ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލި އެ ކޮމިޓީގެ ބައްދަލުވުމުގެ ޗެޓްލޮގް ލީކުކޮށްލި މައްސަލަ ބަލަން އެ ކޮމިޓީން ނިންމައިފި އެވެ.
ތުލާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން އަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، ހިސާން ހުސެއިން އަކީ ދަންޖައްސަންޖެހޭ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ޒަމީލް ގެ މައްސަލަ ބޭރުކޮށްލުމަށް ވޯޓު ދެއްވުމާ ގުޅިގެން ދިމާވެފައިވާ މައްސަލަ ކޮމިޓީގެ ސަމާލު ކަމަށް ގެނެސް ސިޔާމުގެ މައްސަލަ ކޮމިޓީގެ އެޖެންޑާގެ ފަހަތަށް ޖެއްސުމަށްފަހު، ޗެޓްލޮގް ލީކުވި މައްސަލަ އެޖެންޑާގެ ކުރިއަށް ގެނެސް އެ ކަމާބެހޭގޮތުން ކޮމިޓީން ގޮތެއް ނިންމަން ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފެވެ.
ޒަމީލުގެ މައްސަލައާބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި، ކޮމިޓީ ބައްދަލުވުމުގައި، މަޖިލިސް ރައީސް ހުށަހެޅުއްވި ގޮތަށް، ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ކޮމިޓީން ބަލަން ފެންނަ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުން ފާހެއް ނުވި އެވެ.
އޭގެ ބަދަލުގައި ކޮމިޓީން ފާސްކުރީ ޒަމީލްގެ މައްސަލަ ކޮމިޓީން ބޭރުކޮށްލަން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވު މެވެ.
އެ ހުށަހެޅުން ފާސްކޮށްފައި ވަނީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވޯޓާ އެކުގައެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީ ދެވެ.
އެރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެކެވެ. އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގެ ޗެޓް ލޮގް ލީކު ކޮށްލުމުގެ ސަބަބުން މައްސަލަ ބޭރުކޮށްލަން ވޯޓު ދިން އެމްޑީޕީގެ މެންބަރުންނަށް ގިނަ ފުރައްސާރަ ތަަކަކާ ވަނީ ކުރިމަތިލާން ޖެހިފައިވެ އެވެ.
އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހަޅުއްވަމުން މެންބަރު ސަނީފު ވިދާޅުވީ، އެކަމުގެ ސަބަބުން އެ ބައްދަލުވުމުގައި ވޯޓު ދެއްވި މެންބަރުންނަށް ފުރައްސާރަ އާއި ބިރުދައްކައި، އިންޒާރުތައް އަންނަމުންދާ ކަމަށެވެ. އޭގެ އިތުރުން މެންބަރުންގެ އާއިލާގެ ބައެއް ފަރާތްތަކަށްވެސް އެ ނުރައްކާ ދިމާވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން ކޮމިޓީގެ ސިއްރު ބައްދަލުވުމެއް ލީކު ކޮށްލި މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށާއި، އެކަން ހިގާފައިވާގޮތް ކޮމިޓީގެ މުގައްރިރު ބައްލަވައި އެކަންކުރި ފަރާތްތަކަށް ފިޔަވަޅު އަލާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެއީ ޖިނާއީ ކަމެއް ހިމެނޭ ކަމަކަށް ވާތީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްވެސް ސަނީފު ހުށަހެޅުއްވި އެވެ.
ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މަނަދޫ ދާިއރާގެ މެންބަރު އަހުމަދު ހާރޫން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްވެސް އެކަމުުގެ ކަންބޮޑުވުން ފާޅު ކޮށް ވާހަކަ ދެއްކެވި އެވެ.
އެ މެންބަރުން ވިދާޅުވީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގައި ސިއްރު ކުރި ކޮޓީއެއްގެ މައުލޫމާތުތަކެއް އެގޮތަށް ލީކު ކޮށްލުމަކީ ކުރިއަށްއޮތްތަނުގައި ގައުމީ މަސްލަހަތުތަކެއް ވެސް ލީކު ކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އެކަކު އަނެކަކާމާމެދު ނަފްރަތު އުފައްދައި ދޮގުވާހަކަ ދެއްކުން ހުއްޓުވުމަށް މަޖިލީހަށް ބިލެއް ފޮނުވާފައިވާ މިދަނޑިވަޅުގައި، އެކަމަކީ މަޖިލީހުގެ މެންބަރުންތަކެއްގެ އަގު ވައްޓާލައި އެމީހުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް މަޖިލީހުގެ އެހެން މެންބަރުންތަކެއް ހިންގި ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށްވެސް އެ މެންބަރުން ވިދާޅުވި އެވެ.
މިކަމާބެހޭގޮތުން ކޮމިޓީގައި ބަހުސް ކުރުމަށްފަހު އެމައްސަލަ ބެލުމަށް ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި މި ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނެވެ.
މި ކޮމިޓީއަށް ތާއީދު ކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް