ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކޮށް، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެ ކެމްޕޭން އިފްތިތާހުކޮށްފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ސަރުކާރުގެ ހަތަރު މިނިސްޓްރީއަކުން ބައިވެރިވި މި ބައްދަލުވުމުގައި، އެ ކެމްޕޭން ފެށުން އިއުލާންކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
ގީލާ ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން މިހާތަނަށްވެސް "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި އުމުރަކުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރުމާއި، ވޭޕް ބޭނުންކުރުން މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފަސް އަހަރަށް މި ކެމްޕޭން މި ލޯންޗުކުރީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ހުއްޓުވޭނެ ކަމަކަށް ނުވާތީ. މި މަސައްކަތުގައި ސަރުކާރާއި، ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ،" ގީލާ ވިދާޅުވިއެވެ.
އެ ކެމްޕޭންގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ތައުލީމީ ދާއިރާއާއި، ކުޅިވަރާއި ޒުވާނުންގެ ދާއިރާގެ އިތުރުން ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ދުންފަތާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން މިހާރަށްވުރެ ހަރުދަނާކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކި ކަހަލަ އިނާޔަތްތަކާއި ލުއިތައް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ކުރި މިފަދަ ކޮންމެ ބޮޑު މަސައްކަތެއްގައިވެސް ދިވެހި ރައްޔިތުން ވަނީ ސާބިތުކަމާއެކު ބައިވެރިވެ، ނަތީޖާ ދައްކާފައި ކަމަށެވެ. އެހެންކަމުން މި ފަސް އަހަރުގެ ކެމްޕޭނަކީވެސް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު ކާމިޔާބު ކެމްޕޭނަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް