ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ރާއްޖޭގައި ނިޔާވި އެންމެ ހަގު ކުއްޖާ ކަމަށްވާ އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ

މަރާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދައުރުކުރަމުންދާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިޝްކާގެ އާއިލާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ މިޝްކާގެ މަރާ ގުޅިގެން ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ތަފާތު ވާހަކަދައްކައި ތެދު ނޫން މައުލޫމާތު ޝާއިއު ކުރާ ކުރުން ކުށްވެރިކޮށްފައެވެ.

އާއިލާއިން ބުނީ، މިޝްކާގެ މަރުގެ މައްސަލައިގައި ގާނޫނީ ލަފާ ހޯދަމުން އަންނަ ނަމަވެސް އެއްވެސް ވަކީލަކު ނުވަތަ ލޯ ފާމެއް އައްޔަނުކޮށްފައެއް ނުވާނެ ކަމަށެވެ.

"މިއީ އާއިލާއަށް ފޫނުބެއްދޭ ވަރުގެ ހިތާމައަކާ ކުރިމަތިވެފައިވާ ވަގުތެއްކަން ގަބޫލުކޮށް އާއިލާއަށް އިތުރު ހިތްދަތިކަމަކާއި ތުރާލަކަށް ވާފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުުކުރެއްވުމަށް ވަރަށް އަބަދުވެރިކަމާއެކު އެދެމެވެ..،" މިޝްކާގެ އާއިލާއިން ބުންޏެވެ.

މިޝްކާގެ މަރާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު ހެލްތު މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ރިޕޯޓެއް އާންމުކޮށްފައިވާ އިރު، އެ ރިޕޯޓުގައި ވަނީ އިހުމާލުގެ އެތައް ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން އެމަޖެންސީ ހާލަތެއް ކަމުގައި ބެލިފައި ނެތުމާއި، އެފަދަ ހާލަތެއްގައި އަމަލު ކުރާ އުސޫލުން އަމަލުކޮށްފައި ނުވުމާއި، އެމްބިއުލާންސް އައުމަށް ދެ ގަޑިއިރާއި 26 މިނެޓް ހޭދަވުމާއި، މިޝްކާގެ ހާލަތުގެ ސީރިއަސްކަމާއި، އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާ ކަން ވަނީ ފާހަކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި އިހުމާލުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށް ފަހު އެކަން ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމަށް އާންމު ފަރާތަކުން ވަނީ ފުލުހުގައިވެސް އެދިފައެވެ.