ވިޔަފާރި

މޯލްޑިވް ގޭސް ޔޫރޯ ޗެލެންޖު: އިނާމުތަކުގެ ތެރޭގައި އައިފޯން 12 ޕްރޯ މެކްސްއަކާއި 65 އިންޗީގެ ޓީވީއެއް

ޔޫރަޕުގެ އެންމެ ބޮޑު އަދި މުޅި ދުނިޔޭގެ ދެވަނައަކަށް އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ޔޫރޯއާ ދިމާކޮށް، މޯލްޑިވްސްގެ ގޭހުގެ ޔޫރޯ ޗެލެންޖް އިއުލާން ކޮށްފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މޯލްޑިވް ގޭހުން އިއުލާން ކޮށްފައިވާ ހާއްސަ ޗެލެންޖުތަކުގައި މައިގަނޑު ދެ ޗެލެންޖެއް ހިމެނެއެވެ. ފުރަތަމަ ޗެލެންޖަކީ މެޗުތަކުގެ ސްކޯ ދިމާކުރުމުގެ ޗެލެންޖެކެވެ. މުބާރާތް ފެށުމާ ހަމައިން މުބާރާތް ނިމެންދެން ހުރިހާ މެޗެއްގެ ސްކޯ ދިމާކުރުމަށް މޯލްޑިވް ގޭހުން ހުޅުވާލާފައިވާ އިރު، އެ ޗެލެންޖުގެ ގްރޭންޑް އިނާމަކީ އައިފޯން 12 ޕްރޯ މެކްސް، 128 ޖީބީގެ ފޯނެކެވެ. އޭގެ އިތުރުން ކޮންމެ ދުވަހެއްގެ މެޗުތަކުގެ ސްކޯ ދިމާ ފަރާތެއް ހޮވައި، އެ ފަރާތަކަށް މޯލްޑިވް ގޭހުގެ ލުއި ފުޅިއެއް ދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މޯލްޑިވް ގޭސް ޔޫރޯ ޗެލެންޖުގެ ދެވަނަ ޗެލެންޖަކީ "ޕްލޭޔާ ގެސިން" ޗެލެންޖެކެވެ. ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރާ ފޮޓޯގައިވާ ކުޅުންތެރިޔަކު ދިމާކޮށް ކޮމެންޓް ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު، އެ ޗެލެންޖުގެ ގްރޭންޑް އިނާމަކީ 65 އިންޗީގެ ޓީވީއެކެވެ. އެ ޗެލެންޖުގެ ނަތީޖާ ދިމާކުރާ ފަރާތްތަކުގެ ތެރެއިންވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ދުވަހަކު މޯލްޑިވް ގޭސްގެ ލުއި ފުޅިއެއް ލިބިގެންދާނެއެވެ.

ދެ ޗެލެންޖުވެސް ކުރިއަށް ގެންދާނީ މޯލްޑިވް ގޭހުގެ ފޭސްބުކް ޕޭޖުގައެވެ. ޗެލެންޖުތަކުގައި ބައިވެރިވުމަށް ޖެހޭނީ ޕޯސްޓަށް ކޮމެންޓް ކުރާށެވެ. ދެ ޗެލެންޖުގެ ގްރޭންޑް ޕްރައިޒް އިއުލާން ކުރާނީ މުބާރާތް ނިމުމުންނެވެ. މުބާރާތުގެ ޗެލެންޖުތަކަށް ލުއި ފުޅި ދިނުމަށް ކޮންމެ ދުވަހަކު އޮންނަ މެޗުތަކަށް ވަކިން ބަލައި ގުރުއަތު ނަގާނެއެވެ.

ޔޫރޯ މުބާރާތް މިރޭ ފެށޭނެއެވެ. މުބާރާތުގައި 24 ޓީމަކުން ވާދަކުރާ އިރު، މިފަހަރުގެ މުބާރާތް އޮންނާނީ ޔޫރަޕްގެ 11 ސިޓީއެއްގައެވެ. މުބާރާތުގައި ދުނިޔޭ ފުޓުބޯޅައިގެ ނަން މަޝްހޫރު ފުޓުބޯޅަ ތަރިން ފެންނާނެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ ގައުމުތަކުގައި ބޭއްވޭ ޔޫރޯއެވެ. މުބާރާތް ވެގެންދާނީ ފުޓުބޯޅައިގެ އީދަކަށެވެ.