އަނިޔާގެ ސަބަބުން ސްކޮޑުން ބާކީ ވި ލިވަޕޫލްގެ ޑިފެންޑަރު އެލެކްސެންޑްރާ އާނޯލްޑްގެ ބަދަލުގައި އިންގްލެންޑް ސްކޮޑުން ބެން ވައިޓަށް ޖާގަ ދީފިއެވެ.

އިންގްލެންޑުން ތިން ދުވަސް ކުރިން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އާނޯލްޑްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބާލަން ޖެހިފައެވެ. ރިޕޯޓްތަކަށްފަހު އިންގްލެންޑުން ބުނީ އާނޯލްޑްގެ ފަލަމަސްގަނޑުގެ ކުއަޑްރަސެޕް ވީދައިގެން ގޮސްފައިވާ ކަމަށެވެ. އަނިޔާގެ ސަބަބުން އާނޯލްޑް ހަ ހަފުތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

އާނޯލްޑްގެ ބަދަލުގައި ނަގާ ކުޅުންތެރިޔާ އިއުލާން ކުރަން ކޯޗު ސައުތުގޭޓް މަޑުކޮށްފައި ވަނީ ރޭ އެގައުމުން ރޮމޭނިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު އޮތުމުންނެވެ. އެ މެޗަށްފަހު އާނޯލްޑްގެ ބަދަލުގައި ޔޫރޯއަށް ގެންދާނެ ކުޅުންތެރިޔާ އިއުލާން ކުރާނެ ކަމަށް ކޯޗު ވަނީ ކުރިންވެސް ބުނެފައެވެ.

އުމުރުން 23 އަހަރުގެ ބްރައިޓަން ޑިފެންޑަރު ވައިޓް އިނގިރޭސި ޖާޒީގައި ކުޅުނު ފުރަތަމަ މެޗު ކުޅުނީ އޮސްޓްރިއާއާ ދެކޮޅަށެވެ. އޭގެ ފަހުން ވައިޓް ވަނީ ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ސެންޓްރަލް ޑިފެންޑަރެއްގެ މަގާމަށް ފުރަތަމަ 11 ގައި ކުޅެފައެވެ.

އާނޯލްޑްގެ ބަދަލުގައި ސްކޮޑަށް ނަގާނެ ކުޅުންތެރިންގެ ސްޓޭންޑް ބައި ލިސްޓްގައި ސައުތުގޭޓް ހިމަނާފައި ވަނީ އެވަޓަންގެ ބެން ގޮޑްފްރޭއާއި ސައުތުހޭމްޓަންގެ ކެޕްޓަން ޖޭމްސް ވާޑްޕުރޯސްގެ އިތުރުން ބެން ވައިޓެވެ. އިންގްލެންޑް ސްކޮޑުގެ ސްޓޭންޑްބައި ލިސްޓްގައި މިވަގުތުވެސް ޖެސޭ ލިންގާޑްގެ އިތުރުން އޮލީ ވޮޓްކިންސް އެބަތިއްބެވެ.

އިންގްލެންޑުން ގްރޫޕް ޑީގައި ކުޅޭ ފުރަތަމަ މެޗަށް ޖޫން 13 ވަނަ ދުވަހު ކްރޮއޭޝިއާ ދެކޮޅަށް ނުކުންނައިރު، އަދިވެސް އަނިޔާގެ މައްސަލަތަކުގެ މާޔޫސްކަން އެބައޮތެވެ. ހެރީ މެގުއާގެ އިތުރުން ޖޯޑަން ހެންޑަސަންގެ ފިޓްނަސް މައްސަލަތަކުގެ ވާހަކަ އަދިވެސް މީޑިއާގައި ދެކެވެމުންދެއެވެ. އެހެންނަމަވެސް ރޭގެ މެޗުގެ ދެވަނަ ހާފަށް ސައުތުގޭޓް ވަނީ ލިވަޕޫލް ކެޕްޓަން ޖޯޑަން ހެންޑަސަން ކުޅެން ނެރެފައެވެ. އެއީ މިއަހަރު ފެބްރުއަރީއަށްފަހު ހެންޑަސަން ކުޅުނު ފުރަތަމަ މެޗެވެ.