ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ އީދަށް ދުނިޔެ ތައްޔާރުވެއްޖެއެވެ. ކޮވިޑް 19ގެ ހާލަތާއެކު ދިގުލައިގެން ދިޔަ ޔޫރޯ 2020 ގެ އިންތިޒާރު ނިމިއްޖެއެވެ. އަހަރަކަށް ފަސްކުރި ޔޫރޯ މިރޭ ފެށިގެންދާނެއެވެ. މިއީ ތާރީހުގައިވެސް އެންމެ ގިނަ ގައުމުތަކުގައި ބާއްވާ ޔޫރޯއެވެ. ދުނިޔޭ ފުޓުބޯޅައިގެ ގަދަ ބާރުތަކުން، ޔޫރަޕުގެ ރަސްކަމަށް ކުރަމުންދާ ހަނގުރާމަ މިފަހަރު އޮތީ މުޅި ޔޫރަޕުގައެވެ. ދުނިޔޭގެ ކޮވިޑް ހާލަތު ގޯސްކޮށް އޮތް ނަމަވެސް، ޔޫރަޕުގެ ގައުމުތަކުން ޔޫރޯއަށް ތައްޔާރުވީ އެންމެ ފުރިހަމައަށެވެ. މެޗުތައް ކުޅޭނީ ސަޕޯޓަރުންނާއެކުގައެވެ. ޔޫރަޕުގެ ހިތްގައިމު 11 ސިޓީއެއްގައެވެ.

ދަތުރުތައް އިންތިހާއަށް ގިނަ މިއަހަރުގެ ޔޫރޯއަކީ ހާއްސަ ހާލަތެއްގެ ޔޫރޯއެކެވެ. ކޮވިޑަށް ނުކަނޑައި ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ. ޓީމުތަކުގެ ކޭމްޕްތަކުން ފެށިގެން ގޮސް، ސަޕޯޓަރުން ދަނޑަށް ވަނުމާ ހަމައަށް އޮތީ ކޮވިޑާ ގުޅިފައެވެ. ޕީސީއާރް ޓެސްޓުތަކާ ވެކްސިނުގެ ވާހަކަ ޔޫރޯއާ އޮތީ ގުޅިފައެވެ. ޔޫރޯގެ ސަބަބުން އުސޫލުތަކަށް ގެނައި ބަދަލުތައްވެސް ގިނައެވެ. ސިޓީތަކުގެ އުސޫލުތަކަށް ބަލައި ސަޕޯޓަރުންނަށް ވަނީ އުނދަގޫތަކަކާވެސް ކުރިމަތިވެފައެވެ. އެހެންނަމަވެސް ހާލަތުގެ ވަގުތަށް ބަލައި ފުއްދާލުން ނޫން ގޮތެވެ. ޝުކުރު ކުރަން ޖެހެނީ ކުޅިބަލަން ވަދެ، ޓީމުތަކަށް ހިތްވަރުވެސް ދެވޭތީއެވެ.

ޔޫއެފާއިން ނިންމާފައި ވަނީ މިފަހަރު ޔޫރޯ ހޯސްޓް ކުރާނީ ޔޫރަޕުގެ ހިތްގައިމު 11 ސިޓީއެއްގެ ތާރީހީ 11 ސްޓޭޑިއަމެއްގައި ކަމަށެވެ.

ފުރަތަމަ 13 ސްޓޭޑިއަމްގައި ކުޅުމަށް ޔޫއެފާއިން އިއުލާން ކުރި ނަމަވެސް، ފަހުން 11 އަށް ބަދަލު ކުރިއެވެ. ބްރުސަލްސްއިން ޔޫރޯ ސްޓޭޑިއަމެއް ބިނާކޮށް މެޗުތައް ހޯސްޓް ކުރަން އުޅުނު ނަމަވެސް އެކަމަށް ލަސްތަކެއް ދިމާވުމުން ޔޫއެފާއިން ވަނީ އެ ސިޓީގެ ނަން ހޯސްޓް ސިޓީތަކުގެ ލިސްޓުން މާ ކުރީން ނަގައިފައެވެ. ކޮވިޑް 19ގެ ހާލަތާއެކު ކޮންމެ ގައުމަކަށްވެސް ސަޕޯޓަރުން ވެއްދޭނެ އަންދާޒާއެއް ކޮށް، އެ ސަޕޯޓަރުން ވައްދާނެ ގޮތެއް ކަނޑައަޅަން ޔޫއެފާއިން ވަކި މުއްދަތެއް ދީފައިވެއެވެ. އެ އިންސްޕެކްޝަންގެ ތެރެއިން ސަޕޯޓަރުން ވެއްދެން ނެތުމާއެކު އަޔަލޭންޑް ޑަބްލިންވެސް ވަނީ ހޯސްޓް ސިޓީތަކުން އުނިކޮށްފައެވެ.

ސިޓީ: އެމްސްޓެޑާމް

ސްޓޭޑިއަމް: ޔޯހަން ކްރައިފް އެރީނާ

ސަޕޯޓަރުންގެ ޖާގަ: 54،990 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 12،000 މީހުން (25 ޕަސެންޓް)

ސިޓީ: ބަކޫ

ސްޓޭޑިއަމް: އޮލިމްޕިކް ސްޓޭޑިއަމް

ސަޕޯޓަރުންގެ ޖާގަ: 68،700 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 34،350 މީހުން (50 ޕަސެންޓް)

ސިޓީ: ބުޗަރެސްޓް

ސްޓޭޑިއަމް: އެރީނާ ނޭޝިއޮނާލޭ

ސަޕޯޓަރުންގެ ޖާގަ: 55،600 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 13،000 (25 ޕަސެންޓް)

ސިޓީ: ބުޑަޕެސްޓް

ސްޓޭޑިއަމް: ޕުސްކާސް އެރިނާ

ސަޕޯޓަރުންގެ ޖާގަ: 67،215 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 67،215 މީހުން (ފުލް ސްޓޭޑިއަމް)

ސިޓީ: ކޯޕެންހޭގަން

ސްޓޭޑިއަމް: ޕާކެން ސްޓޭޑިއަމް

ސަޕޯޓަރުންގެ ޖާގަ: 38،065 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 11،236 މީހުން (25-33 ޕަސެންޓް)

ސިޓީ: ގްލަސްގްލޯ

ސްޓޭޑިއަމް: ހަމްޕްޑެން ޕާކް

ސަޕޯޓަރުންގެ ޖާގަ: 51،866 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 12،000 މީހުން (25 ޕަސެންޓް)

ސިޓީ: ލަންޑަން

ސްޓޭޑިއަމް: ވެމްބްލީ

ސަޕޯޓަރުންގެ ޖާގަ: 90،000 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 22،500 މީހުން (25 ޕަސެންޓް)، ފައިނަލާއި ސެމީ ފައިނަލް މެޗުތަކަށް އިތުރު ކުރެވޭނެ

ސިޓީ: މިއުނިކް

ސްޓޭޑިއަމް: އެލިއާންޒް އެރީނާ

ސަޕޯޓަރުންގެ ޖާގަ: 70،000 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 14،500 (20 ޕަސެންޓް)

ސިޓީ: ރޯމް

ސްޓޭޑިއަމް: ސްޓޭޑިއޯ އޮލިމްޕިކޯ

ސަޕޯޓަރުންގެ ޖާގަ: 70،634 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 17،659 މީހުން (25 ޕަސެންޓް)

ސިޓީ: ސެއިންޓް ޕީޓާސްބާގް

ސްޓޭޑިއަމް: ކްރެޓޮވްސްކީ ސްޓޭޑިއަމް

ސަޕޯޓަރުންގެ ޖާގަ: 68،134 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 34،067 މީހުން (50 ޕަސެންޓް)

ސިޓީ: ސެވިއްޔާ

ސްޓޭޑިއަމް: ލަ ކަރުޓޫޖާ

ސަޕޯޓަރުންގެ ޖާގަ: 60،000 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 18،000 (30 ޕަސެންޓް)

ސަޕޯޓަރުން ވެއްދުމުގައި ޕީސީއާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް ގިނަ ސްޓޭޑިއަމްތަކަށް ބޭނުންވާ އިރު، ވެކްސިނޭޝަން ފުރިހަމަ ކުރުންވެސް އެއީ ސަޕޯޓަރުންނަށް ވަރަށް މުހިއްމު ކަމެކެވެ. ސްޓޭޑިއަމްތަކަށް ވެއްދުމުގެ އުސޫލުތަކުގައި އެ ފިޔަވަޅުތައް ހިމެނެއެވެ.

ޓީމުތަކާއި ކުޅުންތެރިން ވަކި ބޭސްއެއްގައި ކޭމްޕް ކޮށްގެން ތިބޭނީ އެކަހެރިކޮށެވެ. ޔޫރޯގައިވެސް ކޮވިޑް 19 އިން ރައްކާތެރިވުމަށް ބޭނުންކުރާނީ މިހާރު ދުނިޔޭގެ ހުރިހާ ކުޅިވަރެއްގައިވެސް ބޭނުންކުރާ "ބަޔޯ ސެކުއާ ބަބުލް" އުސޫލުތަކެވެ. ޓީމު ކޭމްޕުން ބޭރު އެއްވެސް މީހަކާ ކޮންޓެކްޓް ނުވާނެކަން ޔަގީން ކުރެވޭނެ އުސޫލުތައް ހަދައި އެކަންކަން އަންނަނީ ހަރުކަށިކަމާއެކު ބަލަމުންނެވެ. އެ އުސޫލުތަކާއެކުވެސް މުބާރާތުގެ ތެރެއިން ކޮވިޑުގެ ކޭހެއް ފެނިއްޖެނަމަ އެކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ބައެއް އުސޫލުތަކަށް ބަދަލު ގެނެސް، ޓީމުތަކަށް ލުއިތަކެއް ދީފައިވެއެވެ.

  • ރެފްރީއެއް ޕޮޒިޓިވް ވެއްޖެނަމަ އެ މެޗަކަށް ހާއްސަ ހާލަތުގައި ހަމަޖައްސާނީ އެ ގައުމަކަށް ނިސްބަތްވާ ރެފްރީއެއް.
  • ކޮވިޑް ހާލަތުގެ ސަބަބުން ކުޅުންތެރިން މަދުވެދާނެތީ އެހެން އަހަރުތަކުގެ ޔޫރޯއާ ހިލާފަށް މިއަހަރު ކޮންމެ ޓީމަކަށްވެސް 26 ކުޅުންތެރިން ސްކޮޑުގައި ޖެހޭނެ. ކުރިން އޮންނަ އުސޫލުން ސްކޮޑުގައި ހިމެނޭނީ 23 ކުޅުންތެރިން.
  • ޔޫރަޕުގެ ބޮޑެތި އެހެން މުބާރާތްތަކެކޭ އެއްގޮތަށް ޔޫރޯގައިވެސް މެޗު ތެރެއިން ކޮންމެ ޓީމަކަށްވެސް ފަސް ބަދަލު ކުރުމުގެ ފުރުސަތު ދޭނެ. މެޗެއް އިތުރު ވަގުތަށް ގޮސްފިނަމަ ހަވަނަ ބަދަލަކަށްވެސް ފުރުސަތު އޮންނާނެ.
  • ޓީމުގެ ތެރެއިން ކޮވިޑް ކޭހެއް ފެނި ކަރަންޓީނުވެ އެކަހެރިވާން ޖެހިއްޖެ ހާލަތެއްގައި ޔޫއެފާއިން ބަލާނީ ޓީމުގައި 13 ކުޅުންތެރިން އައިސޮލޭޓް ނުވެ ތިބިތޯ. އެ 13 ކުޅުންތެރިން ތެރޭގައި ގޯލްކީޕަރެއް ހުރިނަމަ މެޗު ކުޅެން ޖެހޭނެ.
  • ކަނޑައެޅިފައިވާ އަދަދަށް ކުޅުންތެރިން ނުލިބޭނަމަ ޖެހިގެން އޮތް 48 ގަޑިއިރު ތެރޭ މެޗު އެހެން ދުވަހެއްގައި، އެހެން ސްޓޭޑިއަމެއްގައި ކުޅުމަށް ޔޫއެފާއިން އަލުން ޝެޑިއުލް ކުރާނެ. ހާލަތު މާ ބޮޑަށް ގޯސްނަމަ ގޮތް ނިންމާނީ ޔޫއެފާ ކޮންޓްރޯލް، އެތިކްސްގެ ހާއްސަ ކޮމިޓީއަކުން. އެޓީމަކުން މެޗަށް ހާޒިރު ނުވި ކަމަށް ބެލެވޭނެ ބާރު އެ ކޮމިޓީއަށް ލިބޭނެ.

ޔޫރޯއާއި ވޯލްޑް ކަޕް ފަދަ މުބާރާތްތަކަކީ އަބަދުވެސް ދިވެހީން 'ހޭވައްޓާލާފައި' ތައްޔާރުވާ މުބާރާތްތަކެވެ. އަމިއްލަ ގައުމު ނުކުޅުނު ނަމަވެސް ސަޕޯޓުކުރާ ޓީމަށް ދިވެހީންވެސް މަރުދޭނެއެވެ. ފިހާރަތައް ޖާޒީތަކުން ފުރާލައި، ޖާޒީ ގަތުމާއި ޖާޒީ ހަދިޔާކުރުންވެސް އިންތިހާއަށް ގިނަވާނެއެވެ. ބޮޑެތި ޖަގަހަތައް ހަދައި، ބޮޑެތި ބިޔަ ސްކްރީންތަކުން އެކި ސަރަހައްދުތައް ފުރައިވެސްލާނެއެވެ. އެއްތަނަކަށް އެއްވެ ހުރިހާ ރަށެއްގައިވެސް މެޗު ބެލުމުގެ ފޯރި އޮންނާނީ ބޮޑެތި ކެއްކުންތަކާއި ބާބަކިއުތަކާވެސް އެކުގައެވެ. އެއާއެކު މެޗު ބަލަން ކެފޭތަކާއި ރެސްޓޯރަންޓްތައްވެސް ފުރައިލާނެއެވެ. ފާރުތަކުގައި ގައުމީ ޓީމުތަކުގެ ކުޅުންތެރީންގެ ކުރެހުންތައް ކުރަހައި މުޅި ގައުމު ފުޓުބޯޅަ ފޯރިން ޖަރީކޮށްލާނެއެވެ. އެކުވެރިކަމާއި ފުޓުބޯޅަ ރޫހުގެ މަޖާ މާހައުލެއްގައި ދިވެހީން ޔޫރޯ ފަދަ މުބާރާތްތައް ކުރީން ބެލި ނަމަވެސް މިހާރު މިއޮތީ ހާލަތު ބަދަލުވެ ގޭބަންދުގައި ތިބޭން ޖެހިފައިވާ ހާލަތެކެވެ. ކޮވިޑުގެ ބޮޑު ރާޅެއްގައި ޖެހި ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ދިރިއުޅުން ބަނަވެފައިވާ މި ހާލަތުގައި ދިވެހީންނަކަށް ވެސް މިފަހަރު ހަގީގީ ޔޫރޯއެއް ނާންނާނެއެވެ. ފުޓުބޯޅައިގެ ފޯރި ދިވެހި ގައުމުގައިވެސް މިއޮތީ ކުޑަކޮށެވެ. ގޭގޭގެ ސިޓިން ރޫމްތަކުން ޔޫރޯ ބެލުން ނޫން ގޮތެއްވެސް ނެތެވެ. އެކަމަކު ދިވެހީން ޔޫރޯއާ ދުރުވުމެއް ނެތެވެ. ބެލޭން އޮތް ގޮތަކަށް ބަލާނެއެވެ.

ޔޫރޯގެ ފުރަތަމަ މެޗު އޮންނާނީ އިޓަލީގެ ތާރީހީ ސްޓޭޑިއަމް ސްޓޭޑިއޯ އޮލިމްޕިކޯގައެވެ. ރޯމްއަކީ ދުނިޔޭގެވެސް އެންމެ މަގުބޫލު އެއް ޓޫރިސްޓް ސިޓީއެވެ. ވެޓިކަން ދާރުލްއާސާރާއި ޓްރެވީ ފައުންޓެން ފަދަ މަގުބޫލު ބިނާތައް ރޯމްއިން ފާހަގަކޮށްލެވޭ އިރު، އެ ސިޓީގެ ސަގާފަތާއި ތަރިކަ ވާޗުއަލް ހުޅުވުމުގެ ރަސްމިއްޔާތުން ދައްކާލަ ދޭނެއެވެ.

ސްޓޭޑިއޯ އޮލިމްޕިކޯއަކީ އިޓަލީ ލީގުގެ ރޯމާއާއި ލާޒިއޯއިންވެސް ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމްއެވެ. ޔޫރަޕްގެ ކްލަބު މުބާރާތްތަކުގެ ހަތަރު ފައިނަލެއް ކުޅެފައިވާ ސްޓޭޑިއަމްއެއް ކަމަށްވާ ސްޓޭޑިއޯ އޮލިމްޕިކޯއަކީ ޔޫރޯ 1968 ފައިނަލާއި 1990 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެފައިވާ ސްޓޭޑިއަމްއެވެ.