އިންގްލެންޑުން ޔޫރޯއަށް ތައްޔާރުވުމަށް ކުޅުނު އެންމެ ފަހު އެކުވެރިކަމުގެ މެޗުގައި ރޮމޭނިއާ ބަލިކޮށްފިއެވެ.

ރޭ ރިވާސައިޑް ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ ކެޕްޓަން ބޭންޑްގައި ނުކުތް މާކަސް ރަޝްފޯޑެވެ.

ރޭގެ މެޗަށްވެސް ކޯޗު ގެރެތު ސައުތުގޭޓް ނެރެފައިވަނީ ފެންވަރު ވަޒަން ކޮށްލުމަށް ނެރެފައިވާ ޓީމެކެވެ. މެޗުގެ ފުރަތަމަ 11 ގައި ބެން ގޮޑްފްރޭއާއި ބެން ވައިޓް އަދި ޖޭމްސް ވާޑްޕްރޯސް ނެރެފައިވާއިރު، އޭގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކު އިންގްލެންޑުގެ ފައިނަލް ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

މެޗުގައި އިންގްލެންޑުން ރަނގަޅަށް އެޓޭކް ކޮށް، ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެދުތެރެއިން ޖެކް ގްރީލިޝްގެ ހުނަރުވެރިކަން އިންތިހާއަށް ފާހަގަކޮށްލެވިފައިވާއިރު، ކުރިއަށް ކުޅުނު ޑޮމިނިކް ކަލްވާޓްލެވިންއާއި ޖޭޑަން ސާންޗޯގެ ހަމަލާތައް ވަނީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. މެޗުގައި އެންމެ އެކަށޭނެ ކުޅުމެއް ރަޝްފޯޑްގެ ފަރާތުން ނުފެނުނު ނަމަވެސް ލިބުނު ޕެނެލްޓީގައި ލީޑު ނަގައިދިނީ އޭނާއެވެ.

ސައުތުގޭޓަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނީ ޔޫރޯ ފެށުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޖޯޑަން ހެންޑަސަން ފިޓްވެ، ދަނޑު މައްޗަށް ނުކުތުމެވެ. ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން މިއަހަރު ފެބްރުއަރީއަށް ފަހު ނުކުޅެ ހުރި ނަމަވެސް ސައުތުގޭޓްގެ ސްކޮޑަށް ނެގީ ފިޓްވާނެ ކަމަށް ބަލައިފައެވެ. ހާއްސަކޮށް ހެންޑަސަންގެ މުހިއްމުކަން އިންގްލެންޑަށް އަބަދުވެސް ބޮޑުވާތީއެވެ.

މެޗުގައި ހެންޑަސަންއަށް ގޯލް ޖަހާނެ ފުރުސަތެއްވެސް ލިބިގެން ދިޔައެވެ. އިންގްލެންޑަށް ދެވަނަ ހާފުގައި ލިބުނު ޕެނެލްޓީ ހެންޑަސަން ޖެހި ނަމަވެސް ރޮމޭނިއާ ގޯލްކީޕަރު ވަނީ ޕެނެލްޓީ މަތަކޮށްފައެވެ. އިންގްލެންޑުން ޔޫރޯގެ ފުރަތަމަ މެޗުގައި ގްރޫޕް ޑީގެ ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ ޖޫން 13 ވަނަ ދުވަހުއެވެ.