(07 ޖޫންގެ އަދަދާ ގުޅޭ)
أميـر يـوسف ވަގުތުން ހަނގުރާމަ ހުއްޓުމުގެ އިޢުލާނު ކުރައްވައިފިއެވެ. ކޮމާންޑަރުން އެމަނިކުފާނުގެ އަމުރުފުޅު ހަމައެވަގުތު ކިއްލާގެ އެއްފަރާތުން އަނެއްފަރާތަށް އިއްވައިފިއެވެ. އެހިނދު މުޖާހިދުންގެ ކަނޑިތައް ވަގުތުން ތިރިކޮށްލައިފިއެވެ. މާޔޫސްވެފައިތިބި ނަޞާރާއިންނަށް ހީވީ أميـر يـوسف މުސްލިމުންނަށް ހަމައެކަނި އަމުރެއް ކޮށްލެއްވީކީ ނޫންހެންނެވެ. ސިފައިންގެ އެންމެންގެ އަތްތަކުގައި އެއްފަހަރާ ހިފެހެއްޓެވީހެންނެވެ. أميـر يـوسف އަށް ކިއްލާގެ ދެކުނުފަރާތުގައިވެސް އަލިފާންގަނޑު ފެތުރޭތަން ފެނިވަޑައިގެންނެވުމާއެކު ޢަސީރުން އަވަހަށް ބޭރަށް ނެރޭން އަންގަވައިފިއެވެ.
* * * * * * * * * * *
މިއީ އިންތިހާދަރަޖައިގެ މަތިވެރި ފަތަޙައެކެވެ. ނުހަނު ބޮޑު ކާމިޔާބީއެކެވެ. އެކަމަކު أميـر يـوسف ގެ މޫނުފުޅުމަތީގައި އުފާވެރިކަމެއްނެތެވެ. ހިނިތުންވެވަޑައިގެންނެވުމުގެ އަސަރެއް ނެތެވެ. މޫނުފުޅުމަތީގައި ފެތުރިފައިހުރީ ހިތާމަފުޅާއި މޮޅިވެރިކަމުގެ ވިލާތަކެވެ. އެންމެ ބިރުވެރި މަޢުރިކާތަކުގެ ތެރެއިންވެސް ސިފައިންނަށް އެމަނިކުފާނު ފެނިފައިވަނީ ހިނިފުޅު ވަޑުވާތަނެވެ. އެކަމަކު މިއަދުގެ ޝަހީދުންގެ އަދަދު ފެނިވަޑައިގެންނެވުމުން މުލޫކުއްޠަވާއިފުންނާމެދު އެމަނިކުފާނުގެ ކޯފާއާއި ހިތާމަފުޅު ފާޅުކުރައްވާނެ ޢިބާރާތްތަކެއްވެސް ހިތްޕުޅަކަށް ނުގެންނެވުނެވެ.
عبـدالمـنعــم އާއި حسن ގެ ހަށިކޮޅު ލަޙުދުގައި ވެޑުއްވެވީ ޚުދު أميـر يـوسف ގެ އަތްޕުޅުންނެވެ. حسن އޭރުވެސް ވަނީ ކަނޑީގެ މުށްގަނޑުގައި ހިފަހައްޓަވައިފައެވެ. ސިފައިންގެ މީހަކު އޭނާގެ އަތްޕުޅުން ކަނޑި ވަކިކުރާން އުޅުމުން أحمد ކައިރިޔަށް ވަޑައިގެން ގިސްލައްވަމުން ވިދާޅުވިއެވެ. "އަހަރެންގެ ކޮއްކޮގެ ގަހަނާ ނުފިރުއްކަވާ! ކަނޑިޔަށްވުރެ އޭނާ ލޯބިފުޅުވާ އެހެން އެއްވެސް އެއްޗެއްނެތް. ކަނޑިޔަކީ އޭނާގެ ޙަޔާތްޕުޅުގެ ބައިވެރިޔާ! އޭނާ ވިދާޅުވާ ގޮތުގައި އޭނާ ވަނީ ކަނޑިޔާ ކާވެނި ކުރައްވައިފައި!" حسن ފަސްދާނުލެވުނީ އޭނާގެ ކަނޑިކޮޅާ އެކުގައެވެ. إدريـس އާއި إلـيــاس އާއި އަދި އެނޫންވެސް އެބޭފުޅުންގެ ވަރަށްގިނަ އެކުވެރީން ފަސްދާނުލެވުނީ އެއްހިސާބެއްގައެވެ. ކައިރިކައިރީގައެވެ.
ކޮމާންޑަރެއް أميـر يـوسف ގެ އަރިހަށް އައިސް ދެންނެވިއެވެ. "يـاأميــر! ވަރަށް ނާޒުކު ހާލެއްގައި އޮތް ޒަޚަމީއެއް ޚަބަރު ހުސްވެފައިއޮވެ ދޭތެރެ ދޭތެރެއިން މަނިކުފާނުގެ ނަންފުޅު އެބަކިޔާ. ހީވަނީ އޭނާ މަނިކުފާނުގެ އަރިހުގައި ކޮންމެވެސް ވާހަކަ ދަންނަވަން ބޭނުންވާހެން!"
أميـر يـوسف އެއްވެސް ޖަވާބެއް ނުދެއްވައި އެ ކޮމާންޑަރާއެކު ޒަޚަމީ އޮތް ފޭލިގެއަށް ވަޑައިގެންފިއެވެ. އެ ޒަޚަމީ ޚަބަރު ހުސްވެފައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާން އުޅެއެވެ. އޭނާގެ ކައިރީގައިހުރި ސިފައިންގެ މީހެއް أميـر يـوسف ގެ އަރިހުގައި ދެންނެވިއެވެ. "يـا أميــر! އަޅުގަނޑު މީނާ ދަންނަން. މީނާއަކީ سعد بــن عبــدالمنـعـــم އަރިހުގައި ހުރި މީހެއް. މީނާ އޮތީ ކިއްލާގެ އުތުރުފަރާތު ފާރުކައިރީގައި. މީނާއަށް މިތަނަށް އާދެވުނު ގޮތަކާމެދު އަޅުގަނޑު ހައިރާންވޭ! މީނާ ދެންމެ އަލްފާންސޫއާއި މުލޫކުއްޠަވާއިފުންނާ ބެހޭގޮތުން ވާހަކައެއް ދައްކާން މަސައްކަތްކުރި. އެކަމަކު އަޅުގަނޑަކަށް އޭނާ ކިޔާއެއްޗެއް ނުވިސްނުނު. މީނާ އެތައްފަހަރަކު މަނިކުފާނުގެ ނަންފުޅުވެސް ބޭނުންކުރި!"
أميـر يـوسف ކޮމާންޑަރަކަށް އެންގެވިއެވެ. "އަވަހަށްގޮސް أميـر سيـر އަށް ދަންނަވާ!"
ކޮމާންޑަރު ދުވެފައި ބޭރަށް ނުކުމެއްޖެއެވެ. އޭނާ ވަރަށް އަވަހަށް سيـر بــن أبى بـكـر ގޮވައިގެން އަތުވެއްޖެއެވެ. أميـر يـوسف، سيـر އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "މި ސިފައިންގެ މީހާއަކީ سعد بــن عبــدالمنـعـــم ގެ އަރިހުގައި ހުރި މީހެއް. ހީވަނީ މީނާއަކީ سعد ފޮނުއްވައިގެން އަޅުގަނޑުގެ ގާތަށް މުހިންމު ޚަބަރަކާއިގެންއައި މީހެއްހެން. ކޮއްކޮ އަވަހަށް ސަވާރުން ގެމަތަކެއް ތައްޔާރުކުރައްވާ!..... އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މުލޫކުއްޠަވާއިފުންގެ ފަރާތުން ކެހިވެރި އެހެން ރޭއްވެވުމަކާ ކުރިމަތިލާން އެބަޖެހޭހެން!"
"މުލޫކުއްޠަވާއިފުންގެ ލަޝްކަރުތައް ގެއްލިއްޖެ. އަޅުގަނޑަށް ޔަގީން މިއަދަށްފަހު އަޅުގަނޑުމެން ސިންގާއާއި ހިޔަޅާ އެއްތަނަކަށް ޖަމާކުރުމުގެ ކުށެއް ނުކުރާނޫ." سيـر އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.
ޒަޚަމީ ދެތިންފަހަރަކު ކުކުރައިލައިފައި ލޯ ހުޅުވައިލައިފިއެވެ. އޭނާ أميـر يـوسف އާ ދިމާޔަށް ބަލައިލައިފައި ބަލިކަށި އަޑަކުން ދެންނެވިއެވެ. "އަޅުގަނޑު މަސައްކަތްކުރިން އެކަމަކު މަނިކުފާނުގެ އަރިހަކަށް ނުދެވުނު. މަނިކުފާނު ހުންނެވީ ފާރުމަތީގައި!"
أميـر يـوسف އޭނާގެ ވާހަކަ މެދުކަނޑުއްވައިފައި ވިދާޅުވިއެވެ. "ކަލޭ އައީ سعد ފޮނުއްވައިގެންތަ؟"
"އާދެ. އެކަމަކު މިހާރު މާލަސްވެއްޖެ..... سعد..... سعد މަގުމަތީން ވަނީ ވަށައިލެވިފައި..... ޝެހެޒާދާ رشـيـد ގެ އެކުވެރިއަކު..... ހައްޔަރުވެއްޖެ..... އޭނާ..... އޭނާ ހުރިހައި ވާހަކައެއް..... ކިޔައިދިން. އަލްފާންސޫ..... އަލްފާންސޫގެ ލަޝްކަރު.....!" ޒަޚަމީ އެހައިތަނަށް ވާހަކަ ދައްކައިފައި ލޯމަރައިލައިފިއެވެ.
ބޭސްވެރިޔާ އޭނާ ހޭއަރުވާން މަސައްކަތް ކުރެއްވުމުން ޒަޚަމީ ލޯހުޅުވައިލިއެވެ. އެކަމަކު އޭނާގެ ތުރުތުރުއަޅާ ތުންފަތުގެ ތެރެޔަކުން އަޑެއް ނުނިކުތެވެ. ދިގުނޭވާއެއް ލައިފައި އޭނާގެ ޙަޔާތުގެ ދަތުރު ނިންމައިލައިފިއެވެ.
"ސަވާރުން ތިބީ ތައްޔާރަށް!" سيـر بــن أبى بـكـر ފޭލިގެތެރެ ބައްލަވައިލައްވައިފައި ވިދާޅުވިއެވެ.
أميـر يـوسف ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭރު މުޢަސްކަރުގެ އެއްފަރާތެއްގައި އަސްވާރުންގެ ގެމަތަކެއް ތައްޔާރަށް ތިއްބެވެ. އެކަމަކު سيـر ކުއްލިޔަކަށް އުތުރުފަރާތަށް އިޝާރަތްކޮށްލައްވައިފައި ވިދާޅުވިއެވެ. "ބައްލަވާ! މިފަރާތުންވެސް އަސްވާރުންގެ މީސްކޮޅެއް އެބައާދޭ. ހީވަނީ އެއީ سعد ގެ ގެމައިގެ މީހުންހެން."
أميـر يـوسف ކުޑައިކޮށް މަޑުކޮށްލެއްވުމަށްފަހު އެދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. މުރާބިޠީންގެ އޮފިސަރުންތަކެއް އެމަނިކުފާނުގެ ފަހަތްޕުޅުން ވަޑައިގެންނެވިއެވެ. ސަވާރުން أميـر يـوسف ގެ އަރިހަށް އައިސް އަސްމަތީން ފައިބައިފިއެވެ. المـــاس އައީ އޭނާގެ އަހުގެ ކުރިޔަށް ޒަޚަމީއަކު އަރުވައިގެންނެވެ. އެއީ سعد بــن عبــدالمنـعـــم އެވެ. އޭނާގެ ދަހަނާކޮޅު ހުރީ ލެއިން ފޯވެފައެވެ. އޭނާވަނީ ހޭފުޅުނެތިފައެވެ. މުޢަސްކަރަށް އާދެވުނުއިރު އޭނާގެ އެކުވެރީންކުރެ އެކަކަށްވެސް އޭނާ އަވަހާރަނުވާކަން ޔަގީނެއް ނޫނެވެ. އެކަމަކު ميـمــونـة ގެ ހިތްޕުޅުގެ އަޑީން ނިދާ އާދެއެވެ. "މީނާ އަވަހާރައެއް ނުވޭ! އަހަރެންގެ ފިރިކަލުން އަވަހާރައެއް ނުވޭ!"
سعد އަސްމަތީން ބާލައިގެން ފޭލިގެޔަކަށް ގެންގޮސްފިއެވެ. އޭނާގެ ބުރަކަށިފުޅަށް ތީރެއް ހެރިފައި ހުރުމާއެކު އޭނާ ތަންމަތީގައި ބޭއްވީ މޫނުފުޅު ވަތަށެވެ. ވަށައިގެން ހިނގާ އެއްވެސްކަމެއް ميـمــونـة އަކަށް ރޭކައެއް ނުލައެވެ. އޭނާ سعد އޮންނެވި އެނދުކައިރީގައި އެސްފިޔަފުޅު ޖައްސަވައިވެސްނުލައްވައި سعد އާ ދިމާޔަށް ބަލަހައްޓަވައިގެން ހުންނެވިއެވެ. أميـر يـوسف ގުދުވެވަޑައިގެން سعد ގެ ވިންދު ބައްލަވައިލެއްވިއެވެ. އެއަށްފަހު سعد ގެ އެނދުކައިރިޔަށް އެއްވެފައިވާ މީހުންނާ ދިމާޔަށް އަތްޕުޅުން އިޝާރަތް ކޮށްލެއްވުމުން އެންމެން ފޭލިގެއިން ބޭރަށް ނުކުމެއްޖެއެވެ. ނަމަވެސް المـــاس އާއި ميـمــونـة އާއި سعد ގެ ނާއިބާ އެބޭފުޅުން ތިއްބެވިތަނުން ގުޑައެއް ނުލެއްވިއެވެ.
أميـر يـوسف އެންމެފުރަތަމަ ފަހަރަށް ميـمــونـة އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. "ތިޔައީ ކޮންބޭފުޅެއްތޯ؟" أميـر يـوسف ސުވާލުކުރެއްވިއެވެ.
އެކަމަކު ميـمــونـة ގެ ހިތްޕުޅާއި ސިކުނޑިފުޅުވަނީ އެހެން ދުނިޔެއެއްގައެވެ. އޭނާ ހިމޭނުން ހުންނަވާން ފެއްޓެވުމުން المـــاس ބަރުބަރީ ބަހުން ދެންނެވިއެވެ. "މިއީ سعد ގެ އަނބިކަނބަލުން!"
أحمد ދުވެވަޑައިގެންފައި ވަޑައިގެން ފޭލިގެއަށް ވެދެވަޑައިގެންފިއެވެ. ބޭބޭފުޅުގެ ހާލުކޮޅު ފެނިވަޑައިގެންނެވުމާއެކު އޭނާއަށް އިރުކޮޅަކަށް ހުއްޓުން އެރިއެވެ.
سيـر بــن أبى بـكـر ބޭސްވެރިންގެ ދެމީހުން ގޮވައިގެން ފޭލިގެޔަށް ވެދެވަޑައިގެންފިއެވެ. އޭގެތެރެއިން އެއްބޭކަލަކީ އިޝްބީލިއްޔާގެ ލަޝްކަރާ ވަކިވެލައްވައި ދުރުވި ކަނޑިފާރު ބޭސްވެރިޔެކެވެ.
أميـر يـوسف ބޭސްވެރީންނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ތިޔަބޭކަލުންނަށް މިޒުވާނާގެ ފުރާނަ ސަލާމަތް ކޮށްދެއްވިއްޖެކަމުގައިވާނަމަ އަޅުގަނޑު ދެކޭނީ އަޅުގަނޑުމެންނަށް މިއަދު ދެވަނަ ކިއްލާއެއް ފަތަޙަކުރެވުނީކަމަށް."
އިޝްބީލިއްޔާގެ ކަނޑިފާރު ބޭސްވެރިޔާ سعد ގެ ވިންދު ބައްލަވައިލައްވައިފައި ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެން މަސައްކަތް ކުރާނަން. މަނިކުފާނު ދުޢާކޮށްދެއްވާ. މިހުރިހައި ބޭފުޅުން ފޭލިގެއިން ނުކުމެވަޑައިގަންނަވަން ވިދާޅުވެދެއްވާ!"
أحمد އާއި ميـمــونـة ފިޔަވައި ދެން ތިއްބެވިހައި ބޭފުޅުން ފޭލިގެއިން ނުކުމެވަޑައިގެންފިއެވެ.
أميـر يـوسف ފޭލިގޭގެ ދޮރުމަތީގައި ހުންނަވައިފައި އެނބުރިވަޑައިގެން ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "أحمد! ކަލާވެސް ވަޑައިގަންނަވާ! ދަރިފުޅާ! ކަނބުލޮވެސް ވަޑައިގަންނަވާ!"
"ވަޑައިގަންނަވާ އުޚުތާ!" أحمد ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. ميـمــونـة މަޑުމަޑުން ފިޔަވަޅު އަޅުއްވަމުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
މުރާބިޠީންގެ ލަޝްކަރުގެ އޮފިސަރުންގެ އެތައްބަޔަކު ވަނީ ފޭލިގޭގެ ބޭރަށް އެއްވެވަޑައިގެންފައެވެ. أميـر يـوسف، سعد ގެ ނާއިބާ ސުވާލުކުރެއްވިއެވެ. "سعد ޒަޚަމުވެވަޑައިގެންނެވީ ކީއްވެގެންތަ؟"
سعد ގެ ނާއިބު زيـاد އާއި އޭނާގެ އެކުވެރީން ހައްޔަރުވެވަޑައިގެންނެވިގޮތުގެ ވާހަކައިން ފެށިގެން سعد ޒަޚަމުވެވަޑައިގެންނެވިގޮތުގެ ވާހަކައިގެ ނިޔަލަށް ވިދާޅުވެދެއްވުމަށްފަހު އަލްފާންސޫގެ ސިޓީފުޅު ނަންގަވައިފައި أميـر يـوسف ގެ އަތްޕުޅަށް އަރުއްވައިފިއެވެ. أميـر يـوسف އެސިޓީ ވިދާޅުވުމަށްފަހު ސުވާލު ކުރެއްވިއެވެ. "ކޮބައިތަ މިހާރު އެ ޤައިދީން؟"
"އަޅުގަނޑުމެން އައީ ޤައިދީން ކިއްލާގައި ބައިތިއްބައިފައި."
"ކިއްލާ ޙިމާޔަތްކުރާން ތިބީ ކިހައިބައެއްތަ؟"
"އަޅުގަނޑު އައީ ވިހި އަސްވާރުން ބައިތިއްބައިފައި އެކަމަކު އެހެނިހެން ޗެކްޕޯސްޓުތަކުން އަންނަ މީހުން މިކޮޅަށް ނުފޮނުވައި ކިއްލާގައި މަޑުކުރަން އެންގިން!"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު