ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންގޮސް ދިނުމަށް އޭނާ ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ފުރައިވަޑައިގެންފަ އެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް ހަތަރު މަސް ދުވަހަށް ބޭސްފަރުވާއަށް ދިއުމަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މުއްދަތު ވަނީ ހަމަވެފަ އެވެ.
އެއާއެކު ކްރިމިނަލް ކޯޓުގައި ފަށާފައިވާ އަލީ ވަހީދުގެ މައްސަލަ ތާވަލު ކުރާނެ ކަމަށް ބެލެވިފައިވާއިރު، އެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަލީ ވަހީދު ވަނީ އެ ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީ ކްރިމިނަލް ކޯޓަށް ލިބިފައިވާކަން އެ ކޯޓުގެ އޮފިޝަލަކު ވަނީ 'ވަން' އަށް ކަށަވަރުކޮށްދީފަ އެވެ.
އަލީ ވަހީދު ފުރާވަޑައިގަތް މައްސަލަ ހޫނެވެފައިވަނިކޮށް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް އިސްތުއުނާފަށް ހުށަހެޅުމަށް އޮންނަ ވަގުތު ހަމަވިފަހުން އެ މައްސަލަ ހުށަހެޅިކަމަށް ބުނެ ހައިކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފަ އެވެ. އެ މައްސަލަ އަންނަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް ބަލަމުންނެވެ.
އެގޮތުން އެކަމުގެ ތަފްސީލު ހޯދުމަށް އެދުމުން ޕީޖީއިން ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވާގޮތުގައި އަލީ ވަހީދު ފުރާފައިވަނީ ފެބްރުއަރީ ނުވަ ވަނަ ދުވަހުގެ ރޭ 11:07ގައި ޓާކިޝް އެއާލައިންގެ ފްލައިޓެއްގައި ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ކަމަށެވެ.
އެ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓްގެ މައްސަލައިގެ އަޑުއެހުން ބާއްވާފައި ވަނީ ނުވަ ވަނަ ދުވަހު ކަމަށާއި އަދި ރާއްޖެ ދޫކޮށް އޭނާ ފުރައިވަޑައިގަތީ ވެސް ހަމަ އެ ދުވަހު ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހަށް އެ މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވަނީ 11 ވަނަ ދުވަހުކަން އެނގެން އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ.
ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު