ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންދިޔަ މެޑިކަލް ވެލްފެއާގެ ހުރިހާ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފިއެވެ.
އެންސްޕާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން އެ އެޖެންސީން ފޯރުކޮށްދެމުން ދިޔަ މެޑިކަލް ވެލްފެއާގެ ހިދުމަތް އާސަންދައިގެ ދަށަށް ބަދަލުވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު 1400 އަދި 1402 ހޮޓްލައިން ނަންބަރުން ލިބެން ހުންނާނެކަމަށް އެންސްޕާއިން ބުންޏެވެ.
އާސަންދައިގެ ދަށަށް ބަދަލުވާ ހިދުމަތްތައް:
- ގޯޝަން ބަލި ތަހައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
- ކެންސަރު ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
- ފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން
- ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
- އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް
- ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ
- ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވާ ނުކުރާ ޓެސްޓްތަކާއި ތަހުލީލްތަކަށް ދެވޭ އެހީ
- ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން ( އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
- ދެވޭ އިތުރު އެހީއެއް ނެތް ކަމަށް ކަމާބެހޭ ހާއްސަ ޑޮކްޓަރަކު ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް ( ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ) އެހީވުން
- ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
- އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
- ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
- ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
- މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
- ރަށަކުން ފޯމު ފުރައި ދެއްވާ ޑޮކްޓަރަކީ ކަމުގެ ހާއްސަ ޑޮކްޓަރަކަށް ނުވާ ނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން، އިތުރު ތަކުލީފްތަކެއް ދިމާވުމުން، އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވިނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ، ރިޖެކްޓްވުން
- ވެލްފެއާގެ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތައް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާ ކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން
އެންސްޕާގެ މެޑިކަލް ވެލްފެއާގެ ކަންކަން އާސަންދައިގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ އެ ބަދަލުގެ ސަބަބުން ރައްޔިތުންގެ މައުލޫމާތު އެއް ނިޒާމަކުން ބެލެހެއްޓި، އެހީއަށް އެދި ހުށަހަޅަންޖެހޭނީ އެންމެ އެޕްލިކޭޝަނަކުން ކަމަށެވެ. އަދި މިއީ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، އޮޅުންބޮޅުން ކުޑަވެގެންދާނެކަމެއް ގީލާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިހާރު އެންސްޕާއަށް ހުށަހަޅާފައިވާ ފޯމުތަކާއި، މައްސަލަތަކަށްވެސް މާދަމާއިން ފެށިގެން ޖަވާބުދާރީވާނީ އާސަންދަ ކުންފުނިން ކަމަށެވެ.
އަދި ވެލްފެއާ އެހީގެ ލިމިޓް އިތުރުކުރުމަށް އެދި ހުށަހަޅާ ރީކޮންސިޑަރޭޝަން މައްސަލަތައްވެސް ދެން ބަލަމުންދާނީ އާސަންދައިގެ ކޮމިޓީތަކުންކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
އެންސްޕާ
އެންސްޕާ
އެންސްޕާ
އެންސްޕާ