އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުކޮށްފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 143 ވޯޓުންނެވެ. އަދި މިނިސްޓަރު ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އިންތިހާބުން ހޯއްދެވި ކާމިޔާބަށްފަހު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ވޯޓުދެއްވި ހުރިހާ ބޭފުޅުންނާއި އެ ފުރުސަތު ދެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ފަހުރުވެރިވާނެ ކާމިޔާބީއެއް ކަމަށާއި މިއީ ރައީސް ސޯލިހުގެ ސަރުކާރު މުޅި ދުނިޔެ ބަލައިގަތް ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ކާމިޔާބަކީ ރައީސް ސޯލިހުގެ ސަރުކާރަށް ލިބިގެންދިޔަ ބޮޑު ކާމިޔާބެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ އެ ޖަމިއްޔާގެ އެންމެ މަތީ މަގާމެވެ. މިއީ އެ މަގާމަށް ރާއްޖޭގެ ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުކުރާނީ ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. އެގޮތުން މިފަހަރު އެ ފުރުސަތު ލިބުނީ ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިނިސްޓަރު ޝާހިދަށް އެ މަގާމުގައި އެއް އަހަރުގެ ދައުރެއް ލިބިވަޑައިގަންނަވާނެއެވެ. މިހާރު އެ މަގާމުގައި ހުންނެވީ ތުރުކީގެ ވޮލްކާން ބޮޒްކިރްއެވެ.

ރާއްޖެއިން އދ. ގެ މެމްބަރު ގައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.