މިނިސްޓްރީ އޮފް ހެލްތް

އަތޮޅުތެރޭގައި އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރުމަށް 96 އެމްބިއުލާންސް ގެންނަން އެސްޓީއޯއާ ހަވާލުކޮށްފި

އަލީ ޔާމިން

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު، އަހުމަދު ނަސީމެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ.

އެ ރަސްމިިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް ފުޅާވެގެން ދިއުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވާ ބައެއް ރަށްރަށުގައި އެންބިއުލާންސް ހަލާކުވެ، ހިދުމަތް މެދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ހިދުމަތް ފުޅާކުރެވުމުން ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ހެލްތު މިނިސްޓްރީއަށް އެމްބިއުލާންސްތައް ހަވާލުކުރަން ހަމަޖައްސާފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.