ޓްރާންސްޕޯޓު އޮތޯރިޓީން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން، ނިމިފައި ހުންނަ ލައިސަންސް ކާޑާއި ރަޖިސްޓްރީ ނެގުމަށް ޕިކް ޕޯސްޓް ސްޓޭޝަނެއް ގާއިމުކޮށް ހަފުތާގެ ހުރިހައި ދުވަހަކުވެސް މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. މި ހިދުމަތް ތައާރަފުކޮށްފައި ވަނީ ިދިޔަ ހޯމަ ދުވަހު އެވެ.
ކުރީން އޮންނަ ގޮތުން ނަމަ، މި ހިދުމަތް ހޯދުމަށް ޓަކައި ޖެހޭނީ ޓްރާންސްޕޯޓު އޮތޯރިޓީއަށް ގޮސް ނަންބަރެއް ނަގައިގެން ކިޔުގައި ޖެހޭންށެވެ. ހިދުމަތް ލިބެމުން އައީ ހަފުތާއަކު ފަސް ދުވަހު އެވެ. އެއީ ރަސްމީ ދުވަސްތަކުގައި އެކަންޏެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން އެ ގޮތަށް ހިދުމަތް ދިނުމަށް ވެސް އޮތީ ހުރަސްތަކެއް މެދުވެރިވެފަ އެވެ.
"ވަން" އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި، މިނިސްޓަރު ނަހުލާ މިއަދު ވިދާޅުވީ ޓްރާންސްޕޯޓުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސް ކުރުމަށާއި ފަސޭހަ ކުރުމަށް ޓަކައި ގިނަ ކަންތައްތަކެއް ކުރިޔަށް އެބަ ގެންދަވާ ކަމަށާއި މިއީ އެކަންކަމުގެ ތެރެއިން އެއް ކަންތައް ކަމަށެވެ.
"ޓްރާންސްޕޯޓު އޮތޯރިޓީން ރައްޔިތުން ހޯއްދަވާ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން ހޯއްދަވާ ހިދުމަތްތަކުގެ ތެރޭގައި މި ދެ ހިދުމަތް އެބަ ހިމެނޭ. ކުރީން އޮންނަ ގޮތުން ނަމަ މިއީ ތަކުލީފު ބޮޑު ކަމެއް، ރައްޔިތުންގެ ގިނަ ވަގުތުތަކެއް ވެސް މި ކަމުގަ ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް. އަދި ވަކީން ހާއްސަކޮށް ކޮވިޑުގެ ހާލަތަށް ބަލާއިރު މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް އިތުރު ރައްކާތެރިކަން ވެސް ކަށަވަރުވެގެން ދާނެ." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ލައިސަންސް ކާޑާއި ރަޖިސްޓްރީ ނެގުމަށް ހާއްސަކޮށްފައިވާ ޕިކް ޕޯސްޓު ސްޓޭޝަން ގާއިމުކޮށްފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީ (ކުރީގެ ސްޓާ ސިނަމާ) ހުންނަ ބިލްޑުންގެ ދެވަނަ ފަންގިފިލާގަ އެވެ. ރަޖިސްޓްރީ ނުވަތަ ކާޑުގެ ހިދުމަތަށް އެދިފައިވާ މީހުންގެ ކާޑު ނުވަތަ ރަޖިސްޓްރީ ނިމުމުން، އެކަން އަންގައި އެމީހެއްގެ ފޯނަށް ޕިން ކޯޑެއް މެސެޖު ކުރާނެ ކަމަށާއި އެއިރުން ޕިކް ޕޯސްޓު ސްޓޭޝަނަށް ގޮސް އެ ކޯޑް ޖަހައިގެން އެ ތަކެތި ނެގޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ