އެސްޓްރާޒެނެކާ ވެކްސިންގެ ފަސް ލައްކަ ޑޯޒު އަންނަ ޖުލައި މަހުގެ ތެރޭގައި ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ވެކްސިން ޖެހުން ކަމަށާއި އެގޮތުން މިހާތަނަށް އާބާދީގެ 70 އިންސައްތަ މީހުންނަށް ފުރަތަމަ ޑޯޒް އަދި 39 އިންސައްތަ މީހުންނަށް ދެވަނަ ޑޯޒް ޖެހިފައިވާ ކަމަށެވެ.
"ފުރަތަމަ ޑޯޒް 311،742 މީހަކަށް ވަނީ ޖަހައިދެވިފައި، އެއީ އާބާދީގެ 70 އިންސައްތަ. 39 ޕަސަންޓް މީހުންނަށް ދެވަނަ ޑޯޒް ޖެހިއްޖެ، އެއީ 172،263 މީހުން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން 700،000 ޑޯޒް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެކަމާ ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ދެއްވަމުން ރައީސް ވިދާޅުވީ، އެކުންފުންޏާއެކު މިއަދުވެސް ބައްދަލުވުމެއް ބޭއްވުނު ކަމަށާއި އަންނަ މަހުގެ ތެރޭގައި ވެކްސިންގެ 500،000 ޑޯޒް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
"އެ ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން ޔަގީންކަން ދީފައި މިވަނީ ޖުލައި މަހުގެ ތެރޭގައި ފަސް ލައްކަ ޑޯޒް ރައްދު ކޮށްދެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު އަންނަނީ ރަޝީއާގެ ސްޕްޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ގަތުމަށްވެސް މަސައްކަތް ކުރަމުންނެވެ. ރައީސް ވިދާޅުވީ، ސްޕްޓިކް ވެކްސިން ގަތުމުގެ ސަޕްލައި އެއްބަސްވުމުގައި ސޮއިކުރެވުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ ތެރޭގައި ވެކްސިން ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިންވެސް މިމަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ވެކްސިނެއް ކަމެއް އަދި ވެކްސިންގެ ޑޯޒްގެ އަދަދެއް ވިދާޅެއް ނުވެއެވެ.
އެމެރިކާގެ އިތުރުން ކެނެޑާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު