އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އައިމިނަތު ޝައުނާއަަށް ރުހުން އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ޝައުނާއަށް ރުހުން ދޭން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޝައުނާއަށް ރުހުންދޭން ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ. ޝައުނާއަށް ރުހުން އޮތް ކަމަށް ފާސްކުރަން ބޭނުންވަނީ 33 ވޯޓެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީގެ ނަން ބަދަލުކޮށް އެ މިނިސްޓްރީގެ ވަޒީރު ކަމަށް، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި ޝައުނާ ހަމަޖެއްސެވީ ހުސްވި މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން، އެދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބަދަލުކުރައްވައިފައެވެ.

އެ ބަދަލާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ކުރަމުން އައި އެންމެހައި މަސައްކަތްތައް ކުރަމުން ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނެވެ.

އެ މަސައްކަތްތައް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގައި ތިބި މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ވަނީ ބަދަލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ގެންނެވި އަނެއް ބަދަލަކީ ފިޝަރީސް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަން ކުރެއްވުމެވެ. ޝައުނާއާއެކު ޑރ. ހުސެއިން އަށްވެސް މަޖިލީހުން ރުހުން ހޯދުމުގެ މައްސަލަ ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވިއެވެ.

ނަމަވެސް ޑރ. ހުސެއިންގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހިއްސާ އޮތުމުން އޭނާއަށް ރުހުން ދިނުމުގެ މައްސަލަ ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައި އެކަމަށް ރައީސް އޮފީހުގެ ލަފައަކަށް އެދުނެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ގާނޫނީ ހުރަހެއް ނެތް ކަމަށް، ރައީސް އޮފީހުން މެއި 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާދީފައެވެ.