ކޮވިޑް ބަލީގައި މިއަދު މީހަކު މަރު ވެ އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 190 އަށް އަރައިފި އެވެ.
ކޮވިޑް ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައި ވަނީ އިއްޔެ ހެނދުނު 9:13 ގައެވެ. އެއީ ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެކެވެ.
މިއަދު އެ ބަލީގައި މަރުވެފައިވަނީވެސް 77 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އިއްޔެއަކީ ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީން މީހަކު މަރު ނުދެ ދިޔަ ފުރަތަމަ ދުވަހެވެ.
ކޮވިޑުގައި ރާއްޖެ އިން މަރުވި 190 މީހުންގެ ތެރެއިން 175 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 15 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު