އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ބޮޑުވެ، އެ ޕާޓީ ހަލާކުވެގެންދަނީ، ޕާޓީގެ ލީޑާޝިޕް ފެއިލްވެގެން ކަމަށް، އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ، އެމްޑީޕީގެ މަސައްކަތް ދެބައިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމުން ކަމަށް އެޕާޓީގެ މިހާރުގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.
މޫސަ ވިދާޅުވީ، ޕާޓީގެ ލީޑާޝިޕް ފެއިލްވީ، ޕާޓީގެ ޗެއާޕާސަންގެ ޒިންމާ ނުނަގައި، ޗެއާ ވަކި ފަރާތަކަށް ޖެހޭތީ ކަމަށެވެ.
އެ ފުނޑާލަނީ އެތައް ބައެއްގެ ބުރަ މަސައްކަތްކަން ފާހަގަ ކުރައްވައި މޫސަ ވަނީ، ޕާޓީގެ ލީޑަރާއި ރައީސް އާއި ނާއިބު ރައީސާއި، ޕީޖީގެ ލީޑާޝިޕާ އެއްތަންކޮށް ގޮތެއް ހޯދުމަށް އެދި ވަޑައިގެންފަ އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެ މައްސަލައިގައި މޫސަ ވަނީ، ހަސަން ލަތީފުގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ފާޑު ވިދާޅުވެފަ އެވެ.
މޫސަ ވިދާޅުވީ، ރައީސް ނަޝީދުގެ ލީޑާޝިޕް ވަރުގަދަ ނަމަ، އެންމެން އެއްކޮށްގެން އުޅެވޭތޯ ބައްލަވާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް އަދި ޗެއާޕާސަން ހަސަން ލަތީފަށްވެސް އެކަން ކުރެވިފައިނުވާ ކަަމަށް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑު ޗެއާޕާސަން ކަމުގައި ހުއްޓައި ބަޣާވާތަކުން ވެރިކަން ވެއްޓުނީ. ގާތްގަނޑަކަށް އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި ދިޔައީ. އެކަމަކު އެންމެން އެއްކޮށްގެން ހުރިހާ މީހުން ގޮވައިގެން 2013 ގެ އިންތިހާބާ ހަމައަށް އަޅުގަނޑު އުޅުނިން. ޕާޓީގެ އެތެރޭގަ މާބޮޑު މައްސަލައެއް ނުނިކުމޭ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ބޮޑު ޕާޓީއެއް ރޫޅިގެންދާއިރު، އެ ޕާޓީ ނަގައި ކޮޅަށް ޖެހުމުގެ ގާބިލުކަން ޕާޓިގައި ތިބޭ ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ. އެ ގާބިލްކަން ނެތް ފަރާތްތަކުން އިސްތިއުފާދިނުމަށްފަހު، އެހެން ބަޔަކަށް ޖާގަދިނުމަށްފަހު ދުރަށްދާންވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަންކަން ގޯސް ވަނީ، ޕާޓީ ތެރޭގައި އަމިއްލަ އަމިއްލައަށް ކަންކަން ނިންމުމުންނެވެ.
ޕާޓީގެ ރައީސަކީ އިދާރީ ހިންގުމުގައި، މާ މަތީ މީހެއް ނޫން ކަމަށާއި، ޕާޓީގެ އިދާރީ ހިންގުންތައް ބިނާކޮށް އަތުރާލަނީ ޕާޓީގެ ޗެއާޕާސަން ކަމަށްވެސް މޫސަ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ފެނިގެން މިދަނީ ޗެއާޕާސަން އަށް ޕާޓީ ނުހިންގިކެއް އުޅޭތަން ކަމަށެވެ.
"އެމްޑީޕީގަ މި އޮންނަނީ ގުނަވަންތަކެއް ހަދާފަ. ދާއިރާ ރައީސުންލާފަ. ދާއިރާތަކަށް ހަދާފަ. ދެން ދާއިރާ ރައީސުން ލާނީ ގައުމީ މަޖިލީހަށް. ދިޔައިމަ ގައުމީ މަޖިލީހުން ކަމެއް ނުނިމިއްޖެއްޔާ ދެން ދާނީ ކޮންގްރެސްއަށް، އެ މައްސަލަތައް ނިންމަން. ޕާޓީގެ ތެރޭގައި އަމިއްލަ އަމިއްލައަށް ކަންކަން ނިންމީމަ ދެއްތޯ ގޯސްވަނީ. ޕާޓީގެ އިދާރީ ހިންގުމުގެ މާ މަތީ މީހެއް ނޫނޭ ޕާޓީގެ ރައީސަކީ. ޕާޓީގެ އިދާރީ ހިންގުންތައް ބިނާކޮށް އަތުރާލަނީ ޕާޓީގެ ޗެއާޕާސަން. މި ބުނާ ވާހަކަ އަކީ ޕާޓީގެ ޗެއާޕާސަނަށް ޕާޓީ ނުހިންގިގެނޭ މިއުޅެނީ. އެތަނޭ އަޅުގަނޑުމެންނަށް ފެންނަނީ،" މޫސަ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު