(05 ޖޫން ގެ އަދަދާ ގުޅޭ)

ދޮރޯއްޓާ ސަތޭކަ ފަންސާހަކަށް ފޫޓާ ހަމަޔަށް ކައިރިވެވަޑައިގެންނެވުނުއިރު أحمد އަށާއި حسن އަށް އެބޭފުޅުންގެ އަރިހުން ފެނިވަޑައިގަންނަވަނީ އެންމެ ހަތްދިހަވަރަކަށް ރިޟާކާރުންނާއި ބަރުބަރީ ހަ މުޖާހިދުންނެވެ. ކުއްލިޔަކަށް ނަސްރާނީން ރިޟާކާރުންގެ ކުރިމަތީން ދުރުވެ ވާތްކަނާތްފަރާތަށް އަރައިފިއެވެ. އެއާއެކު ކުރިމަތީން އަންނާންފެށީ ދުނީގެ ވާރެއެވެ. އިރުކޮޅަކުވެސް މަޑުކޮށްލުންވާނީ މުޖާހިދުންގެ އެ މަދު މީސްކޮޅުގެ ފަނާވުން ކަމުގައެވެ. އެހެންކަމުން މުޖާހިދުންގެ އެމީސްކޮޅު ފުރިހަމަ ބާރާއެކު ދޮރޯއްޓާ ދިމާޔަށްދާން ފަށައިފިއެވެ. ތިރީހަކަށް ޒުވާނުން ދޮރޯއްޓާ ހަމަޔަށް ދިޔުމުގައި ކާމިޔާބު ހޯދައިފިއެވެ. أحمد، اللّـه أكبــر އެވެ ވިދާޅުވެ ނަޢުރާ ކުރައްވަމުން ނަސްރާނީއެއްގެ ކޮނޑުމަތީގައި ކަނޑީން ޖައްސަވައިފިއެވެ. أحمد ގެ ނަޢުރާގެ ޖަވާބުގައި ދޮރޯށީގެ ބޭރުންވެސް اللّـه أكبــر، اللّـه أكبــر ގެ އަޑު އަންނާން ފަށައިފިއެވެ. އެއަޑު އިވުމާއެކު މުޖާހިދުންނަށް އައު ރޫޙެއް ލިބިއްޖެއެވެ. أحمد އާއި حسن ގެ އެކުވެރީން ނަޞާރާއިންގެ އެތައްބަޔަކު ޤަތުލުކުރުމަށްފަހު ދޮރޯށިތެރެޔަށް ވަދެއްޖެއެވެ. ދޮރޯއްޓަށް ފުރަގަސްދީގެންތިބެ ދުޝްމިނުންގެ ޙަމަލަތައް ދިފާޢުކުރާން ފަށައިފިއެވެ.

"ދޮރު ހުޅުވާ! ދޮރު ހުޅުވާ!" حسن އެހެން ގޮވައިލައްވަމުން ކުރިޔަށް އަރައިވަޑައިގެން ޙަމަލަދެއްވައި ދުޝްމިނުން ދޮރޯއްޓާ ފޭކުރައްވައިފިއެވެ. އެކަމަކު ދުޝްމިނުން ރާޅެއް ފަދައިން ކުރިޔަށް އަތުވެއްޖެއެވެ. އެއްފަހަރާ ދެމީހެއްގެ ދެ ލޮންސި حسن ގެ މޭފުޅަށް ވައްދައިލައިފިއެވެ. އަނެކެއްގެ ކަނޑިއެތިފަހަރު އެރީ حسن ގެ ކޮނޑުފުޅަށެވެ. حسن ޝަހީދުވެގެން ވެއްޓިވަޑައިގެންފިއެވެ. حسن ގެ އަރިހުގައި ހުންނެވި ޣަރުނާޠާގެ ރިޟާކާރު إلـيــاس ވެސް ޒަޚަމުވެގެން ވެއްޓިވަޑައިގެންފިއެވެ. އެކަމަކު މުޖާހިދުންގެ ދިހަވަރަކަށް މީހުން ދޮރޯށީގެ ކުރިމަތީގައި ސަފެއް ހަދައިލައިފިއެވެ. أحمد ދެންތިބި މުޖާހިދުންގެ މީސްކޮޅާއެކު ދޮރޯށި ހުޅުއްވަން މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ. ޢީސާއީން ފުރިހަމަ ބާރާއެކު ޙަމަލަދީ މުޖާހިދުންގެ ބާކީ ތިބި މީސްކޮޅުގެ ތެރެއިންވެސް އެއްބަޔަކު ޝަހީދުކޮށްލިއެވެ. ނަޞާރާއިން ކިއްލާގެ ދޮރު ހުޅުވުނަ ނުދޭން ދަގަނޑު ޗޭނުގެ ބަދަލުގައި ބޭނުންކުރާ މާސިންގާ ލަކުޑި ބެރި އެއްފަރާތްކޮށްލެއްވުމުގައި أحمد އާއި އޭނާގެ އެކުވެރީން ކާމިޔާބު ހޯއްދަވައިފިއެވެ. أحمد އެވަރުގަދަ ދޮރުގެ އެއްފަޅީގައި ހިއްޕަވައިފައި ވަރަށް ބާރަށް އެތެރެޔަށް ދަންމަވައިގެންފައި اللّـه أكبــر ގެ ނަޢުރާ ކުރެއްވުމާއެކު ކިއްލާގެ ބޭރުގައިތިބި ބަރުބަރީ މުޖާހިދުން ޠޫފާނީ ވައިރޯޅިތަކެއް ފަދައިން ކިއްލާއަށް ވަދެގެންފިއެވެ. ފުރިހަމަ ހައިބަތާއި އައުދާނަކަމާއި ކީރިތިކަމާއެކު ބަރުބަރީ މުޖާހިދުންނަށް އިރުޝާދު ދެއްވަމުން ގެންދެވި ޣާޒީއަކީ أميـر يـوسف بــن تـاشـفـيـن އެވެ! ކިއްލާގެ ތެރޭގައި ހަނގުރާމަކުރަމުން ގެންދިޔަ ރިޟާކާރުންނާއި މުލޫކުއްޠަވާއިފުންގެ ލަޝްކަރުގެ ބާޣީ ސިފައިންނާއި ބަރުބަރީ މުޖާހިދުންގެ ތެރެއިން

أميـر يـوسف އާ އިސްތިޤުބާލު ކުރަންތިބީ އެންމެ ދިހަ މުޖާހިދުންނެވެ! أميـر يـوسف އެތެރެއަށް ވެދެވަޑައިގެންނެވުމާއެކު ދުޝްމިނު ނަސްރާނީން ފުރިހަމަ ބާރާއެކު ފަހަތަށްޖެހޭން ފަށައިފިއެވެ.

أميـر يـوسف ގެ އަމުރުފުޅަށް މުރާބިޠީންގެ ލަޝްކަރު ކިއްލާގެ އިރުމަތީ ފާރާއި އެފާރުގެ އެތެރޭގައި އޮންނަ ޚަންދަޤާ ދެމެދުން ކުރިމަތީންނާއި ކަނާތްފަރާތުންނާއި ވާތްފަރާތުން ވަރުގަދަ ޙަމަލަތަކެއްދޭން ފަށައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި ދުޝްމިނުންގެ ކަށްތައް އެސަރަޙައްދުގައި ފުނިފުނި ޖެހިއްޖެއެވެ. އެތެރޭގެ ޙިޞާރު (އެތެރެ ފާރު) ގެ ފާރަވެރީން ވަނީ ޚަންދަޤުގެ މަތީން އަޅައިފައިހުރި ފާލަންތައް ނަގައިފައެވެ. އެހެންކަމުން މުރާބިޠީނުގެ ފައުޖުގެ ކުރިމަތީން ދެރަވެގެން ފަހަތަށްޖެހޭ ނަސްރާނީންނަށް ޖެހެނީ ކަނާތްފަރާތުންނާއި ވާތްފަރާތުން ކެވިގެން ހުޅަނގުފަރާތުން ސަލާމަތެއް ލިބޭތޯ ދުވާށެވެ. أميـر يـوسف އެމަނިކުފާނުގެ އަރިހުގައި އައި މުރާބިޠީންގެ ލަޝްކަރު ދެބަޔަށް ބައްސަވައިފައި ދެކުނުފަރާތާއި އުތުރުފަރާތުގައިހުރި ދުޝްމިނުންގެ ދިފާޢީ ތަންތަން ފުނޑުފުނޑުކޮށްލަން އަންގަވައިފިއެވެ. މުރާބިޠީނުން ދެފަރާތުން ނަޞާރާއިން ލަވަމުން ގެންދިޔައީ ކިއްލާގެ ހުޅަނގުފަރާތަށެވެ.

ތަންކޮޅެއްކުރީން ނަޞާރާއިން ކިއްލާގެ އިރުމައްޗަށް ސަމާލުކަން ދިންވަގުތު سيـر بــن أبى بـكـر ވަނީ ދަނޑިވަޅުގެ ބޭނުންކުރައްވައިފައެވެ. އޭނާ ވަނީ ވަރަށް ވަރުގަދަ ޙަމަލައެއް ދެއްވައިގެން ހުޅަނގު ދޮރު ހިއްޕަވައި އެދޮރުން އެތެރެޔަށް ވެދެވަޑައިގެންފައެވެ. އެހެންކަމުން ހުޅަނގުފަރާތުންނާއި އިރުމަތީފަރާތުން ދެމުންގެންދިޔަ ވަރުގަދަ ޙަމަލަތަކުގެ ސަބަބުން ޢީސާއީންވަނީ ހާސްވެ ގޮތްހުސްވެފައެވެ. އެބައިމީހުން ގޮތްހުސްވެގެން ދެކޮޅުން ދެކޮޅަށް ދުވާންފަށައިފިއެވެ. ސިފައިންގެ އެއްބަޔަކު ހަތިޔާރު ބަހައްޓައިފިއެވެ. އަނެއްބަޔަކު ޚަންދަޤަށް ފުމޭންފަށައިފިއެވެ. އަނެއްބަޔަކު އަސްގުދަންތަކާއި ގެރިބަކަރިޔަށް ކާންދޭ ހުއި ރައްކާކުރާ ތަންތަނަށާއި ފޯރުމާލު ރައްކާކުރާ ގުދަންތަކަށްވަދެ ފިލޭތޯ މަސައްކަތްކުރާން ފަށައިފިއެވެ.

އެތެރޭ ޙިޞާރުގެ ފާރު މާކައުހެއް ނޫނެވެ. އެކަމަކު ޚަންދަޤުގެ ސަބަބުން އެފާރަށް ސީދާ ޙަމަލަދޭކަށެއް ފަސޭހައެއް ނޫނެވެ. سيـر بــن أبى بـكـر، أميـر يـوسف ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "ދެން ޙަމަލަ ކުރިޔަށް ގެންދާނެ ގޮތަކާމެދު ބޭބޭފުޅުގެ އަމުރުފުޅަކީ ކޮބައިތޯ؟"

أميـر يـوسف އެތެރޭގެ ޙިޞާރުގެ އެންމެ އުސްމުންނާރާ ދިމާޔަށް އަތްޕުޅުން އިޝާރާތް ކުރައްވައިފައި ވިދާޅުވިއެވެ. "މިއަދުގެ ޝަހީދުންގެ ރޫޙުފުޅުތައް އެމުންނާރުގެ މަތީން އަޅުގަނޑުމެންގެ މަސައްކަތް ބައްލަވަމުން އެބަގެންދަވާ. އެހެންކަމުން އެ ޙިޞާރު ފަތަޙަނުކޮށެއް އަޅުގަނޑުމެންގެ ކަނޑިތަކެއް އުރަޔަކަށް ނުވަންނާނެ!"

سيـر ވިދާޅުވިއެވެ. "ޙިޞާރުގެ އެތެރޭގައި ދުޝްމިނުންގެ ވަރަށްގިނަ ސިފައިން އަދިވެސް އެބަތިބި. އަޅުގަނޑުމެން ހަތަރުފަރާތުން މަރުކަޒު ހަދައިގެން ސާބިތުވެލަނިކޮށް އެމީހުން ވަރަށް އަވަހަށް ހަތިޔާރު ބަހައްޓައިފާނެ!"

أميـر يـوسف ވިދާޅުވިއެވެ. "ބޭބެވެސް ކުރީން ނިންމައިގެންހުރީ ޙިޞްނުއްލައިޠު އެންމެދުވަހަކުން ފަތަޙަ ނުކުރެވޭނެކަމަށް. އެކަމަކު އިރުމަތީ ދޮރޯށީގެ ވަށަވަށައިގެން ވިހުރުވިފައި މިހިރަ ޝަހީދުންގެ ހަށިކޮޅުތައް ބޭބެއަށް ޚަބަރުދެނީ ޙިޞްނުއްލައިޠު ފަތަޙަނުކޮށް ދިގުދެންމުމަކީ ޤުދުރަތުން އެދިވޮޑިގެންވާ ކަމެއް ނޫންކަމަށް. މާސިންގާ ލަޝްކަރެއް އެކަމަށް ބޭނުންވާކަމެއް އަންދަލުސުގެ ރިޟާކާރުންގެ މަދުމީސްކޮޅެއްގެ ހިތްވަރާއި ފަންވަރުން މިވަނީ ކޮށްނިންމައިލައިފައި. މިއީ މީގެ އިރުކޮޅެއްގެ ކުރީން ބަޔަކަށް ގަބޫލުކުރެވޭނެ ކަމެއްނޫން.

އަންދަލުސުގެ ރިޟާކާރުން އެ އަދާކުރީ ހަމައެކަނި މުލޫކުއްޠަވާއިފުންގެ ޣަދަރުވެރިކަމުގެ ކައްފާރާއެއް ނޫން. އެމީހުން އެވަނީ އަޅުގަނޑުމެންގެ ފަތަޙައިގެ އަގުވެސް އަދާކޮށްފައި. ކޮއްކޮ ވަޑައިގެން މި ޙިޞާރުގެ ތެރޭގައި މިހިރަހައި ހުއިގުދަންތަކާއި ފޯރުމާލު ރައްކާކުރާ ތަންތަނުގައި ރޯކޮށްލަން އަންގަވާ! ބޭރު ފާރުގައި ތިއްބައިފައިހުރި ދުޝްމިނުންގެ ސާޅަނގަތަކުގެ ތެރެއިން ބޭނުންކުރެވޭގޮތަށްހުރި ހުރިހާ ސާޅަނގަތަކަކުން އެތެރޭ ޙިޞާރުގެ ތެރެޔަށް އަލިފާންބޯޅައާއި ހިލަ އުކަން އަންގަވާ!

އެތެރޭ ޙިޞާރުގެ ވަށަވަށައިގެންހުރި ފޯރުމާލު ގުދަންތަކާއި ޖަނަވާރަށް ކާންދޭ ވިނައިގެ ފުނިފުނިވަރުން އަލިފާނުގެ ބިރުވެރި ހުޅުގަނޑު އަރާން ފަށައިފިއެވެ. އެތެރޭގެ ޙިޞާރު ބޯ ދުމުގެ ވިލާގަނޑުގަނޑުގެ ބަނޑުދަށުލައިފިއެވެ. ބައެއްފަހަރަށް ވައިރޯޅިއާއެކު އަލިފާނުގެ ހުޅުގަނޑުވެސް އެތެރެޔަށް ވަންނާން ފަށައިފިއެވެ. سيـر بــن أبى بـكـر ގެ އަމުރުފުޅަށް މުޖާހިދުން ދުނީގެ ވާރޭގެ ތެރޭގައިގޮސް ބޮޑެތި ހުއިގަޓަރިތައް ގެންގޮސް އެތެރޭ ޙިޞާރުގެ ދެކުނު ދޮރުކައިރިޔަށް ފުނިޖަހާން ފަށައިފިއެވެ. ދޮރުގެ ވަށައިގެން ޚަންދަޤު ފުރައިލެވުމާއެކު އެހުއިތަކުގައިވެސް ރޯކޮށްލައިފިއެވެ. އެތެރޭ ޙިޞާރުގެ ދެކުނު ދޮރުގައިވެސް އިރުކޮޅެއްގެ ތެރޭގައި އަލިފާން ރޯވެއްޖެއެވެ.

އެތެރޭގެ ޙިޞާރުގެ ތެރޭގައި ތިބި ދުޝްމިނުން ކުރީއްސުރެތިބީ އަލިފާނާއި ދުމުގެ ސަބަބުން ބިރުގެންފައެވެ. އަނެއްކާ ސާޅަނގަތަކުން އުކާ އަލިފާން ބޯޅަތަކުގެ ސަބަބުން ކަންބޮޑުވެގެން އެބައިމީހުން ކުއްލިޔަކަށް އުތުރުފަރާތުން ޚަންދަޤުގެ ފާލަންތައް ތިރިކޮށްފިއެވެ. އެތެރޭގެ ޙިޞާރު ދިފާޢުކުރަން ދަގަނޑުދަހަނާ އަޅައިގެންތިބި ފަސްހާސް ސިފައިން ފާލަންތަކުން ދުވެފައި ބޭރަށް ނުކުންނާން ފަށައިފިއެވެ. أميـر يـوسف ގެ އަމުރުފުޅަށް މުރާބިޠީންގެ ލޮންސިހެވީން އެދިމާއިން ސަފުތައް ދަމައިލައިފިއެވެ. ދުޝްމިނުންގެ ސިފައިންގެ ދެބައިކުޅައެއްބައި އެތެރޭ ޙިޞާރުން ބޭރަށް ނުކުތުމާއެކު أميـر يـوسف ޙަމަލަދޭން އަމުރުކުރައްވައިފިއެވެ. ބަރުބަރީންގެ އެންމެ ޙަމަލަޔަކުން އެތެރޭ ޙިޞާރުގެ ދޮރޯއްޓަށް ވެރިވެއްޖެއެވެ. ދެވަނަ ޙަމަލައިގައި ނަޞާރާއިން ގިއްގަޅުވައިލައިފައި އެތެރެޔަށް ވަދެގެންފިއެވެ. މިހާރު ޢީސާއީންގެ ލަޝްކަރު ވަނީ އެތެރޭ ޙިޞާރުން ބޭރަށް ނުކުމެފައެވެ. ބަރުބަރީންގެ ގޮނީގެ ތެރޭގައި ހައްޔަރުވެފައެވެ. އެހައިތަނަށް ބޭރަށް ނުނުކުމެވިތިބި މީހުންނަކަށް ބޭރަށް ނުކުމެވޭކަށެއް ނެތެވެ. ބޭރަށް ނުކުމެވުނު މީހުން އެންމެފަހު ފަހަރަށް ވަރުގަދަ ޙަމަލައެއް ދީފިއެވެ. ވަރަށްބޮޑަށް ލޭއޮހޮރުނު މަޢުރިކާއަކަށްފަހު ނަޞާރާއިންގެ މީސްކޮޅަކަށް ކިއްލާއިން ބޭރަށް ނުކުމެވިއްޖެއެވެ. ބަރުބަރީން ވަގުތުން ދޮރުމަތީގައި އައުގެމަތައް އަތުރައިލައިފިއެވެ. ޙިޞާރުގެ ތެރޭގައި ޙަމަލަދެމުން ގެންދިޔަ މުރާބިޠީނުންނަށް މަގު ދައްކަވަމުން ގެންދެވީ ޚުދު أميـر يـوسف އެވެ. އެމަނިކުފާނުގެ ކަނޑިކޮޅުން ގެންދެވީ ދުޝްމިނުންގެ ބޯތަކަށް ހޮނުއަޅުއްވަމުންނެވެ. އެމަނިކުފާނުގެ ދަހަނާކޮޅު ހުރީ ލެއިން ތަތްތެޅިފައެވެ. ކިއްލާއަށް ވެދެވަޑައިގެންނެވިފަހުން އެމަނިކުފާނުގެ އަތްޕުޅުންވަނީ އެތައް ކަނޑިކޮޅެއް ބިނދިފައެވެ. މުރާބިޠީނުން އެތެރޭގެ ޙިޞާރުގެ ދެބައިކުޅައެއްބަޔަށް ވެރިވާއިރަށް ނަސްރާނީ ދުޝްމިނުން ހަތިޔާރު ބަހައްޓައިފިއެވެ.

أميـر يـوسف ވަގުތުން ހަނގުރާމަ ހުއްޓުމުގެ އިޢުލާނު ކުރައްވައިފިއެވެ. ކޮމާންޑަރުން އެމަނިކުފާނުގެ އަމުރުފުޅު ހަމައެވަގުތު ކިއްލާގެ އެއްފަރާތުން އަނެއްފަރާތަށް އިއްވައިފިއެވެ. އެހިނދު މުޖާހިދުންގެ ކަނޑިތައް ވަގުތުން ތިރިކޮށްލައިފިއެވެ. މާޔޫސްވެފައިތިބި ނަޞާރާއިންނަށް ހީވީ أميـر يـوسف މުސްލިމުންނަށް ހަމައެކަނި އަމުރެއް ކޮށްލެއްވީކީ ނޫންހެންނެވެ. ސިފައިންގެ އެންމެންގެ އަތްތަކުގައި އެއްފަހަރާ ހިފެހެއްޓެވީހެންނެވެ. أميـر يـوسف އަށް ކިއްލާގެ ދެކުނުފަރާތުގައިވެސް އަލިފާންގަނޑު ފެތުރޭތަން ފެނިވަޑައިގެންނެވުމާއެކު ޢަސީރުން އަވަހަށް ބޭރަށް ނެރޭން އަންގަވައިފިއެވެ.

* * * * * * * * * * *

މިއީ އިންތިހާދަރަޖައިގެ މަތިވެރި ފަތަޙައެކެވެ. ނުހަނު ބޮޑު ކާމިޔާބީއެކެވެ. އެކަމަކު أميـر يـوسف ގެ މޫނުފުޅުމަތީގައި އުފާވެރިކަމެއްނެތެވެ. ހިނިތުންވެވަޑައިގެންނެވުމުގެ އަސަރެއް ނެތެވެ. މޫނުފުޅުމަތީގައި ފެތުރިފައިހުރީ ހިތާމަފުޅާއި މޮޅިވެރިކަމުގެ ވިލާތަކެވެ. އެންމެ ބިރުވެރި މަޢުރިކާތަކުގެ ތެރެއިންވެސް ސިފައިންނަށް އެމަނިކުފާނު ފެނިފައިވަނީ ހިނިފުޅު ވަޑުވާތަނެވެ. އެކަމަކު މިއަދުގެ ޝަހީދުންގެ އަދަދު ފެނިވަޑައިގެންނެވުމުން މުލޫކުއްޠަވާއިފުންނާމެދު އެމަނިކުފާނުގެ ކޯފާއާއި ހިތާމަފުޅު ފާޅުކުރައްވާނެ ޢިބާރާތްތަކެއްވެސް ހިތްޕުޅަކަށް ނުގެންނެވުނެވެ.

(ނުނިމޭ)