ޔޫރޯ 2020

ޕްރިވިއު: ބޭލް ހުރީ ފިޓްކޮށް ތައްޔާރަށް، ޔަގީންކަން ދެނީ ގޯލް ޖަހާނެ ކަމަށް!

ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ރޭ އިޓަލީން ވަނީ ފަސޭހަކަމާއެކު ތުރުކީ ބަލިކޮށްފައެވެ. އިޓަލީން ގްރޫޕުގެ އެއްވަނައަށް މިސްރާބު ހިފާފައިވާކަން ޔަގީނެވެ. ދެން އޮތް ޓީމުތަކުން އެ މެސެޖު ބަލައިގަންނާނެ ކަންވެސް ޔަގީނެވެ. އެހެންނަމަވެސް ގްރޫޕުގައި ދެން އޮތް ޓީމުތަކުގެ ޓާގެޓަކީވެސް ގަދަ 16 ގެ ޔަގީން މަގާމުގައި ގްރޫޕް ނިންމާލުމެވެ. އެއީ ގްރޫޕުގެ އެއްވަނަ ނުވަތަ ދެވަނަ މަގާމުގައެވެ. ގްރޫޕް އޭގެ ދެވަނަ މެޗުގައި މިރޭ ވޭލްސް ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅެވޭ މެޗަށް ދެޓީމުވެސް ފުރިހަމައަށް ތައްޔާރެވެ.

ވޭލްސް - ސްވިޒަލޭންޑް

މީގެ ކުރިން ހަތް ފަހަރެއްގެ މަތިން ވޭލްސްއާއި ސްވިޒަލޭންޑް ވަނީ ވާދަވެރި މެޗުތަކުގައި ކުރިމަތިލައިފައެވެ. އެ ރެކޯޑަށް ބަލާއިރު ކުރި ލިބެނީ ސްވިޒަލޭންޑަށެވެ. ހަތް މެޗުގެ ތެރެއިން ފަސް މެޗު ސްވިޒަލޭންޑް ކާމިޔާބުކޮށްފައިވާ އިރު، ވޭލްސްއަށް ކާމިޔާބު ކުރެވުނީ ދެ މެޗެވެ. މިހާތަނަށް ސްވިޒަލޭންޑުން ވޭލްސް ކޮޅަށް އެކިއެކި މެޗުތަކުގައި 16 ގޯލް ޖެހި އިރު، ވޭލްސްއަށް ސްވިޒަލޭންޑް ކޮޅަށް ޖެހިފައި ވަނީ އެންމެ ހަ ގޯލެވެ. ވޭލްސްއާއި ސްވިޒަލޭންޑް އެންމެފަހުން ބައްދަލުކޮށްފައި ވަނީ 2011 ވަނަ އަހަރު ކުޅުނު ޔޫރޯ ކޮލިފިކޭޝަން މެޗެއްގައެވެ. އެ މެޗުން ވޭލްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ކޯޗުންނާއި ކެޕްޓަނުންގެ ބަސް

ވޭލްސް

މެޗުގެ ކުރިން ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖު ބުނެފައި ވަނީ ވޭލްސް ޓީމާއެކު ޔޫރޯއަށް ދެވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށާއި ޓީމަށް ދޭނެ ކޮންމެ އިރުޝާދަކީ ހިތުގެ އަޑިން ދޭނެ އިހުލާސްތެރި އިރުޝާދު ކަމަށެވެ.

"ވޭލްސްގެ ކޯޗުގެ މަގާމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. ކޮންމެ އިރުޝާދެއް ދިނަސް އަހަރެން ދޭނީ އިހުލާސްތެރި ހިތަކާއެކު. ޓެކްޓިކްސްއެއް ނޫން މުހިއްމުވާނީ. މުހިއްމީ ގައުމު ތަމްސީލުކުރުން. ވޭލްސްގެ ސަޕޯޓަރުން، ގައުމުގައި ތިބި ހުރިހާ ރައްޔިތުން ބޭނުންވަނީ އެ މަންޒަރު ދެކެން. ކުޅުންތެރިން އެކަމަށް ތައްޔާރުވާނެ. ޓެކްޓިކަލީ ވިސްނުން ގެއްލުވާނުލައި ކުޅެން ޖެހޭނީ ގައުމީ ރޫހުގައި. ބެލެންސް ކުރެވެން ޖެހޭނެ،" ކޯޗު ޕޭޖު ބުނެފައިވެއެވެ.

"އަހަރެން މިހުރީ މެޗު ފިޓްކޮށް. އަހަރެން ތައްޔާރު، އަހަންނަށް ޔަގީންކަން އެބައޮތް ގޯލް ޖެހޭނެ ކަމުގެ. އާނ... އަހަރެން މިހުރީ ވަރަށް ބޮޑަށް އުންމީދާއެކު. ކޮންފިޑެންސް ވަރަށް މަތީގައި މިހުރީ. އެންމެނަށްވެސް ފެންނާނެ ގައުމީ ޓީމަކީ އަހަރެން އެންމެ އުފަލާއެކު ކުޅޭ ޓީމު. ވޭލްސްއަކީ އަހަރެންގެ ހިތް. ވޭލްސްގެ ޖާޒީގައި ކުރަން ޖެހުނު ކޮންމެ ކަމަކަށް 100 ޕަސެންޓް ދޭނަން. އެއީ އަބަދުވެސް އަހަރެން ހުންނާނެ ސާބިތުކަން. ކެޕްޓަންގެ ޒިންމާ ނަގަން ތައްޔާރަށް ހުރީ ހުރިހާ ކުޅުންތެރިންނާއެކު. ޓާގެޓް ސާފު، ނުކުންނާނީ މޮޅަކަށް،" ޕްރިމެޗު ޕްރެސްގައި ކެޕްޓަން ގެރެތު ބޭލް ބުނެފައިވެއެވެ.

ވޭލްސްގެ ކެޕްޓަން ބޭންޑް 2016 ވަނަ އަހަރު ޔޫރޯގައި އެޅި އެޝްލީ ވިލިއަމްސް ވަނީ އިންޓަނޭޝަނަލް ކެރިއަރު ހުއްޓާލައިފައެވެ. މިފަހަރުގެ މުބާރާތަށް ބޭލް ނުކުންނާނީ ކެޕްޓަން ބޭންޑްގައެވެ. ކްލަބު ފުޓުބޯޅައިގައި މަދު މެޗުތަކެއް ކުޅުމަށް ބޭލްއަށް ފުރުސަތު ލިބުނު ނަމަވެސް ސީޒަން ފަހުކޮޅުގައި އޭނާގެ ފޯމް ފެނުނީ ރަނގަޅަށެވެ. ގޯލާ ރައްޓެހިކޮށެވެ. އެ ފޯމުގައި ޔޫރޯއަށް ނުކުމެއްޖެނަމަ ބޭލްގެ ނުރައްކާ ބޮޑުވާނެއެވެ.

ސްވިޒަލޭންޑް

"ވޭލްސްއަކީ އުނދަގޫ ޓީމެއް. ޑިފެންސިވްލީ ފޫއަޅުވާލަން އުނދަގޫ ޓީމެއް. އަދި ކުރިއަށް ކުޅޭ ކުޅުންތެރިންގެ ކޮލިޓީ ރަނގަޅުވުމާއެކު ކައުންޓާގައި ވަރަށް ނުރައްކާވެސް ކުރާ ޓީމެއް. އަހަރެމެން ބޭނުންވަނީ ޑޮމިނޭޓްކޮށް، އަމިއްލަ ހަލުވި ކަމުގައި މެޗު ކުޅެން. އެކަންކަން ކުރަން ވަރަށް ފޯކަސް ބޭނުންވާނެ. ވޭލްސް އުނދަގޫވާނެ،" ސްވިޒަލޭންޑްގެ ކޯޗު ލަޑިމީރް ޕެޓްކޮވިޗް ބުނެފައިވެއެވެ.

ޕެޓްކޮވިޗް އިތުރަށް ބުނީ ޓާގެޓަކީ ގަދަ 16 އަށް ޔަގީންކަމާއެކު ދިއުން ކަމަށާއި ގްރޫޕްގެ އެއްވަނަ ނުވަތަ ދެވަނަ މަގާމަށް ދާން ސްވިޒަލޭންޑް ތައްޔާރު ކަމަށްވެސް އޭނާ ބުންޏެވެ. އަދި ވޭލްސް ބަލިކުރުމަކީ އެކަމަށް ކޮށޭނެ މަގެއް ކަމަށް ޕެޓްކޮވިޗް ބުނެފައިވެއެވެ.

ސްވިޒަލޭންޑްގެ ކެޕްޓަން ބޭންޑުގައި ނުކުންނާނީ އާސެނަލް މިޑްފީލްޑަރު ގްރަނިޓް ޒަކާއެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން ބުނެފައި ވަނީ ގައުމީ ޓީމަށް 11 އަހަރު ކުޅެ، ކެޕްޓަން ބޭންޑުގައި ނުކުތުމަކީ ލިބޭނެ އެންމެ ބޮޑު ފަހުރު ކަމަށެވެ. ހާއްސަކޮށް ގައުމީ ޓީމު ތަމްސީލު ކުރުމަކީ އަބަދުވެސް އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށާއި ވޭލްސް ބަލިކުރަން ތައްޔާރު ކަމަށް ޒަކާ ބުނެފައިވެއެވެ.

ވޭލްސްއާއި ސްވިޒަލޭންޑް ކުޅޭ މެޗު އޮންނާނީ ރާއްޖެގަޑިން މިއަދު ހަވީރު 6:00 ގައެވެ.