ކޮވިޑް ޖެހިގެން މިއަދު އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 188 އަށް އަރައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 75 އަހަރުގެ ފިރިހެނަކު މިރޭ ވަނީ މަރުވެފައެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ތިންވަނަ މީހާއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 86 އަހަރުގެ ފިރިހެނަކު ރޭ ދަންވަރު މަރުވެފައިވާ އިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންގެންދިޔަ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު ވަނީ މަރުވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 188 އަށް އަރައިފައެވެ. އެއީ 173 ދިވެހިންނާއި 15 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.