ޕްރިންސް ހެރީ އަދި މެގަން މާކެލް އަށް ދަރިކަނބަލަކު ލިބިވަޑައިގެންފިއެވެ.
ހެރީގެ މާމާފުޅު ރާނީ އެލިޒަބަތުގެ ނަމާއި އަދި މަންމާފުޅު ޕްރިންސެސް ޑަޔާނާގެ ނަމާއި ގުޅުވައި ލިލިބެޓް ''ލިލީ'' ޑަޔާނާ މައުންޓްބެޓަން-ވިންޑްސާ ގެ ނަމުން މިހާރު ނަން ދީފައިވާ މި ދަރިކަނބަލުން އުފަންވެ ވަޑައިގެންފައިވަނީ ކެލިފޯނިއާގެ ސެންޓާ ބާބަރާ ހޮސްޕިޓަލުގައި ހުކުރު ދުވަހުގައެވެ.
ޕްރިންސް ހެރީ އަދި މެގަން މާކެލް ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ މެގަން އަދި ދަރިކަނބަލުންގެ ހާލުވެސް ރަނގަޅުކަމަށް ވިދާޅުވެފަ އެވެ. ދަރިކަނބަލުންނަށް ލިލީބެޓް ގެ ނަން ދީފައިވަނީ އެއީ ރާނީ އެލިޒަބަތަށް އާއިލާއިން މުހާތަބުކުރައްވާ ނަންފުޅަށް ނިސްބަތްކޮށް ކަމަށާއި އަދި ޑަޔާނާގެ ނަމާ ގުޅުވާލާފައިވަނީ ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއާ ގުޅުވާލައްވާކަން ބަޔާންކުރައްވާފައިވެ އެވެ.
ލިލިބެޓް ދުނިޔެއަށް އުފަންވެވަޑައިގެންފައިވަނީ ކެލިފޯނިއާ ގަޑިން ހުކުރު ދުވަހުގެ ހެނދުނު 11.40 ގައި ކަމަށާއި ބަރުދަނުގައި 7 ޕައުންޑު 11 އައުންސް (3.2 ކިލޯ) ހުރި ކަމަށާއި، އަދި މިހާރު ދެމައިން ގެއަށް ބަދަލުކުރެވިފައިވާ ކަމުގައިވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
މި ދަރިކަނބަލުންނަކީ ރާނީ އެލިޒަބަތަށް މުނިމާމަ ވިދާޅުވާނެ 11ވަނަ ދަރިކަނބަލެވެ.
ޕްރިންސް ހެރީ އަދި މެގަން މާކެލް ހިންގަވާ ޖަމިއްޔާ އާޗްވެލްގެ ވެބްސައިޓުގައި ވަނީ އެ ދެމަފިރިންގެ ދަރިކަނބަލުން ލިލީ ޖޫން 4 ވަނަ ދުވަހު ދުނިޔެއަށް މަރުހަބާކިޔުއްވާފައިވާކަން ހިއްސާކުރައްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގަންނަވަމުން އަންނަ ލޯތްބާއި ހިތްވަރަށް ޝުކުރު އަދާކުރައްވާކަމަށާއި އެއްވެސް ފަރާތަކުން ހަދިޔާއެއް ދެއްވަން ބޭނުންފުޅުވާ ނަމަ، އަންހެނުންނާއި އަންހެންކުދީންގެ ހައްގުގައި އެ ދެމަފިރިން ހިންގަވަމުން ގެންދަވާ އެ ޖަމިއްޔާއިން ކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލެއްވުން ދެއްވައި ޖަމިއްޔާގެ މަސައްކަތްތަކަށް ބޮޑަށް ހޭލުންތެރިވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ދަރިކަނބަލުންގެ ފޮޓޯއެއް މީޑިއާގައި އަދި ހިއްސާކުރައްވާފައެއް ނުވެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ޕްރިންސް ހެރީގެ ދެމަފިރިންނަށް ތަހުނިޔާ ރައްދު ކުރައްވައި ޓުވީޓެއް ކުރައްވާފައެވެ.
މިހަބަރާ ގުޅޭ ގޮތުން ބަކިންގްހަމް ޕެލަސް އިން ނެރުނު ބަޔާނުގައިވަނީ ރާނީ އަދި ޕްރިންސް އޮފް ވޭލްސް، ޑަޗެސް އޮފް ކޯންވޯލް، ޑޫކް އެންޑް ޑަޗަސް އޮފް ކޭމްބްރިޖާ މިހަބަރު ހިއްސާ ކުރެވިފައިވާ ކަމަށާއި މިއުފަލުގައި ބައިވެރިވާކަން ބަޔާންކުރައްވާފަ އެވެ.
ޕްރިންސް ހެރީ 36އ، އަދި މެގަން މާކެލް 39އ، ކައިވެނިފުޅު ބައްލަވައިގެންފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހު ވިންޑްސާ ކާސަލްގައެވެ. ޖެހިގެން އައި އަހަރު ފުރަތަމަ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން-ވިންޑްސާ ވަނީ ލިބިވަޑައިގެންފައެވެ.
މެގަންގެ ރަހުމަތްތެރިއެއް ކަމަށްވާ މިސަން ހެރިމަން ވަނީ އޭނާ ނަގާފައިވާ މިދެމަފިރިންނާއި ދަރިކަލުންގެ ކަޅާއި ހުދުގެ ފޮޓޯއެއް ހިއްސާކުރަމުން މަރުހަބާ ކިޔައި ޓުވީޓުކޮށްފައެވެ.
ޕްރިންސް ހެރީ އަދި މެގަން މާކެލް ޝާހީ ހިދުމަތްތަކުން 2020 ވަނަ އަހަރު އެކަހެރިވެ އާއިލާއާ ދުރަށް ޖެހިވަޑައިގެން ދިރިއުޅުއްވަމުން ގެންދަވަނީ ކެލިފޯނިއާގައެވެ.