މިހާރުގެ ހާލަތަށް ބަލައި ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ހައްޖު ގުރޫޕްތަކަށް ފުރުސަތު ލިބުން ވަރަށް ކުޑަ ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ލިބޭނީ ކިހާ އަދަދެއްގެ ކޯޓާއެއް ކަމެއް ދަންނަވަން ދަތި ކަމަށާއި ނަމަވެސް ކޯޓާ ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ކުރާނެ ކަމަށެވެ. އަދި އެކަން ކުރާނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ކަމަށާއި އެކަމަށް ތައްޔާރުވެ ތިބުމަށް އެ ކޯޕަރޭޝަނަށް ދަންނަވާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގައި ވަރަށް ބޮޑަށް ވަގުތު ކުޑަތަންވެފައިވާތީ، މިފަހަރު އަމިއްލަ ހައްޖު ގްރޫޕްތަކަށް އެ ފުރުސަތު ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ކޯޓާ އޮންނަ ގޮތަކުން ދެއްތޯ މިދެވެނީ. މިހާރު އޮތް ގޮތުން އަޅުގަނޑަށް ހީވަނީ ކުންފުނިތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމާމެދު އަދި ޝައްކު. އެއީ ވަރަށް ބައިވަރު މަސައްކަތްތަކެއް ހުންނާނެ ދެއްތޯ. މިހާރު ދެން އިއުލާން ކޮށްގެން ގްރޫޕެއް ނަގަން ލަސްވެދާނެ. މިހާރު އޮތް ހާލަތަށް ބަލާއިރު ގުރޫޕްތަކަށް ފުރުސަތު ދެވުން ހަމަ ކުޑަ. ވަރަށް އުންމީދު ކުޑަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖަށް މީހުން ފޮނުވުމުގައި މިވަގުތު އެއްޗެއް ދަންނަވަން ދަތިވެފައިވަނީ ސައުދީ އަރަބިއްޔާއިން އެކަމާ ގުޅޭ ރަސްމީ އެއްވެސް ލިޔުމެއް ނުލިބޭތީ ކަމަށެވެ. ނަމަވެސް ސައުދީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި މިހާލަތާ ގުޅިގެން ރާއްޖެއަށް ލިބޭނެ ކޯޓާއަށް އެއްވެސް ބަދަލެއް އަންނަނަމަ އެކަން އަންގާލަ ދިނުމަށް އެދިފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މުޅި ދުނިޔެއިން 60،000 މީހުންނަށް ފުރުސަތު ދިނުމަށް ސައުދީން ނުރަސްމީކޮށް އިއުލާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރުގެ ހާލަތަށް ބަލައި ރާއްޖެއަށް ލިބޭނީ ވަރަށް ކުޑަ އަދަދެއް ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖެއިން މީގެ ކުރިން ހައްޖަށް މީހުން ގެންދަން ހުއްދަ ދެނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތުން ފަސް ކުންފުންޏަކަށެވެ. އަދި ރާއްޖެއަށް އާންމު ގޮތެއްގައި ދޫކުރަނީ 2000 ކޯޓާ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ސައުދީން މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީގައި ތިބި ރައްޔިތުންނާއި ސައުދީގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންނަށެވެ.

މިއަހަރު އެހެން ގައުމުތަކުގެ ރައްޔިތުންނަށްވެސް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި އަމަލު ކުރާނެ އުސޫލުތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވަނީ ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.