• ވެރި ރަށް: ޒަގްރެބް
  • އާބާދީ: 4،085،356
  • ޓީމުގެ ވަނަން: ވަޓްރޭނީ (ދަ ބްލޭޒާސް)/ ކޮކާސްޓީ (ދަ ޗެކާޑް ވަންސް)
  • ކެޕްޓަން: ލޫކާ މޮޑްރިޗް
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ލޫކާ މޮޑްރިޗް (136 މެޗު)
  • ޓޮޕް ސްކޯރާ: ޑޭވާ ސުކާ (45 ގޯލް)

ކްރޮއޭޝިއަކީ އެންމެފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމެވެ. ފުޓުބޯޅައިގައި ކްރޮއޭޝިއާއަކީ ވަކި ގައުމެއްގެ ގޮތުގައި ފީފާއިން ބެލީ ޔޫގޯސްލާވިއާއިން އެގައުމު ވަކިވެގެން ދިޔަ ހިސާބުންނެވެ. އެއީ 1994 ވަނަ އަހަރުން ފެށިގެންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅުމަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މިހާތަނަށް ފަސް ފަހަރަށް ވޯލްޑް ކަޕް، އަދި ހަ ފަހަރެއްގެ މަތީން ކްރޮއޭޝިއާއިން ޔޫރޯ މުބާރާތުގައި ވާދަކޮށްފައިވެ އެވެ. އެގައުމުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރީ 1998 ވަނަ އަހަރުއެވެ. ޔޫރޯ މުބާރާތުގައި އެންމެ ފުރަތަމަ ކުޅެފައި ވަނީ 1996 ވަނަ އަހަރުއެވެ. ކްރޮއޭޝިއާ އަކީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ތަރިންތަކެއްވެސް އުފައްދި ޓީމެކެވެ. ހާއްސަކޮށް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ޑޭވާ ސުކާގެ ނަން އެއީ ފަނޑުވުމެއް ނުވާނެ ނަމެކެވެ.

ޑޭވާ ސުކާ ފަދަ ކުޅުންތެރިންނާއެކު ކްރޮއޭޝިއާއިން ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ތިންވަނަ އެޓީމުން ހޯދި ނަމަވެސް 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގައި އޮތް ވޯލްޑް ކަޕުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަން އިން ކަޓައި އެ މުބާރާތުން ކްރޮއޭޝިއާއަށް ފުރުސަތުވެސް ލިބިފައެއް ނުވެއެވެ. ކްރޮއޭޝިއާއިން އަނެއްކާވެސް ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކުޅުނެވެ. އެހެންނަމަވެސް އެ މުބާރާތުންވެސް އަލްވަދާއު ކިޔާން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. ދެން އައި ވޯލްޑް ކަޕަކީ ކްރޮއޭޝިއާގެ ތާރީހު ބަދަލުކޮށްލި ވޯލްޑް ކަޕެވެ. އެގައުމުގައި އުފެދުނު ރަން ޖީލުގެ ފެންވަރު ސާބިތު ކޮށްދިން ވޯލްޑް ކަޕެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕުން ކްރޮއޭޝިއާ ވަނީ ރިހި މެޑަލް ހޯދައި ފުޓުބޯޅަ ދުނިޔެ ހައިރާން ކޮށްލައިފައެވެ. ކްރޮއޭޝިއާކީ އެ ވޯލްޑް ކަޕްގެ ސަޕްރައިޒިން ޓީމެވެ.

ކްރޮއޭޝިއާ ޔޫރޯގައި ފުރަތަމަ ކުޅުނު އަހަރުން ފެށިގެން ބަރާބަރަށް ކޮލިފައިވަމުން އައިސްފައި ވީ ނަމަވެސް 2000 ވަނަ އަހަރު ކްރޮއޭޝިއާ ޔޫރޯއަށް ކޮލިފައި ވެފައެއް ނުވެއެވެ. 1996 އަހަރުގެ ޔޫރޯއާއި 2008 ގެ ޔޫރޯއަކީ އެގައުމަށް އެންމެ ކާމިޔާބު ދެ މުބާރާތެވެ. އެ ދެ އަހަރުވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، 1996 ވަނަ އަހަރު ކުއާޓާއިން ބަލިވީ ޖަރުމަނު އަތުންނެވެ. 2008 ވަނަ އަހަރު ކުއާޓާއިން ކެޓީ ތުރުކީ އަތުން ބަލިވެގެންނެވެ.

ކްރޮއޭޝިއާއިން 2012 ވަނަ އަހަރު ޔޫރޯގައިވެސް ކުޅުނެވެ. ޕޮލެންޑާއި ޔުކްރޭންއާ ދެގައުމުގައި އޮތް އެ ޔޫރޯއިން ކްރިއޭޝިއާ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އޭރުން ފެށިގެން އެގައުމުގެ ކާމިޔާބު ސްކޮޑު އައީ ފައްކާވަމުންނެވެ. 2016 ވަނަ އަހަރުގެ ޔޫރޯގައި އެ ސްކޮޑުގެ ކުޅުން ކޮންމެވެސް ވަރަކަށް ފެނިގެން ދިޔައެވެ. އީވާން ރަކެޓިޗާއި، މަޓެއޯ ކޮވަސިޗްގެ އިތުރުން ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިންނާއެކު ކްރޮއޭޝިއާއިން 2016 ވަނަ އަހަރު ނުކުމެ ގަދަ 16ގައި ކުޅުނެވެ. އެޓީމު ކަޓައިގެން ދިޔައީ ހިތްދަތި ގޮތަކަށެވެ. ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން ކްރޮއޭޝިއާ ބަލިވީ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނެޓް ތެރޭގައި ޕޯޗުގަލްއިން ގޯލް ޖަހައިގެންނެވެ.

ކްރޮއޭޝިއާއަކީ ފެންވަރު ދަށް ޓީމެއްގެ ގޮތުގައިި ވަޒަން ކޮށްފިނަމަ އެއީ މިހާރު އިންސާފަކަށް ނުވާނެއެވެ.

ޔޫރޯ ފަދަ މުބާރާތްތަކުގެ ތާރީހުގައި ކްރޮއޭޝިއާ ފަދަ ގައުމުތަކުގެ ލެޖެންޑުން ވަނީ އުފެދިފައެވެ. ކުރިން ކްރޮއޭޝިއާއަކީ ގިނަ ތަރިންތަކެއް އެކުލެވޭ ޓީމެއްގެ ގޮތުގައި ނުގުނައެވެ. އެހެންނަމަވެސް މިހާރު އެޓީމަކީ ތަރިންގެ ޓީމެއް ކަމަށް ބުނެވިދާނެއެވެ. އެޓީމުގެ ފަހަތުން އެތުލެޓިކޯ މެޑްރިޑްގެ ސިމޭ ވިސެލްކޯގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު ޑިޖެން ލޮވްރެންވެސް ކްރޮއޭޝިއާ ޓީމުން ފެންނާނެއެވެ. ކްރޮއޭޝިއާގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ މެދުތެރެއެވެ. ތަޖުރިބާކާރު ކެޕްޓަން ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗްއާއި ޗެލްސީގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗްގެ އިތުރުން މިފަހަރުގެ ޓީމުގައިވެސް އިވާން ޕެރިސިޗް ހިމެނޭއެވެ. ކުރިއަށް ކުޅޭނީ އަންޓެ ރެބިޗްގެ އިތުރުން އަންދްރޭ ކްރަމަރިޗެވެ.

ކްރޮއޭޝިއާއިން ވޯލްޑް ކަޕް ފައިނަލަށް 2018 ވަނަ އަހަރު ކުރި ދަތުރުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އެއް މިޑްފީލްޑަރު ސެވިއްޔާގެ އިވާން ރަކެޓިޗް މިފަހަރުގެ ޓީމުން ނުފެންނާނެއެވެ. ގައުމީ ޓީމަށް 100 މެޗަށްވުރެ ގިނައިން ކުޅެފައިވާ ރަކެޓިޗް ގައުމީ ޓީމުގެ ރިޓަޔާމަންޓް އޭނާ ވަނީ އިއުލާން ކޮށްފައެވެ.

ލަޓްކޯ ޑަލިޗް

އުމުރު: 54 އަހަރު

ލަޓްކޯ ޑަލިޗް ކްރޮއޭޝިއާ ގައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޗެލެންޖް ފުރިހަމަކޮށް ޓީމާއެކު ޑަލިޗް ރަޝިއާގެ ވޯލްޑް ކަޕަށް ދިޔައީ ފެވަރިޓް ޓީމެއްގެ ގޮތުގައެއް ނޫނެވެ. އެހެންނަމަވެސް އެ މުބާރާތުގެ އެންމެ "ސަޕްރައިޒިން" ޓިމަކަށްވީ ކްރޮއޭޝިއާއެވެ. އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ފައިނަލްގައި ކުޅުނެވެ.

ތަރި: ލޫކާ މޮޑްރިޗް

އުމުރު: 35 އަހަރު

ކްލަބު: ރެއާލް މެޑްރިޑް

ކްރޮއޭޝިއާގެ ތަރިއަކީ 2018 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރި ލޫކާ މޮޑްރިޗެވެ. ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކްލަބު ރެއާލް މެޑްރިޑްގެ މެދެތެރޭގައިވެސް މުހިއްމު ރޯލެއް އަދާކުރަމުން އަންނަ މޮޑްރިޗަކީ ގައުމީ ޓީމުގެ ކެޕްޓަންވެސް މެއެވެ. މިހާތަނަށް 136 މެޗު ގައުމީ ޓީމަށް ކުޅެފައިވާ މޮޑްރިޗަކީ ދުނިޔޭގައިވެސް ހުރި އެންމެ ތަޖުރިބާކާރު، އެންމެ ހިތްގައިމު ކުޅުމެއް ކުޅޭ އެއް މިޑްފީލްޑަރެވެ. ޕާސް ދިނުމުގެ ހުނަރާއި މެދުތެރެއިން މެޗު ކޮންޓްރޯލް ކުރުމުގައި މޮޑްރިޗް ފާހަގަކޮށްލެވެއެވެ. ވަކީން ހާއްސަކޮށް ދުރުން ގޯލް ޖެހުމުގައިވެސް މޮޑްރިޗަކީ ހުނަރުވެރި، މޮޅު ކުޅުންތެރިއެކެވެ. ޓީމުގެ ލީޑަރަކީ އަދިވެސް މޮޑްރިޗެވެ. އޭނާއަށް ޓީމު ބަރޯސާ ވާ މިންވަރު މި މުބާރާތުގައި ވެސް ބޮޑުވާނެއެވެ. ހާއްސަކޮށް 2018 ވޯލްޑް ކަޕްގެ ކާމިޔާބީ ތަކުރާރު ކުރުމަށް މޮޑްރިޗްގެ ދައުރު އިންތިހާއަށް މުހިއްމު ވާނެއެވެ.

13 ޖޫމް/ 18:00 / އިންގްލެންޑް – ކްރޮއޭޝިއާ

18 ޖޫން/ 21:00 / ކްރޮއޭޝިއާ – ޗެކް ރިޕަބްލިކް

23 ޖޫން/ 00؛00 / ކްރޮއޭޝިއާ – ސްކޮޓްލޭންޑް

  • ގޯލްކީޕަރުން

ޑޮމިނިކް ލިވަކޮވިޗް (ޑައިނަމޯ ޒަގްރެބް)

ލޮވްރޭ ކިލިނިޗް (ހަޖްޑުކް ސްޕްލިޓް)

ސިމޮން ސްލޫގާ (ލުޓޮން)

  • ޑިފެންޑަރުން

ސީމަ ވަސަލްކޯ (އެތުލެޓިކޯ މެޑްރިޑް)

ބޯނާ ބަރިސިޗް (ރޭންޖާސް)

ޑޫޖޭ ކަލެޓާ ކާ (މާސޭ)

ޑެޖާން ލޮވްރެން (ޒެނިތު)

ޖޮސިޕް ޔުރަނޮވިޗް (ލެގިއާ ވާސޯ)

ޑޮމަގޮޔް ވިޑާ (ބެސިކްޓާސް)

ޔޮސްކޯ ގުވާޑިއޮލް (އާރްބީ ލައިޕްޒިގް)

ޑޮމަގޮޔް ބްރަޑަރިޗް (ލިލް)

މިލޭ ސްކޮރިޗް (އޮސިޖެކް)

  • މިޑްފީލްޑަރުން

މަޓިއޯ ކޮވަސިޗް (ޗެލްސީ)

ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް)

މާސެލޯ ބްރޮޒޮވިޗް (އިންޓަ މިލާން)

މިލާން ބަޑޭޖް (ގެނޯއާ)

ނިކޯލާ ވްލަސިވް (ސީއެސްކޭއޭ މޮސްކޯ)

މާރިއޯ ޕަސަލިޗް (އެޓަލާންޓާ)

އިވާން ޕެރިސިޗް (އިންޓަ މިލާން)

ޖޮސިޕް ބްރެކާލޯ (ވުލްފްސްބާގް)

މިސްލާވް އޯސިޗް (ޑައިނަމޯ ޒަގްރެބް)

ލޫކާ އިވަނުސޭޗް (ޑައިނަމޯ ޒަގްރެބް)

  • ފޯވަޑުން

އަންޓޭ ރެބިޗް (އޭސީ މިލާން)

ބްރޫނޯ ޕެޓްކޮވިޗް (ޑައިނަމޯ ޒަގްރެބް)

އަންޓޭ ބުޑިމިޔާ (އޮސަސޫނާ)

އަންދްރޭ ކްރަމަރިޗް (ހޮފެންހޭމް)