- އާބާދީ: 11.4 މިލިއަން
- ވެރިރަށް: ބްރަސެލްސް
- ޓީމުގެ ވަނަން: ޑި ރޯޑް ޑުއިވެލްސް / ލެސް ޑިއާބްލެސް ރޯގްސް / ޑިއެ ރޮޓެން ޓޫފެލް (ދަ ރެޑް ޑެވިލްސް)
- ކެޕްޓަން: އެޑެން ހަޒާޑް
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ޔޭން ވާޓޮންގެން (126 މެޗު)
- ޓޮޕް ސްކޯރާ: ރޮމެލޫ ލުކާކޫ (59 ގޯލް)
ރަސްމީކޮށް ބެލްޖިއަމް ބައިނަލްއަގުވާމީ ފުޓުބޯޅައަށް ތައާރަފުވެގެން އައީ 1904 ވަނަ އަހަރުއެވެ. ބެލްޖިއަމްއަށް އެއް ފެންވަރެއްގައި ހިފެހެއްޓިފައި ނުވި ނަމަވެސް، ދޭތެރެދޭތެރެއިން އެޓީމުގެ ރަން ދުވަސްތަކެއް އައިސްފައިވެ އެވެ. އެގޮތުން 1920 އިން 1938 އަށް ބެލްޖިއަމް ރަނގަޅު ލެވެލެއްގައި ފެނުނެވެ. އެއަށްފަހު ދެން ވަރުގަދަކޮށް ފެނުނީ 1982 އިން 2002 އަށެވެ.
އޭގެ ފަހުން 2014 ވަނަ އަހަރުން ފެށިގެން ބެލްޖިއަމުން ފެންނަނީ ވަރުގަދަ ތަރިންތަކެއް މައްޗަށް އެކުލެވޭ ސްކޮޑެކެވެ. އެޓީމުގައި މިހާރު ހިމެނެނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ. އެގޮތުން އެޓީމުގެ ކެޕްޓަނަކަށް ހުރި ރެއާލް މެޑްރިޑްގެ އެޑަން ހަޒާޑަކީ ދުނިޔޭގެ ފެންވަރުގެ ތަރިއެކެވެ. އަދި އެޓީމުގެ މެދުތެރޭގައި އެންމެ އިސްކޮށް ހުރި ކެވިން ޑި ބްރޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އެ ޓީމުގެ ކޮންމެ ޑިޕާޓްމަންޓެއް ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.
ބެލްޖިއަމްއަކީ ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތުން ވެސް ފެނުނު ޓީމެކެވެ. އުރުގުއާއީގައި 1930 ވަނަ އަހަރު ބޭއްވި އެ މުބާރާތުން ފެށިގެން މިހާތަނަށް ބެލްޖިއަމުން ވަނީ ޖުމުލަ 13 ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. ވޯލްޑް ކަޕުގައި ބެލްޖިއަމުން އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދައިފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައެވެ.
ބެލްޖިއަމް އެންމެ ވިދާލީ 2018ގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ގްރޫޕު ސްޓޭޖު ވެސް ބެލްޖިއަމް ނިންމާލީ ކުޅުނު ތިން މެޗުން މޮޅުވެ، ގްރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. ގްރޫޕު ސްޓޭޖުގައި ބެލްޖިއަމުން ވަނީ ވަރުގަދަ އިންގްލެންޑު ވެސް ބަލިކޮށްފައެވެ. ގަދަ 16ގައި ބެލްޖިއަމުން ޖަޕާނު ބަލިކޮށް ކުއާޓާ ފައިނަލުގައި ނުކުތީ ވަރުގަދަ ބްރެޒިލްއާ ދެކޮޅަށެވެ. ކުއާޓާގައި ބްރެޒިލް ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް، ސެމީގައި ބަލިވީ އެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ. ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބެލްޖިއަމުން ވަނީ މުބާރާތުގައި ދެވަނަ ފަހަރަށް އިންގްލެންޑް ބަލިކޮށްފައެވެ.
ޔޫރޯގައި ވެސް ބެލްޖިއަމުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ. މިހާތަނަށް ފަސް ޔޫރޯއެއްގައި ވާދަކޮށްފައިވާ އިރު، އެޓީމުން ފުރަތަމަ ވާދަކުރީ ޖުމުލަ ހަތަރު ޓީމަކުން ވާދަކުރި ޔޫރޯ 1972 އެވެ. އެ މުބާރާތް ބޭއްވީ ވެސް ބެލްޖިއަމްގައެވެ. ބެލްޖިއަމުން އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ 1980ގެ ޔޫރޯގައެވެ. އަށް ޓީމެއް ވާދަ ކުރި އެ މުބާރާތުގައި ފައިނަލަށް ދަތުރުކުރި ނަމަވެސް، ފައިނަލުގައި ވެސްޓް ޖާމަނީ އަތުން ވަނީ ބަލިވެފައެވެ.
އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވެސް ބެލްޖިއަމްގެ ނަތީޖާ ގޯހެއް ނޫނެވެ. އެއީ 16 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރޯގައި ބެލްޖިއަމް ވާދަކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ގްރޫޕު ސްޓޭޖުގައި ބެލްޖިއަމް ލައްވާލީ އިޓަލީ އާއި އަޔަލެންޑް އަދި ސްވިޑަންއާ އެއް ގްރޫޕެއްގައެވެ. ބެލްޖިއަމުން ގްރޫޕު ސްޓޭޖު ނިންމާލީ ދެވަނައިގައެވެ. އެއްވަނައިގައި ނިންމާލީ އިޓަލީއެވެ.
ގްރޫޕު ސްޓޭޖުގެ ދެވަނައިގެ ގޮތުގައި ގަދަ 16އަށް ދަތުރުކޮށް، ފަސޭހަކަމާއެކު ހަންގޭރީ ބަލިކުރުމަށްފަހު ބެލްޖިއަމުން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ނަމަވެސް ކުއާޓާގައި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް ބެލްޖިއަމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެ މެޗުގައި ބެލްޖިއަމް ވަނީ ވޭލްސް އަތުން ބަލިވެފައެވެ.
މިފަހަރުގެ ޔޫރޯއަށް ވެސް ބެލްޖިއަމް ނުކުންނާނީ އެޓީމުގެ ތަރިންތަކަކާ އެކުއެވެ. އެޓީމުގެ ގޯލުން ފެނިގެންދާނީ ރެއާލް މެޑްރިޑުގެ ވެސް އެއް ނަންބަރު ގޯލްކީޕަރު ތިބޯ ކޯޓުވާއެވެ. އޭނާގެ ކުރިން ޑިފެންސް ލައިނުން ފެނިގެންދާނީ ތަޖުރިބާކާރު ޑިފެންޑަރުންތަކެކެވެ. އެގޮތުން ބެންފީކާ ޑިފެންޑަރު ޔޭން ވާޓޮންގެން އާއި ޓޮޓެންހަމް ހޮޓްސްޕާގެ ޓޮބީ އަލްޑާވެރެލްޑާއި ވިސެލް ކޮބޭގެ ތޯމަސް ވަމާލެން އާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ތޯމަސް މުނިއޭ އާއެކު ފެންނާނީ ތަޖުރިބާކާރު ޑިފެންސް ލައިނެކެވެ.
ބެލްޖިއަމްގެ މެދުތެރެއިން އެންމެ ފާހަގަކޮށްލެވޭ ތަރިއަކީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީގެ އެންމެ މުހިންމު ކުޅުންތެރިޔާ ކެވިން ޑި ބްރޭނާއެވެ. އޭނާއާއެކު ބޮރޫޝިއާ ޑޯޓްމަންޑުގެ އެކްސެލް ވިޓްސެލް އާއި އެތުލެޓިކޯ މެޑްރިޑްގެ ތެނިކް ކަރަސްކޯ އާއި ލެސްޓާ ސިޓީގެ ޔޫރީ ޓިއެލެމަންސް އަދި ކެޕްޓަން އެޑެން ހަޒާޑުގެ ކޮއްކޮ ތޯގަން ހަޒާޑް ވެސް ޓީމުގެ މެދުތެރޭގައި ހިމެނެއެވެ.
ބެލްޖިއަމްގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކަށް ވާނީ ފޯވަޑް ލައިނެވެ. ކެޕްޓަން އެޑެން ހަޒާޑާއެކު ފޯވަޑުންގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވެނީ އިންޓަ މިލާނުގެ ރޮމެލޫ ލުކާކޫ އާއި ނަޕޯލީގެ ހަލުވި ފޯވަޑް ޑްރައިސް މާޓެންސްއެވެ.
ރޮބާޓޯ މާޓިނޭޒް
އުމުރު: 47 އަހަރު
ސްޕެއިނަށް އުފަން ރޮބާޓޯ މާޓިނޭޒް ވަނީ ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އިނގިރޭސިވިލާތުގެ ސްވަންސީ ސިޓީ އާއި ވިގަން އެތުލެޓިކް އަދި އެވަޓަންއަށް އިރުޝާދު ދީފައެވެ. ބެލްޖިއަމްއާ 2016 ވަނަ އަހަރު ހަވާލުވުމަށްފަހު، ވޯލްޑް ކަޕް 2018ގައި މާޓިނޭޒް ވަނީ އެޓީމަށް ތިންވަނަ ހޯދައިދީފައެވެ. ބެލްޖިއަމްގެ ވޯލްޑް ކަޕް ތާރީހުގައި އެޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ވެސް އެއީއެވެ.
ކެވިން ޑި ބްރޭނާ
އުމުރު: 29 އަހަރު
ކްލަބު: މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީގައި އެންމެ މުހިންމު ކުޅުންތެރިޔާ ޑި ބްރޭނާއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޑޮމެސްޓިކް މުބާރާތްތަކުގައި ވެސް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ޑި ބްރޭނާއެވެ. އޭނާ ވަނީ ސިޓީއާއެކު ތިން ޕްރިމިއާ ލީގާއި އެފްއޭ ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ. ސިޓީއަށް މި ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރީ ޑި ބްރޭނާއެވެ. އަދި ފުރަތަމަ ފަހަރަށް ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި ވެސް އެންމެ ބޮޑު ހިއްސާއެއް އަދާކުރި ކުޅުންތެރިޔަކީ އޭނާއެވެ. އޭނާ ބެލްޖިއަމް ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް ބަލްޖިއަމަށް ކުޅުނު 80 މެޗުން 21 ގޯލު ޖަހައިދީފައެވެ.
- 13 ޖޫން/ 00:00 ބެލްޖިއަމް – ރަޝިއާ
- 17 ޖޫން/ 21:00 ޑެންމާކް – ބެލްޖިއަމް
- 22 ޖޫން/ 00:00 ފިންލެންޑް – ބެލްޖިއަމް
- ގޯލްކީޕަރުން
ތިބޯ ކޯޓުވާ (ރެއާލް މެޑްރިޑް)
ސިމޮން މިގްނޮލޭ (ކްލަބު ބްރޫޖް)
މެޓްސް ސެލްޒް (ސްޓްރަސްބޯގް)
- ޑިފެންޑަރުން
ޓޮބީ އަލްޑާވެރެލްޑް (ޓޮޓެންހަމް)
ޑެޑްރީކް ބޮޔާޓާ (ހާތާ ބާލިން)
ޖޭސަން ޑެނާޔާ (ލިޔޯން)
ތޯމަސް ވަމާލެން (ވިސެލް ކޯބް)
ޔޭން ވާޓޮންގެން (ބެންފީކާ)
- މިޑްފީލްޑަރުން
ތިމޮތީ ކަސްޓަނީ (ލެސްޓާ ސިޓީ)
ނާސޭ ޗޭޑްލީ (އިސްތަންބޫލް ބަސަކްސެހިރް)
ޔަނިކް ކަރަސްކޯ (އެތުލެޓިކޯ މެޑްރިޑް)
ކެވިން ޑި ބްރޭނާ (މެންޗެސްޓާ ސިޓީ)
ލިއެންޑާ ޑެންޑޮންކާ (ވުލްވްސް)
ތޯގަން ހަޒާޑް (ބޮރޫޝިއާ ޑޯޓްމަންޑް)
ތޯމަސް މުނިއޭ (ބޮރޫޝިއާ ޑޯޓްމަންޑް)
ޑެނިސް ޕްރާތު (ލެސްޓާ)
ޔޫރީ ޓިއެލެމަންސް (ލެސްޓާ ސިޓީ)
ހާންސް ވަނަކެން (ކްލަބު ބްރޫޖު)
އެކްސެލް ވިޓްސެލް (ބޮރޫޝިއާ ޑޯޓްމަންޑް)
- ފޯވަޑުން
މިޝީ ބަޓްޝުއާއީ (ކްރިސްޓަލް ޕެލަސް)
ކްރިސްޓިއަން ބެންޓޭކޭ (ކްރިސްޓަލް ޕެލަސް)
ޖެރެމީ ޑޮކޫ (ރެން)
އެޑެން ހަޒާޑް (ރެއާލް މެޑްރިޑް)
ރޮމެލޫ ލުކާކޫ (އިންޓަ މިލާން)
ޑްރައިސް މާޓެންސް (ނަޕޯލީ)
ލިއާންޑްރޯ ޓްރޮސާޑް (ބްރައިޓަން)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020