ގެންދެވެނީވެސް. ނަމަވެސް ކަރަންޓީނުގައި ތިބޭ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުގައި ބައްޔަަށް ޝައްކު ކުރެވޭ ބަލި މީހުންނަށް ހޮސްޕިޓަލުގެ އައިސީޔޫ އާއި ޑައިލިސިސް އާއި އެހެން ޔުނިޓުތަކުގައިވެސް ފަރުވާ ދޭ އިރު އެހެން ބަލިތަކުގެ މީހުން ކޮވިޑު ބަލީގެ ނުރައްކަލަށް ހުށަހެޅިގެން އެބަ ދޭ. ހޮސްޕިޓަލުގައި އެކަށީގެންވާ އީއާރު ފެސިލިޓީ ނެތުމާއި ޓްރައިއޭޖު ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމު ވެފައި ނެތުމަކީ ރަށްވެސް އަދި ރައްޔިތުންވެސް ބަލީގެ ނުރައްކަލަށް ހުށަހެޅިގެންދާނެ އިތުރު ސަބަބެެއް،" އާތިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާތަނަށް ކޮވިޑަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ހަތަރު ވަރަކަށް މިލިއަނުން ރަނގަޅު ކޮވިޑް ފެސިލިޓީއެއް ގާއިމު ކުރެވޭނެއެވެ. އަދި ކުޅުދުއްފުއްޓަށް ކޮވިޑު ފެސިލިޓީއެއްގެ މުހިންމުކަން ހެލްތު މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސް، އަވަސް މުސްތަގުބަލެއްގައި އެފަދަ ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ، ކޮވިޑު ބަލިމަޑުކަމުގައި ކުޅުދުއްފުށިން މިހާތަނަށް 14 މާބަނޑު މީހުން ހިމެނޭ ގޮތަށް، 300 މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށީގައި ކޮވިޑު ފެސިލިޓީއެއް އަވަސް ފުރުސަތެއްގައި ގާއިމު ނުކުރެވިއްޖެނަމަ، މާލޭ ސިޓީ ވެއްޓުނު ހާލަތަށް ކުޅުދުއްފުށި ސިޓީ ވެއްޓިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"މިހާރު މިހާ ގިނަ އަދަދެއްގެ ރައްޔިތުން ވިޔަފާރީގެ ބޭނުމަށާއި އެކިއެކި ބޭނުންތަކަށް އަންނަ ރަށެއް ކުޅުދުއްފުއްޓަކީ. އެހެންކަމުން މާލެއަށް ދިމާވި ސިނާރިސޯ، އެ ހާލަތު މިރަށަށް ދިމާވެދާނެ އެއީ އޮތް ކަންބޮޑުވުމެއް،" އާތިފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި، ކުޅުދުއްފުށީގެ ހާލަތު ގޯސްނުވެ އޮތީ، މުއައްސަސާތަކުން ކުރާ ބުރަ މަސައްކަތްތަކާއި ރައްޔިތުންގެ ހޭލުންތެރިކަން ރަނގަޅުވެ، އަންގާ އެނގުންތަކަށް ރައްޔިތުން ކިޔަމަންވުމުގެ ސަބަބުންނެވެ.

ކުޅުދުއްފުށީގައި ކޮވިޑުގެ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މުހިންމުކަންވެސް އާތިފު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެ ސިޓީގައި މިހާރު ކޮވިޑަށް ޓެސްޓް ކުރެވެނީ މެނުއަލްކޮށް ކަމަށެވެ. އެކަމުގެ ސަބަބުން ނަތީޖާ ލިބުމުގައި ލަސްތަކެއް ދިމާވެ އެވެ. އަދި އޮޓޯ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ، ކޮވިޑުގެ ހާލަތަށް އެޗްޕީއޭ އިން މުޅި ރާއްޖެއަށް އާންމު ސިޔާސަތުތަކެއް ކަނޑައެޅިދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އެ ސިޔާސަތުގެ ތެރެއިންް ހެދިފައި ހުންނަ ބައެއް އުސޫލުތައް ރަށްރަށުގެ ކައުންސިލުތަކާ މަޝްވަރާ ކޮށްގެން އެރަށެއްގެ ހާލަތަށް ރިއާޔަތް ކުރެވި، އެރަށަކަށް އެންމެ އެކަށޭނަ އުސޫލުތަކެއް ނުވަތަ ގައިޑްލައިނެއް ތައްޔާރު ކުރެވެން ޖެހޭ ކަމަށެވެ.

"މިސާލަަކަށް މީގެ ތިންދުވަސްވަރު ކުރިން އަޅުގަނޑުމެން ނިންމީ މާލޭން ރަށަށް އަންނަ މުދާ އުފުލާ ބޯޓު ތަކުގެ ފަޅުވެރިން އަޅުގަނޑުމެން ރަށު ތެރެއަށް ދޫ ކުރާނީ ބޯޓު މަޑު ކުރުންމުން ހުރިހާ ފަޅުވެރިންގެ ސާމްޕަލް ނަގައި ޓެސްޓް ކުރެވިގެން ކަމަށް. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. އެއީ އިއްޔެއައި ބޯޓުގެ ނަތީޖާ މިއަދު ލިބުނުއިރު ހަތަރު މީހުން ޕޮޒިޓިވް. އެޗްޕީއޭގެ ސިޔާސަތުގެ ތެރެއިންނެއް ނޫން އެއީ ޓާސްކުފޯސްއާ މަޝްވަރާ ކޮށްގެން ކަނޑައެޅި ގޮތެއް އެއީ،" އާތިފު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، ކޮވިޑުގެ މިހާލަތުގައި ރަށަށް އަންނަން ބޭނުންވާ ފަރާތްތަކަަށްވެސް މިހާރަށްވުރެ ލުއިގޮތްތަކެއް ހަމަޖެއްސިދާނެ ކަމަށެވެ.

"ރަށަށް އަންނަ ބޭނުންވާ ފަރާތްތަކުން މިޖެހެނީ އެޗްޕީއޭގެ ހާލު ބަލާ ޕޯޓަލުގައި ރަޖިސްޓްރީ ކުރަން. އޭގެ ބެކްލޮގެއް ކައުންސިލަށް މި ފެންނަނިީ ދެން ކައުންސިލުން ކަރަންޓީނުވާންޖެހޭ ތަންތަން ޗެކުކުރުމާއި އަންނަން ބޭނުންވާ ފަރާތަކާ ކޮންޓެކްޓު ކޮށްގެން އިތުރު ސަޕޯޓިން ޑޮކިއުމެންޓް ހޯދާފަ އެޗްޕީއޭއަށް މި ފޮނުވަނީ ކައުންސިލްގެ އެޕްރޫވަލް، އެބޭފުޅާ މިކޮޅަށް ވަޑައިގަންނަވަން. ނަމަވެސް އެ ހިސާބުން އެޗްޕީއޭ އިން އެޕްރޫވް ކުރީމަ ހުއްދަ ލިބެނީ. އެއަށްވުރެ ފަސޭހަ ކޮށްލެވޭނެ މިފަދަ ޓެކްނޮލޮޖީގެ ދުވަސްވަރެއްގައި،" އާތިފު ވިދާޅުވި އެވެ.