Close
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ

އަދުން ހުސައިންގެ ހިއްސާ އޮންނަ ކުންފުންޏަށް ދިނީ ޚިޔާނާތުގެ ފައިސާ ނޫން ކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ހުސައިން ޝަހީމް (އަދުން ހުސައިން) ގެ ހިއްސާ އޮންނަ ސީރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް އެސްއޯއެފް އިން ދޫކޮށްފައިވާ ފައިސާ އަކީ ޚިޔާނާތުގެ ފައިސާ ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އެސްއޯއެފް އަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް "ބަހާލުމުގައި" މެދުވެރިއެއްގެ ރޯލު އަދާކުރި ކުންފުންޏެކެވެ. އަދުން ހުސައިންގެ ހިއްސާ އޮންނަ ސީރިއަސް ޕްރައިވެޓް ލިމިޓެޑަށް އެސްއޯއެފް އިން 105،000 ޑޮލަރު ދޫކޮށްފައިވެ އެވެ. އެސްއޯއެފް އިން އެކި ފަރާތްތަކަށް ފައިސާ ދޫކޮށްފައި ވަނީ 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދު ސޮއިކުރައްވައި ސީރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީގައި ވަނީ އެސްއޯއެފް އިން ދޫކުރި ފައިސާއާ ގުޅިގެން އެ ކުންފުނިން ތަހުގީގަށް ހުށަހެޅި ލިޔުންތަކާއި ބޭންކުތަކުން ލިބިފައިވާ ލިޔުންތަކާއި އެސްއޯއެފް އިން ޑޮލަރު ވިއްކާފައިވާ ގޮތާއި ނަގުދު ފައިސާ އިން މުއާމަލާތްކޮށްފައިވާ ގޮތަށް ބަލާއިރު، އެ ފައިސާ އަކީ ޑޮލަރު ގަތުމުގެ މުއާމަލާތުގެ ތެރެއިން ދޫކޮށްފައިވާ ފައިސާ ކަމަށް ބެލެވިދާނެ އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ.

ހަމައެހެންމެ އެ ފައިސާ އަކީ ޑޮލަރު ގަތުން ނޫން ބޭނުމެއްގައި ދޫކޮށްފައިވާ ފައިސާއެއް ކަމަށް ބަލަންޖެހޭ ސަބަބެއް ތަހުގީގަށް ފެންނަން ނެތް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

".... މިހިނދަށް ލިބެންހުރި ހެކިތަކުގެ މައްޗަށް ބުރަވެ، ސީރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ކުރާނެ ތުހުމަތެއް ނެތް ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމުގައި ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ގިނަ އަދަދެއްގެ ކުންފުނިތަކަކަށް ލިބިފައިވެ އެވެ. އޭގެތެރެއިން ބައެއް ކުންފުނިތަކަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް ތަހުގީގު ވަނީ ފަށާފަ އެވެ.