މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓު ހަމަލާ އާ ގުޅިގެން ރޭ ފަތިހު 5:30 އިން ފެށިގެން ފުލުހުންނާއި ސިފައިން އަދި ކަރެކްޝަން ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

އެ ހަމަލާ ދީފައިވަނީ ކުރުނބާ މޯލްޑިވްސްގައި އޮތް އިވެންޓަކަށް ވަޑައިގަތުމަށް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުމެވަޑައިގެން ސެކިއުރިޓީންނާއެކު ނީލޯފަރު ހިނގުމުން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ އިރު، ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށް ފަހު އެމަނިކުފާނު މިހާރު ފަރުވާ ހޯއްދަވަމުން އަންނަނީ ޖަރުމަނުވިލާތުގައެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އިއްޔެ "ވަން" އަށް ވިދާޅުވީ، އެމަނިކުފާނުގެ ފައިގެ ސާޖަރީއެއް އިއްޔެ ކުރެއްވުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މަޑުމަޑުން ފާރުތައް ހިކެމުން އަންނަ ކަމަށެވެ.

މި ހަމަލާ އާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެމީހުންގެ ތެރެއިން މިހާތަނަށް ވަނަވަރު ހާމަކުރި މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި ލ. ގަން، ތުނޑި، ދުންފިނިއުފާ، އަހްމަދު ފާތިހެވެ. ފަސް ވަނަ މީހާ އަކީ ހަރުކަށި ފިކުރާ ދެކޮޅަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށް ތަހުގީގު ކުރަމުން ދަނިކޮށް ނަޝީދަށް ދިން ހަމަލާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވުނު މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ވަނަވަރު އަދި ހާމައެއް ނުކުރެ އެވެ.

އެ މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލި މީހާ އެވެ. ރިމޯޓެއް ބޭނުންކޮށްގެން އޭނާ އައިއީޑީ ގޮއްވާލާ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެނެ އެވެ. ތަހުމީނަކީ ގޮއްވާލި އައިއީޑީ ހަރުކޮށްފައިހުރި ސައިކަލްގެ ވެރި ފަރާތެވެ. މުޖާޒަކީ އަދުހަމާއި ތަހުމީނާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހަމަލާގައި ފާތިހުގެ ދައުރާ ބެހޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާ ދިނުމުގެ އަޑީގައި ތިބި މީހުންނާއި އެކަމަށް ފަންޑުކުރި މީހުން ހޯދުމަށް ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ތަހުގީގަށް ހުރަސްއެޅިދާނެތީ ލިބިފައިވާ ހެކިތަކުގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.