މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ، ބޮޑު ސްކްރީނުން އަޅުވައިގެން ކުޅިވަރުގެ ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ޔޫރޯ 2020 މިރޭ ވަނީ ފަށައިފައެވެ. އެހެންކަމުން ފުޓްބޯޅައަށް ލޯބި ކުރާ އެތައް ދިވެހިންނެއް ވަނީ މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން އެކި ކަންކަން ރާވައިފައެވެ. ބައެއް ފަރާތްތަކުން ބޮޑު ސްކްރީނުގައި މެޗްތައް ބެލުމަށް ވެސް ވަނީ ރާވައިފައެވެ.

ފުލުހުން މިރޭ ބުނީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކޮވިޑުގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށްފަހު، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ހިންގޭ ހަރަކާތްތަކަކީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް މިފަދަ ކަންކަމަށް ތަން ނުދޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެހެންކަމުން، މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއީ ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު ކަމަށެވެ.

ފުޓްބޯޅަ މުބާރާތްތަކާ ދިމާކޮށް، އަބަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން އަޅުވައިގެން މެޗުތައް ބެލުމަކީ ދިވެހީން މީގެ ކުރިން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވެ، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ކާފިއުގެ ވަގުތުތައް އިތުރުކޮށް، އެނޫން ވަގުތުތަކުގައިވެސް ބޭރުގައި އުޅުމަށް ހާއްސަ ފާހެއް ވަނީ ދޫކޮށްފައެވެ. އަދި ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.