އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަަހަރީ އާންމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ 13:00 ގައި ފަހިވޯޓު މެދުވެރިކޮށް ކަމަށެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 19 ގެ ނިޔަަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.

އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ފައިސާ ބަހާނެ އަދަދު ފާސްކުރުމާއި، ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި އަދި އިންތިހާބުވެފައިވާ ފަރާތްތައް އިއުލާން ކުރުމާއި، މިދިޔަ އަހަރުގެ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ފާސްކުރުމާއި، ކުރިއަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަނުކުރުން އޮންނާނެއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިސާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން މިމަހުގެ 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓާ ކުރަން ޖެހެއެވެ.