އެކަށީގެންވާ މުވައްޒަފުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ޖެހޭ ކަމަށް ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި އެ ބިލަކީ މަޖިލިސް ރައީސަށް ރަސްމީ ގެކޮޅު ހަމަޖައްސައި އެ ގެކޮޅޮގެ ސެކިއުރިޓީއާ ބެހޭ ކަންކަން ހަމަޖެއްސުމަށް ގާނޫނުން ލާޒިމުކޮށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސް އެ ބައިތައް ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.

މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައި ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނެފައިވަނީ މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ވާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކަމަށާއި އެ ގެކޮޅަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާ ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެކުގައި ދިރިއުޅޭ، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންމަ އާއި ބައްޕަ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭން ވާނެ ކަމަށްވެސް ބިލުގައިވެއެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާނީ، އެ ގާނޫނު ފާސް ވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އެމަނިކުފާނު ހުންނަވާ ހާއްސަ ރަސްމީ ގެކޮޅެއް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.

އެ ހަމަލާއާށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމުގެ މަސައްކަތް ގާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް އެޓާނީ ޖެނެރަލަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވިއެވެ.