މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރުގެ ރައީސްގެ މަގާމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުކޮށްފިއެވެ.

އިއްޔެ ބޭއްވި އިންތިހާބު ޗަމްޕީ ކާމިޔާބު ކުރެއްވީ 16 މެމްބަރު އެސޯސިއޭޝަނާއި ދެ އެތުލީޓް ރިޕްރެސެންޓޭޓިވްސްގެ ތެރެއިން 11 މެމްބަރު އެސޯސިއޭޝަންގެ ތާއީދު ހޯއްދަވައިގެންނެވެ. ޗަމްޕީއާ ވާދަކުރެއްވި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އަށް ލިބުނީ ހަތް ވޯޓެވެ.

އިންތިހާބު ފުރަތަމަ އިއުލާންކުރެއްވި އިރު، އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އުމަަރު (އައްޔަ) ރައީސް ކަމަށް ވާދަކުރައްވަން ހުންނެވި ނަމަވެސް ފަހުން ވަނީ ނަން އަނބުރާ ގެންދަވައިފައެވެ.

މިއީ ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ޗުމްޕީ ހުންނަވާ ތިންވަނަ ދައުރެވެ. އޭނާ އަކީ އެންމެ ފަހުން އޮތް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރެއް ވެސްމެއެވެ. އެންމެ ފަހުން ދެ ދައުރުގައި އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި މުހައްމަދު ޝަވީދު މި ފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވައެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ އިންތިހާބު ކާމިޔާބުކުރީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލެވެ. ތޮލާލްއަށް 15 ވޯޓު ލިބިވަޑައިގެންނެވި އިރު، އަހުމަދަށް ވަނީ 14 ވޯޓު ލިބިވަޑައިގެންފައެވެ. ދެން ވާދަކުރެއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލްއަށް ލިބިވަޑައިގެންނެވީ ހަ ވޯޓެވެ.

ކޮމިޓީގެ ބާކީ މަގާމުތަކުގެ ތެރެެއިން އޮލިމްޕިކްސް ކުޅިވަރުގެ ހަ ސްލޮޓަށް އިންތިހާބުވީ ބެޑްމިންޓަން އެސޯސިއޭޝަނާއި ބާސްކެޓް އެސޯސިއޭޝަނާއި ސާފިން އެސޯސިއޭޝަނާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަނެވެ. އަދި ނޮން އޮލިމްޕިކް ކުޅިވަރުތަކުގެ ސްލޮޓު ކާމިޔާބުކުރެއްވީ ބޮޑީބިލްޑިން އެސޯސިއޭޝަނާއި ޗެސް އެސޯސިއޭޝަނާއި ނެޓްބޯލް އެސޯސިއޭޝަނެވެ.

އޮލިމްޕިކްސް ކޮމިޓީގެ އިންތިހާބު މިފަދަ ހާލަތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ގިނަ ދަތިތަކަކާއެކުގައެވެ. އެގޮތުން ކޮވިޑްގެ ހާލަތާ ގުޅިގެން އިންތިހާބު ބާއްވަން ގިނަ ދަތިތަކަކާ ވަނީ ދިމާވެފައެވެ. އޮލިމްޕިކް ކޮމިޓީން އިއްޔެ އިންތިހާބު ބާއްވަން ނިންމާފައި ވަނީވެސް ހާއްސަ ގައިޑްލައިންތަކަކާ އެކުގައެވެ. ގައިޑްލައިނުގައިވާ ގޮތުން ވޯޓުލާ އެންމެން ޕީސީއާރް ޓެސްޓް ހެދުމަށް ފަހު އެހެނިހެން ސިއްހީ ސަލާމަތީ ކަންކަމަށް ސަމާލުކަންދޭން ވަނީ އަންގައިފައެވެ.

އޮލިމްޕިކް ކޮމިޓީން އިއުލާން ކޮށްފައިވާ ގޮތުގައި އާ ސެކެރެޓަރީ ޖެނެރަލާއި ފައިނޭންޝިއަލް ޑިރެކްޓަރު ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ.